ޙަސަދަވެރީންގެ ކިބައިން ސަލާމަތްވާނެ ގޮތް

ޙަސަދައަކީ އަނެކާގެ ކިބައިގައިވާ ނިޢުމަތެއް ނުވަތަ ހެޔޮކަމަކާއިމެދު ނަފްރަތުވެ، އޭނާގެ ކިބައިން އެކަން ފިލައި ދިއުމަށް އެދޭ އެދުމެވެ. ދެންފަހެ ހަސަދަވެރިޔާއީ، ތިމާ ހަސަދަވެރިވާ މީހާގެ މައްޗަށް އަބަދުވެސް އޭނާގެ ކުށްހޯދުމާއި، އޭނާ ދެރަކޮށް ނިކަމެތިކޮށްލުމާއި، އޭނާއަށް ދެރައްއެއް ދެވޭނެ ވަގުތެއްގެ އިންތިޒާރުގައި ބަލަބަލައި ހުންނާނެ މީހެކެވެ. އަދި އޭނާގެ ފުށުން ހެޔޮކަމެއް ފެނިއްޖެ ނަމަ އޭނާގެ އަގު ވައްޓާލައި، އެހެޔޮކަމުގެ ވާހަކައިގެ ބަދަލުގައި، އޭނާގެ ކޮންމެވެސް ނުބައިކަމެއްގެ ވާހަކަ، ނުވަތަ އޭނާއާއި މެދު ބުޚުތާނާއި، ދޮގާއި ތެދު މަސްހުނި ކޮށްގެނާއި އެގޮތް މިގޮތުން ވާހަކަތައް ދައްކައި ދުއްތުރާތައްކޮށްހަދާނެއެވެ. މިގޮތުން ދައްކާނެ ވާހަކައެއް ނުވަތަ ކިޔާނެ އެއްޗެއް ނެތިއްޖެނަމަ، އޭނާ ނޭވާލާ ގޮތާއިމެދު ނަމަވެސް ފާޑުކިޔައި އޭނާއާއި ދެކޮޅުވެރިކަން ފާޅުކުރާނެއެވެ. އެންމެ ފަހުން ހަސަދަވެރިޔާ ވާހުށީ އޭނާގެ ފުރާނަވެސް ދުއްވާލާފަދަ ރުޅިވެރިކަމެއްގައި، އޭނާ ދުނިޔެއިންވެސް ދުއްވާލާނެ ވަގުތަކަށް ބަލަބަލާ ހުންނާނެ މީހަކަށެވެ. މުސްލިމެއްގެ ނަމުގައި ހުރިނަމަވެސް، އީމާންކަމާއި ޙަސަދަވެރިކަން އޭނާގެ ހިތުގައި ޖަމާ ނުވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ފަދައިންނެވެ.

عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ)) {رواه النسائي (3109) وحسنه الألباني في “صحيح النسائي”}.
މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ.”

ކަންމިހެން އޮތްއިރު އަލިފާން ދަރުތައް އަންދާ ކައި ހުސްކޮށްލާފަދައިން ހަސަދަވެރިކަން އޭނާގެ ހެޔޮކަންތައް ކައި ހުސްކޮށްލައެވެ. އެގޮތުގައި މަރުވެއްޖެ ނަމަ އާޚިރުގައި އޭނާއަށް އޮތީ ވޭންދެނިވި ނަރަކައެވެ.
ޙަސަދަ ވެރިކަމުގެ ނުބައިކަން މިހާބޮޑުވެފައި، ޙަސަދަވެރިޔާގެ ނުރައްކާތެރިކަން ބޮޑުކަމުގައި ވީހިނދު، ޙަސަދަވެރީންގެ ކިބައިން ސަލާމަތް ވުމަށް އިބްނުލް ޤައްޔިމް ރަޙިމަހު ﷲ ބަޔާން ކުރައްވާފައިވާ ދިހަ ކަމެއް މިތަނުގައި ހިމަނާލާނަމެވެ. ފަހެ މިއީ އެސްފީނާއަޅާ މީހުނާއި، ޙަސަދަވެރީންނާއި ސިޙުރުވެރީންފަދަ މީހުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ކަންތައް ކުރަންވީ ގޮތްތަކެވެ.

  1. ޙަސަދަވެރިޔާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ގިނަގިނައިން ﷲ ގެ ޙަޟްރަތުގައި ދެންނެވުން. 
  2. ﷲއަށް ތަޤްވާވެރިވެ އެއިލާހުގެ އަމުރުފުޅު ތަކަށް ފުރިހަމަ އަށް ކިޔަމަންތެރިވެ، ނަހީތަކުން ފުރިހަމަ އަށް ދުރުހެލިވެ ރައްކާތެރިވުން:މިފަދައިން ޢަމަލުކުރާމީހުން މާތް ﷲ ބަލަހައްޓަވައެވެ. އަދި އެހެން ފަރާތްތަކަށް އޭނާ ދޫކޮށް ނުލައްވައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ.
    وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ )آل عمران: ١٢٠(
    މާނައީ: އަދި ތިޔަބައިމީހުންނަށް ދެރަކަމެއް އައިސް ޖެހިއްޖެނަމަ އެކަމަށް އެއުރެން އުފާކުރެތެވެ. އަދި، ތިޔަބައިމީހުން ކެތްކޮށް تقوى ވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.
    ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިބްނު ޢައްބާސް (ރ.އ) އަށް ޙަދީޘް ކުރެއްވިއެވެ.
    وقال النبي صلى الله عليه وسلم لعبد الله بن عباس:(احفَظِ اللَّهَ يحفَظكَ، احفَظِ اللَّهَ تَجِدْهُ تجاهَكَ) (رواه الترمذي)
    މާނައީ: “ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން އެއިލާހު ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ އަށް (އެބަހީ: އެއިލާހުގެ އަމުރުފުޅުތަކަށް) ތިބާ ރައްކާތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެއިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެއިލާހު ތިބާއަށް ހެޔޮމަގު ދައްކަވާނެއެވެ.)” ﷲ ގެ އަމުރުފުޅުތަކަށް ރައްކާތެރިވާމީހާ އެކަލާނގެ ރައްކާތެރިކުރައްވާނެއެވެ. އަދި އެމީހަކުވީ ކޮންމެ ތަނެއްގައި އެމީހަކަށް ތެދުމަގު ދައްކަވާނެއެވެ.
  3. ޢަދާވާތް ތެރިންގެ މައްޗަށް ކެތްތެރިވުން:އަދި ޢަދުއްވާއާ ދެކޮޅަށް ތަޅާ ޢަދާވާތްތެރިކަން ނުބޭއްވުން. އަދި އޭނާގެ ޝަކުވާ ނުކުރުމާއި އޭނާގެ ކިބައިން ލިބޭ ގެއްލުން ތަކުގެ ވާހަކަ ނުދެއްކުން. ޢަދާވާތްތެރިޔާގެ މައްޗަށް ކެތްތެރިވުމާއި ﷲ އަށް ވަކީލުކުރުމަށްވުރެ ބޮޑަށް ހަސަވެރިޔާގެ މައްޗަށް ނަޞްރުލިބޭނެ ކަމެއް ނުވާނެއެވެ.
  4. ފުރިހަމަ ގޮތުގައި ﷲ އަށް ވަކީލު ކުރުން: އެއިލާހަށް ވަކީލުކޮށް އިތުބާރުކުރާމީހަކަށް، ﷲ ފުދެއެވެ. މިއީ މަޚުލޫޤުންގެ ފުށުން އަންނަ ތަޙައްމަލް ނުކުރެވޭފަދަ ދަތިއުނދަގޫތަކާއި އަނިޔާވެރިކަމާއި ޢަދާވާތްތެރިކަން ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އޮތް އެންމެ ވަރުގަދަ އެއް ސަބަބެވެ. ހަމަކަށަވަރުން ﷲ އެމީހަކަށް ފުދިއްޖެމީހާގެ ހުރިހާ ހާޖަތްތަކެއް ފުދިއްޖެއެވެ. މިދެންނެވި ފަދައިން ﷲ އެމީހަކަށް ފުދިއްޖެ މީހާގެ ޢަދުއްވާއަށް އޭނާ ބޭނުންވާ ގެއްލުމެއް އެމީހަކަށް ނުދެވޭނެއެވެ. އެހެނެއްކަމަކު ގެއްލުން ވިޔަސް ވާނީ އެމީހަކަށް ޢާންމުކޮށްވެސް ވާފަދަ ކުދި ގެއްލުމެއެވެ. އެއީ ބަނޑުހައިހޫނުވުން، ކަރުހިއްކުން އަދި ހޫނާއި ފިނިގަދަވުން ފަދަ ކަންކަމެވެ.
  5. ޙަސަދަވެރިންނާއި މެދުގައި ވިސްނާ ފިކުރު ކުރުމުގައި ތިމާގެ ހިތް ޣަރަގުކޮށް ނުލުން:އަދި އެފަދަ މީހެއްގެ ވާހަކަ ހިތައް އައުމާއި އެކުގައިވެސް އެމީހެއްގެ މަތިން ހަނދާން ނައްތާލުމަށް މަސައްކަތް ކުރުން. އަދި އެފަދަ މީހުން ކުރާ ކަންތަކާއި މެދު ބިރުވެތިވެ ނޫޅުން. މިއީ އޭނާގެ ނުބައިކަމުން ރައްކާތެރިވުމަށް އެންމެ ބޮޑަށް އެހީތެރިވާ އެއް ސަބަބެވެ. އަދި މިއީ މިކަމަށް އޮތް އެންމެ ރަގަޅު އެއް ފަރުވާއެވެ. އެހެނީ މިއީ އޭނާގެ ޢަދުއްވާ އޭނާއަށް ގެއްލުން ދިނުމަށްޓަކައި އޭނާ ހިފެހައްޓައި އަނިޔާ ކުރުމަށްޓަކައި ހޯދަން އުޅެ ނުފެނުން ކަހަލަ ކަމެކެވެ. އޭނާގެ ކިބައިން އަނެކާ އެކަހެރިވުމުން އޭނާ އަތުނުވީއެވެ. އެހެންނަމަވެސް އެގޮތަށް ނަހަދައި އޭނާއާ ކުރިމަތިލާ އޭނާ އަތުޖެހިއްޖެނަމަ އޭނާގެ ކިބައިން އަނެކާއަށް އަނިޔާފޯރައެވެ. (މިއީ ޙަޤީޤަތުގައި ވާ ގޮތެވެ). ހަމަމިފަދައިން އިންސާނާގެ ރޫޙަށްވެސް ހަސަދަވެރިޔާއާ މެދު ވިސްނާހެދުމުން ގެއްލުން ވެއެވެ.
  6. ﷲ އާއި ކުއްތަންވެ، ޢިޚްލާޞްތެރިވެ، އެކަލާނގެ ލޯބި ޙާޞިލުކުރުމާއި އެކަލާނގެއަށް ކިޔަމަންތެރިވެ ތައުބާވުމަކީ ނަފުސުގެ މައިގަނޑު މަޤްޞަދެއް ކަމުގައި ހަދާ ނަފުސުގެ އިޙުސާސުތަކާއި ޖަޒުބާތުތައް މިކަންކަމުގެ މައްޗަށް ހޭނުވުން:އެހެނީ މިގޮތަށް މީހާގެ ނަފުސުގެ ޖަޒުބާތުތައް ހާނައިފިނަމަ އޭނާގެ ހިތް އަބަދުވެސް އެދޭނީ ﷲ އާ ކުއްތަންވެ އެކަލާނގެ ލޯބި ހޯދުމަށެވެ. އަދި އެކަލާނގެއާ ގާތްވެ އެކަލާނގެ ޛިކުރު ކުރުމަށެވެ. އެހެންކަމުން ހަސަދަވެރިޔާއާ މެދު ހިތުގައި ނުތަނަވަސް ކަމެއް ވާނަމަ އެ އިހުސާސްތައް އޭނާގެ ހިތުން މަޑުމަޑުން ފިލަމުންގޮސް ހިތްއެއްކޮށް މި އިޙުސާސްތަކުން ސާފުވެދެއެވެ.
  7. އެފާފަތަކެއްގެ ސަބަބުން އޭނާގެ ޢަދުއްވާ އޭނާގެ މައްޗަށް ގަދަވެގަތް ފާފަތަކުން އިޚުލާޞްތެރިކަމާއެކު ﷲ އަށް ތައުބާވުން:ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
    وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ (الشورى: ٣٠)
    މާނައީ: “ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ.”
    އަޅާގެ މައްޗަށް އޭނާ ކުރި ފާފައެއްގެ ސަބަބުން މެނުވީ އޭނާގެ ޢަދުއްވާ ގަދަވެ ނުގަނެއެވެ. އެއީ އޭނާއަށް އިނގިގެން ކުރެވޭ ފާފައެއްކަމުގައި ވިޔަސް އަދި ނޭނގި ކުރެވޭ ފާފައެއް ކަމުގައި ވިޔަސް މެއެވެ. އަޅާއަށް ނޭނގި ކުރެވޭ ފާފަތައް އިނގިހުރެ ކުރެވޭ ފާފަތަކަށްވުރެ އެތައް ގުނައެއް އިތުރެވެ. އަދި އޭނާ ކުރި ޢަމަލުންނާއި ހޯދައިގަތް ޢިލްމުން އޭނާ ހަނދާން ހުންނަ މިންވަރަށް ވުރެ ހަނދާން ނެތިފައިވާ މިންވަރު އިތުރެވެ. ފާފައެއްގެ ސަބަބުން އަންނަ ކަމެއް އެފާފައަކުން ސަލާމަތް ވީމާ މެނުވީ ނުދާނެއެވެ.
  8. އެމީހަކަށް ކުޅަދާނަވީހާވެސް ގިނައިން ޞަދަގާތްކުރުމާއި މީސްތަކުންނަށް އިޙްސާންތެރިވުން:މިއީ އެސްފީނާއާއި، ޙަސަދައާއި ބަލާވެރި އެންމެހާ ކަންކަމުން ސަލާމަތްވުމުގައި ޢަޖައިބެއްފަދަ ތައުސީރެއް އެކުލެވޭ ކަމެކެވެ. މިކަމުގެ ހެއްކަކަށް އިސްވެ ގޮސްފައިވާ އުންމަތްތަކާއި މިއުންމަތުގެ މީހުންގެ ތަޖުރިބާތައް ފުދެއެވެ. އިޙުސާންތެރި ގިނަގިނައިން ޞަދަޤާތްކޮށް އުޅޭ މީހާގެ މައްޗަށް އެސްފީނާއާއި ޙަސަދައަށް ގަދަވެ ނުގަނެވެއެވެ. އެފަދަ ކަމެއް އޭނާއަށް ފަހަރުގައި ކުރިމަތިވިކަމުގައި ވިޔަސް އޭނާއާ މެދު އޯގާވެރިވެގެންވާ ގޮތްތައް މެދުވެރިވެ އޭނާއަށް އެކަމުން ފަސޭހައިން ސަލާމަތްވާނެ މަގެއް ދައްކަވާނެއެވެ. އިޙުސާންތެރި ގިނަގިނައިން ޞަދަޤާތްކޮށް އުޅޭ މީހާއީ އޭނާ ނިދާފައި އޮންނަ އިރުވެސް އޭނާއާ އެކު އޭނާއަށްޓަކައި ހަނގުރާމަކުރާނެ ލަޝްކަރެއް ލައްވާފައިވާ މީހެކެވެ. ޙިކުމަތްތެރި ބަސްފުޅުގައި ވާފަދައިންނެވެ.
  9. މިއީ މީސްތަކުންނަށް ކުރަން އެންމެ އުނދަގޫ ނަފްސުތަކަށް ބުރަ ކަމެކެވެ. އަދި ﷲ މިމަތިވެރި ނަޞީބު ދެއްވާފައިވާ މަދު މީހަކަށް މެނުވީ ނުވާ ކަމެކެވެ.
    އެއީ ހަސަދަވެރިވެ ޢަދާވާތްތެރިވާ މީހާއަށް ހެޔޮ ފޯރުވައި އޭނާގެ ހިތުގައިވާ ހަސަދައިގެ ހުޅުގަނޑު ނިއްވާލުމެވެ. ހަސަދަވެރިޔާގެ ހަސަދަވެރިކަމާއި އަނިޔާވެރިކަން އިތުރުވާވަރަކަށް އޭނާއަށް އިޙުސާންތެރިވާ ވަރު އިތުރުކުރުމެވެ.
    މިކަމުގައި އޭނާއަށް އެކަމުގެ ނުބައިކަމާމެދު ނަޞޭހަތްތެރިވުމާއި އޭނާއަށް ރަޙުމު ކުރުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
    أُولَـٰئِكَ يُؤْتَوْنَ أَجْرَهُم مَّرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٥٤﴾ (القصص: ٥٤)
    މާނައީ: “އެއުރެންނީ، ކެތްތެރިވިކަމަށްޓަކައި، އެއުރެންނަށް ދެފަހަރަށް ދަރުމަ ދެއްވާނޭ މީހުންނެވެ. އަދި އެއުރެން ހެއުކަންތައް މެދުވެރިކޮށް ނުބައިކަންތައް دفاع ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން އެއުރެން ހޭދަކުރެތެވެ.”
  10. މިއީ މަތީގައިވާ ހުރިހާ ކަމެއްގެ ޚުލާޞާވާ އެންމެ މުހިންމު ކަމެވެ.
    އެއީ، ﷲ އެއްކައުވަންތަކުރުން (އަޅުކަމުގައާއި އެހެން އެއްވެސްކަމެއްގައި ﷲއާއި އެހެން ފަރާތެއް އެއްވަރުނުކޮށް، ބައިވެރިނުކޮށް އަޅުކަން އަދާކުރުމާއި އެއިލާހަށް އެކަނި އެކަންކަން ޚާލިޞްކުރުން) އަދި އެންމެހާ އަސްބާބުތައް ﷲ އަށް ނިޞްބަތް ކުރުމެވެ. އަދި ދުނިޔޭގައިވާ އެންމެހާ ކަންކަމަކީ ﷲ ގެ އަމުރުފުޅަށް ވަކިގޮތަކަށް ވައިޖެހުން ފަދަ ކަމެއް ކަމެވެ. އެހެނީ މީހަކަށް ފައިދާ ދެނިވި ކެމެއްވެސް އަދު ގެއްލުން ދެނިވި ކަމެއްވެސް ﷲ އިޛުނަފުޅާ ލައިގެން މެނުވީ ނެވެއެވެ. އެހެނީ، އަޅާއަށް އިޙުސާންތެރިވެ ލައްވަނީ އަދި އަޅާގެ އެންމެހާ ކަންކަމެއް ހިންގަވަނީ ހަމައެކަނި އެކަލާނގެއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ (الأنعام: ١٧)
    މާނައީ: “އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. ”
    އަދި ޢަބްދުﷲ ބިން ޢައްބާސްގެފާނަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
    (وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ)( رواه الترمذي ، وأحمد ، والطبراني، والبيهقي في ((الاعتقاد))
    މާނައީ: “އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވާފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާސިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވާފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަށް ތިބާއަކަށް ނުދެވޭނެއެވެ.” އަޅާގެ ހިތް ތައުޙީދުން ފުރާލައިފިނަމަ، ﷲ ނޫން ފަރާތަކަށް އެއްވެސް ބިރެއް ނުގަންނާނެއެވެ. އަދި އޭނާގެ ޢަދުއްވާއަށްޓަކައި ގަންނަ ބިރަކީ އެއްވެސް ބުރަދަނެއް ހުރި އެއްޗަކަށް ނުވެއެވެ. ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެފައި ވެއެވެ. “ﷲ އަށް ބިރުވެތިވެއްޖެ މީހާދެކެ އެންމެހާ ތަކެތި ބިރުވެތިވެއެވެ. އަދި ﷲ އަށް ބިރުވެތިނުވާ މީހާ އެންމެހާ ތަކެތި ދެކެ ބިރުވެތިވެއެވެ.”

ފަހެ މިއީ ޙަސަދަވެރީންނާއި އެސްފީނާ އަޅާމީހުންނާއި ސިހުރުވެރީންގެ ކިބައިން ސަލާމަތްވުމަށްވާ 10 ސަބަބެވެ.
މިއީ އިބްނުލް ޤައްޔިމު ރަޙިމަހުﷲބަޔާން ކުރައްވާފައިވާ 10 ކަންތަކުގެ ޚުލާސާ އެކެވެ.

ބައްލަވާ: [بدائع الفوائد: ج2/ ص374]

އެހެންކަމުން އަބަދުވެސް ޙަސަދަވެރީންގެ ކިބައިން ސަލާމަތްވުމަށްޓަކައި ކޮންމެހެން ސަމާލުވާންވީ އެއްކަމަކީ ތިމާގެ ނިޢުމަތްތަކާއި އުފާވެރި ކަންތައްތައް ވީހާވެސް ފޮރުވުމަށެވެ. އެހެނީ ކޮންމެ ނިޢުމަތަކާއިމެދު ޙަސަދަވެރިވާނޭ ފަރާތެއް ވާނެއެވެ.

ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޘްކުރެއްވިއެވެ.
“اسْتَعِيْنُوْا عَلَى قَضَاءِ حَوَائِجِكُمْ بِالْكِتْمَانِ فَإِنَّ كُلَّ ذِي نِعْمَةٍ مَحْسُوْدٌ “
މާނައީ: ” ތިޔަބައިމީހުންގެ މަޤްޞަދުތައް ޙާޞިލްކޮށް ގަތުމުގެ މައްޗަށް، އެކަންކަން ވަންހަނާކޮށް ސިއްރުކުރުމުގައި އެހީތެރިކަން ހޯދާށެވެ! ފަހެ، ހަމަކަށަވަރުން ކޮންމެ ނިޢުމަތަކީ އެ ނިޢުމަތެއްގެ މައްޗަށް ޙަސަދަވެރިވެވޭ ނިޢުމަތެކެވެ. ” ( މުޢާޛްގެ ކިބައިން އައްޠަބަރާނީ)
ރާއްޖޭގެ ޤަދަރުވެރި ޝެއިޚެއްގެ އަރިހުގައި ދުވަސްވީ ބުއްދިވެރިއަކު ދެންނެވި ވާހަކައެއް ކަމަށް ޝެއިޚް ވިދާޅުވި ބަހެއް މިތަނުގައި ހިމަނާލާ ހިތްވެއެވެ. އެބުއްދިވެރިޔާ ޝެއިޚަށް ދެންނެވީ މިފަދަ ގޮތަކަށެވެ. “ތިބާ ފަހަތުން ޖައްސާލައިގެން ޙަސަދަވެރިވެގެން އުޅޭ މީހަކު ނެތް ނަމަ ހަނދާންކުރާށެވެ. ތިބާއަށް އަދި ހެޔޮކަމެއް ނުކުރެވެނީއެވެ. ނުވަތަ ތިބާ ނިޢުމަތްތަކާއި އަދި ކައިރި ނުވަނީއެވެ.”

މަސްދަރު: މައިތިރި ޑޮޓްކޮމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާއިން ދިން ވިސާގެ ލުއިތަކަށް އަންނަމަހު އަމަލު ކުރަންފަށަނީ

އިންޑިއާއިން ރާއްޖެއަށްދިން ވިސާގެ ލުއިތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. ...

ނަމާދުގެ ޖަމާއަތުގައި ގައިދުރުކުރުމާއި ގުނޫތު ކިޔުން ހުއްޓާލަން އަންގައިފި

މާލޭ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލް ކުރެވިފައި ވާތީ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ކިޔަމުންއައި ޤުނޫތު ...

މަސްއޫލިއްޔަތާ ހަވާލުވާ މީހުންގެ ކިބައިގައި، އެކަން އަދާކުރުމުގެ ގާބިލްކަން ނެތުމަކީ ފަހު ޒަމާނުގެ އަލާމާތެއް: ހުތުބާ

މަސްއޫލިއްޔަތުތަކާއި ހަވާލުވާ މީހުންގެ ކިބައިގައި، އެ ހަވާލުވާ މަސްއޫލިއްޔަތެއް އަދާކުރުމުގެ ގާބިލްކަން ނެތުމަކީ ފަހު ޒަމާނުގެ އަލާމާތެއް ކަމަށް މިއަދުގެ ...