ސްޕެނިޝް ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެވެ.
ވެލެންސިއާގެ ދަނޑުގައި ރޭ ކުޅެވުނު މިމެޗުން ރެއާލް މެޑްރިޑު މޮޅުވެފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މިމެޗުގެ ފުރަތަމަ ހާފްގައި ރެއާލްމެޑްރިޑުން 2 ލަނޑު ކާމިޔާބުކޮށްފައިވާއިރު މިދެ ލަނޑަކީވެސް އެޓީމަށް ލިބުނު ދެ ޕެނަލްޓީން ކާމިޔާބުކޮށްފައިވާ ދެ ލަނޑެވެ.
މިގޮތުން އެޓީމުގެ ފުރަތަމަ ލަނޑު 16 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އަދި 38 ވަނަ މިނިޓްގައި ލިބުނު ދެވަނަ ޕެނަލްޓީން ރެއާލްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. ރޮނާލްޑޯ މިމެޗްގައި ޖެހި ދެ ޕެނަލްޓީއަކީ އޭނާގެ ކެރިއަރުގައި ޖެހި 100 އަދި 101 ވަނަ ޕެނެލްޓީ ގޯލްއެވެ. ރޮނާލްޑޯއަކީ ލަލީގާގެ ތާރީހުގައިވެސް އެންމެ ގިނައިން ޕެނެލްޓީން ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ.
މިމެޗުގެ ފުރަތަމަ ހާފްގައި ރޮނާލްޑޯ ކާމިޔާބުކޮށްދިން ދެ ގޯލާއެކު ރެއާލްއިން ކުރީގައި އޮވެ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން މެޗުގެ 59 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. ވެލެންސިޔާގެ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސަންތީ މިނާއެވެ.
މިމެޗްގައި ރެއާލްއަށް ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ 84 ވަނަ މިނެޓުގައި މާސެލޯއެވެ. އަދި އެޓީމުގެ 4 ވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޯނީ ކުރޫސްއެވެ.
ރެއާލްމެޑްރިޑު މިމެޗުން މޮޅުވުމުން ތިންވަނައިގައި އޮތް ވެލެންސިއާއާ ރެއާލްވަނީ ދެ ޕޮއިންޓަށް ގާތް ކޮށްފައެވެ. ވެލެންސިއާ ތިންވަނައިގައި އޮތީ ކުޅުނު 21 މެޗުން 40 ޕޮއިންޓާއެކުގައެވެ. ވެލެންސިޔާއަށްވުރެ އެއް މެޗު މަދުން ކުޅެ ރެއާލްއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.
ކޮމެންޓްސް (0)