މަސްވެރިންނަށް އަގުހެކޮށް ޑީސެލް ފޯރުކޮށްދިނުމަށާ ކަރަންޓުގެ އަގު މިހާރަށް ވުރެ ހެޔޮ ކުރުމުގެ ބޭނުމުގައި ޑީސަލް އިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ޑިސެލް އިން ޑިއުޓީ ކަނޑާލުމަށްޓަކައި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މަޖިލިހުގައި އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކަރަންޓުގެއަގު މިހާރަށްވުރެ ހެޔޮކުރުމަށާއި މަސްވެރިންނަށް އަގުހެޔޮކޮށް ޑީސެލް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މަސްވެރިކަން ކުރާ ދޯނި ފަހަރު ބޭނުން ކުރާ ޑީސެލާއި ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލް އިން އިމްޕޯޓް ޑިއުޓީ މާފްކޮށްދިނުމަށް މުސްތަފާ ވަނީ ހުށަހަޅާފައެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދަކަށް ވާއިރު ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ކަރަންޓު އުފައްދާ ފަރާތްތަކާއި އޮޑިދޯނި ފަހަރުން ބޭނުން ކުރާ ޑީސަލުން ޑިއުޓީ މާފް ކުރާނީ އެކަމަށް އެދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހުށަހެޅުމުންނެވެ. އަދި ޑިއުޓީ މާފްކޮށްދިނުމުގައި އަމަލު ކުރާނެ އުސޫލެއް ބަޔާން ކުރަން ޖެހޭ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.
ކޮމެންޓްސް (0)