ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި ފެށި ހިޔާ ފުލެޓުތަކުގެ ބޮޑުބައި ނިންމީ މި ސަރުކާރުން ކަމަށް ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، ޚާއްސަކޮށް މާލޭގައި އެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެކަން ހައްލުކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަމުން ގެންދާކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު ކުރީ ސަރުކާރުން ފެށި ބައެއް މަސައްކަތް ނުހިނގާ ވެސް ހުރި ކަމަށެވެ.
އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ބައެއް މަސައްކަތް ނުހިނގާ ވެސް ހުރި. ހުރިހާ މަސައްކަތެއްގެ ކްރެޑިޓް ނަގާކަށް އަޅުގަނޑު ނެތިން. އެހެން ނަމަވެސް ދަންނަވާފާނަން ވަރަށް ސާފުކޮށް ކެރިހުރެގެން.. ހިޔާ ފުލެޓުތަކުގެ ތެރެއިން ބައެއް ފުލެޓުތަކުގެ ފައުންޑޭޝަން އެކަނި އަޅާފަ ހުރީ އަޅުގަޑުމެން އައިއިރު. އަނެއް ބައި ތަންތަން ހުރީ ކޮންމެވެސް ވަރަކަށް ހަދާ ނިންމާފަ. ބޮޑުބައި އަޅުގަނޑުމެން އޮތް ޕްލޭނާ އެއްކޮށް ނިންމާލަދިނީ. އަދި މީގެ އިތުރަށް ވިނަރެސް ފުލެޓްތަކުގެ ފައުންޑޭޝަން ނުވެސް އަޅާ. އަޅުގަނޑުމެން އެކަން ވެސް ނިންމާލަދިނިން
އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވެރިކަން ބަދަލުވުމަކީ ހުރިހާ ކަމެއް އެއް ފަރާތް ކޮށްފައި މުޅިން އާ ކަންކަމެއް ފެށުން ނޫން ކަމަށާއި، ކުރީ ސަރުކާރަށް ނުނިމި ހުރި ކަންކަން ދެން އަންނަ ސަރުކާރަކުން ނިންމައިދިނުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލު ކަމަށެވެ.
ކޮމެންޓްސް (0)