ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާއާ ގުޅިގެން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމުން އިންޑިޔާއިން ވަގުތުން އެހީވިފަދަ ޙާލަތެއް މިވަގުތު ރާއްޖޭގައި ނެތްކަމަށް އިންޑިއާގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަދި ކުރީގެ ފޮރިން ސެކްރެޓަރީ ޝިވްޝަންކަރް މެނޮން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެއާ މެދު އިންޑިއާއިން ގެންގުޅޭ ސިޔާސަތު ދިފާއުކުރައްވައި ވާހަކަ ދައްކަވަމުން މެނޮން ވިދާޅުވީ ރާއްޖޭގައި ވަކި މީހަކު ވެރިކަމުގައި ބެހެއްޓުމުގެ މަސްލަހަތެއް އިންޑިއާ އަށް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަންޖެހޭފަދަ ޙާލަތެއް ރާއްޖޭގައި ނެތްކަމަށެވެ.
“ރާއްޖޭގެ ސަރުކާރު ނުވަތަ ވަކި ސިޔާތަކެއް އިންޑިއާއިން ކަނޑައަޅަންޖެހޭ މަސްލަހަތެއް އޮތް ކަމަކަށް ނުދެކެން. ވަކި މީހަކު ވެރިކަމަށް ގެނައުމަށް އިންޑިޔާއިން ބާރުގެ ބޭނުން ކުރަންޖެހޭނެ ކަމަކަށްވެސް ނުދެކެން” މެނޮން ވިދާޅުވި އެވެ.
ފެބުރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ކުއްލި ޙުކުމާ ގުޅިގެން، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިންޑިއާގެ އަސްކަރީ އެހީތެރިކަމާ އެކު ރާއްޖޭގެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނޮވެމްބަރު 3 ގެ ހާދިސާއަށް އިޝާރާތް ކުރައްވައި، މޮނޮން ވިދާޅުވީ ދެ ހާލަތު ވަރަށް ތަފާތު ކަމަށެވެ.
މެނޮން މިފަދައިން ވިދާޅުވެފައިވާއިރު، އިންޑިޔާ ސަރުކާރުން އެއްވެސް ބާރެއް ރާއްޖެއާ ދެކޮޅަށް ބޭނުން ނުކުރާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓްސް (0)