ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ރޭޓުތައް އެއްވަރުކޮށް މާޗު މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮ ކުރަން ނިންމައިފިއެވެ.
އެންވަރަމެންޓް މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ މާލެއާއި އަތޮޅުތެރޭގައި ކަރަންޓުގެ އަގު ތަފާތުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ކަރަންޓުގެ އަގަށް ބަދަލު ގެނެވުނީ ރައީސް އަބްދުﷲ ޔާމީން ކުރެއްވި މަސައްކަތް ޕުޅުން ކަމަށް ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ސަރުކާރުން ކުރި މަސައްކަތުން އަތޮޅުތެރޭގެ ހުރިހާ ހިސާބެއްގައި އެއް ރޭޓެއްގައި ކަރަންޓު ދެވޭ ވަރުވީ 2016 ވަނަ އަހަރު ކަމަށެވެ. ތޯރިގު ވިދާޅުވީ އެ މަސައްކަތަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ.
އެހިސާބުން އެމަސައްކަތް ނިންމާ ނުލާ ދެން ސަރުކާރުން ފެށީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އެއް އަގަކަށް ކަރަންޓު ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ކާމިޔާބުވެފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.
“ޕަސެންޓޭޖަށް ބަލާލާ ކަމަށްވާ ނަމަ މިއީ އަތޮޅުތެރޭގެ 85 ޕަސެންޓު ގާތްގަނޑަކަށް ކަރަންޓު މީޓަރުތައް ނޫނީ ގޭބިސީތަކަށް މާލޭގެ 400 އިން ދަށް ހިސާބު އެއްވަރު ވެގެން މިދިޔައީ. އޭގެ އިތުރަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ އަތޮޅު ތެރޭގައި އުޅެ ހުރިހާ އެންމެންނަށް ވެސް ކަރަންޓު އަގުހެޔޮ ވެގެން ދޭ،” ތޯރިގު ވިދާޅުވިއއެވެ.
ތޯރިގު ވިދާޅުވީ 400 ޔުނިޓާ ހަމައަށް ކަރަންޓު ބޭނުން ކުރާ ގޭގޭގައި 400 އެއްހާ ރުފިޔާ އަގު ހެޔޮ ވެގެންދާނެ ކަމަށެވެ. އަދި އޭގެ މަތިން ބޭނުން ކުރާ ގޭގެއަށް ވެސް އަގު ހެޔޮވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ 100 ޔުނިޓާއި ހަމައަށް މިހާރު ނަގަމުންދަނީ 2.50 ރުފިޔާ ކަމަށެވެ. ނަމަވެސް ބަދަލާއެކު ދެން ނަގާނީ 1.50 ރުފިޔާއަށް އަގު ތިރިވާނެ ކަމަށެވެ. 101 ޔުނިޓުން 200 ޔުނިޓާ ހަމައަށް ކުރިން އޮތީ 2.75 ރުފިޔާ ކަމަށާއި ބަދަލާއެކު 1.70 ރުފިޔާއަށް ހެޔޮވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. 201 ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމައަށް ކުރިން ދެނީ 3.40 ރުފިޔާއަށް ކަމަށާއި ބަދަލާއެކު 2.15 ލާރިއަށް ބަދަލުވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި 301 ޔުނިޓުން 400 ޔުނިޓާ ހަމައަށް ކުރިން ދިނީ 3.50 ރުފިޔާއަށް ކަމަށާއި މިހާރު 2.50 ރުފިޔާއަށް ބަދަލުވާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ އެ ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ މާޗު މަހުން ފެށިގެން ކަމަށްވާތީ މާޗު މަހުގެ ބިލާއެކު އެ ލުއި ލިބޭނެ ކަމަށެވެ.
ކޮމެންޓްސް (0)