އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރެވުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކޮށް ނިމިފައިވާތީ ބަލަންޖެހޭ ބެލުންތައް ބެލުމަށް ބުރާސްފަތިދުވަހު އެތަނަށް ހެލްތު މިނިނިސްޓްރީގެ ބޭފުޅުންނާއި ޕްލޭނިންގ މިނިސްޓްރީގެ ބޭފުޅުންގެ އިތުރަށް އެންޑީއޭގެ ބޭފުޅުންނާއި އިމާރާތުގެ މަސައްކަތްކުރި ރެއިންބޯގެ އިސްފަރާތްތަކުން ޒިޔާރަތްކޮށް އެތަން ބައްލަވާ ލައްވައިފިއެވެ.
15 މިލިއަން ރުފިޔާ އަށް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ގާއިމްކުރެވުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކުރުމަށް އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ފޯރުކޮށްދީފައިވާއިރު ދައުލަތުގެ ބަޖެޓުން މި އިމާރާތުގެ މަސައްކަތައް ހޭދަކޮށްފައިވަނީ 7.1 މިލިއަން ރުފިޔާއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރެވުނު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ 2020 ވަނަ އަހަރުގެ ޑިސެމްބަރ 12 ވަނަ ދުވަހު ބިންގާ އަޅުއްވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މިސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގައުމީ ތަރައްގީގައި ބައިވެރިވާ އުފެއްދުންތެރި ޒުވާނުންތަކެއް ބިނާކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަދި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަމެއް ކަމަށެވެ.
ގައުމުގެ ކުރިއެރުމާއި ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ގައުމީ ތަރައްގީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމަށެވެ.

އަދި މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމަށް މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމުވަނީ ވިދާޅުވެފައެވެ.
އެރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ މި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިއުމުގެ އިތުރަށް މިމަރުކަޒުގެ ހިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަންނަ ޖަނަވަރީމަހުގެތެރޭގައި މިތަނުގައި ޚިދުމަތް ދިނުމަށް ކަމާބެހޭފަރާތްތަކުންދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓްސް (0)