
މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިފިއެވެ.
އެމަނިކުފާނު މިހެން އެންގެވިކަން އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.
އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެންގެވުމަށް ރައީސް ޞާލިހު ވިދާޅުވީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކަށް ރިއާޔަތްކޮށްކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ލޮޅުންތައް އެބޭފުޅާ ފާހަގަކުރެއްވިއެވެ.
ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި މުވައްޒަފުންގެ މުސާރަ ކުޑަކުރުންފަދަ ފިޔަވަޅެއް އަޅާފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅަން އަދި ނިންމާފައި ނުވާކަމަށެވެ.
ކޮރޯނާ ވައިރަސް ހަލުއިކަމާއެކު ގައުމުތަކުގައި ފެތުރެމުންދާއިރު މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީންނެވެ. އެހެންކަމުން ކްރޯނާ ވައިރަހާ ގުޅިގެން ދިވެހި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން މިހާރުވަނީ ޗައިނާއަށް އެއްވެސް ގޮތަކަށް އެތެރެވެފައިވާ އެއްވެސް މީހަކަށް ރާއްޖެއަށް ނާދެވޭ ކަމަށް އަންގާފައެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއިން ކަމަށްވާތީ ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ވަރަށްބޮޑަށް ދަށްވެގެން ދާނެއެވެ.
ކޮރޯނާ ވައިރަސް ފެތުރޭތީ ނިމިގެންދިޔަ ޖެނުއަރީމަހުގެ ނިޔަލަށް 11،115 ބުކިން ކެންސަލް ކޮށްފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓްސް (0)