ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމާއި ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ޔާމީނުގެ މައްޗަށް އިއްވި 4 އަހަރުގެ ޖަލު ހުކުމްވެސް ބާތިލުކޮށް، އަލުން މިދެ މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ހައި ކޯޓުން ހުކުމްކުރުމާ ގުޅިގެން ޔާމީން މިނިވަން ވެއްޖެވެ.  

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޖުމްލަ 11 އަހަރަށް ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު، 2022 ގައި ހުކުމްކުރި އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހަތަރު އަހަރުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފަ އެވެ.

މަނީ ލޯންޑްރިންގެ މައްސަލައާ ގުޅިގެން ހައި ކޯޓުން ރޭ ކުރި ހުކުމުގައިވަނީ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކަމަށް ވާއިރު، ރިޝްވަތު މައްސަލާގެ ޖަލު ހުކުމް ބާތިލް ކޮށްފައިވާތީ މަނީ ލޯންޑްރިންގެ ކުށުގެ ރުކުން ނެތިގެންދާ ކަމަށެވެ.

ހުކުމުގައިވާ ގޮތުން ދަށު ކޯޓުން އަމަލުކުރި ގޮތުގެ ސަބަބުން ޔާމީނަށް ޝަރީއަތުގެ ކުރީގެ މަރުހަލާގައި ބައެއް ފުރުސަތު ގެއްލި، ބައެއް ހައްގުތައް ގެއްލިގެން ގޮސްފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއިން ފައިސާ ލިބިވަޑައިގަތް ކަމަށް ޔާމީންގެ މާލީ ބަޔާނުގައި އޮތް އޮތުމަކީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ވެސް ގޯސް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ވެސް ހައި ކޯޓުން މިއަދު ވަނީ ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން އަމުރުކޮށްފަ އެވެ.

އެ މައްސަލަ ބަލަން އަމުރު ކުރުމާ އެކު، އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަލުން ފަށާނެ އެވެ. އަދި ރ. ފުއްގިރި މައްސަލާގައި ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް އުފުލާފައި އެބައޮތެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ބަންދުވި އެވެ. އެއީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތްނަމަ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އެވެ.

އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅުއްވި ނަމަވެސް އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރާއްޖޭގައި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ބާކީހުރި މެޗުތައް ރާއްޖޭގައި ކުޅެން އޭއެފްސީން ނިންމައިފިއެވެ. ރާއްޖެއަށް މި ...

މަޖިލިހުގެ މިއަދުގެ ޖަލްސާވެސް އީވާ ސަލާމުގައި ހުންނެވުމުން ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ މިއަދުވެސް ސަލާމުގައި ހުންނެވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ...

ކޮވިޑް 19- ރާއްޖޭގެ ހާލަތު : އިތުރު ދިވެއްސަކު ރޭ ދަންވަރު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ދެމުން ގެންދިޔަ އިތުރު ދިވެއްސަކު  ރޭ ދަންވަރު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ...