މާލޭ ސްކޫލެއްގައިވިޔަސް އަދި އެހެން ރަށެއްގައި ކިޔަވަމުން ދިޔަ ކުއްޖަކު ކަމުގައިވިޔަސް ކޮވިޑް ގެ ސަބަބުން އެކުއްޖާގެ އަމިއްލަރަށަށް ގޮސް މިވަގުތު ތިބި ކުދިންނަށް އެކުއްޖަކު ހުރި ރަށެއްގައި ހުރެގެން އެރަށެއްގެ ސްކޫލަކުން ކިޔެވުމުގެ ފުރުޞަތު ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ މިޙާލަތުގައި މާލޭގައި ތަޢުލީމު ޙާސިލުކުރާ ބައެއް ދަރިވަރުން ވަގުތީގޮތުން ރަށަށް ބަދަލުވެފައިވާތީ އެކުދިންގެ ކިއޔެވުމުގެ ކަންކަން މެދުނުކެނޑޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމް ކުރަމުންދާކަމަށެވެ.
އެގޮތުން ރަށަށް ގޮސްތިބި ކުދިންނަށް ސްކޫލްތައް ފެށުމުން، އެކުއްޖާ ކިޔަވަމުންދިޔަ ގްރޭޑްގައި ކިޔެވުމަށް ރަށު ސްކޫލުން ޖާގަލިބޭނެކަމަށެވެ. އަދި މިޙާލަތުގައި ދަރިވަރު ސްކޫލަށް ދިއުމަށް ކުރިންލީ ޔުނީފޯމްވެސް ބޭނުންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެއެވެ. މީގެ އިތުރުން ޙާލަތު ރަނގަޅުވެ ދަރިވަރުން އަންބުރާ މާލެއަންނައިރު އެކުދިން ކިޔެވި ސްކޫލުގެ ޖާގަ ނުގެއްލޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
“އެރަށެއްގެ ސުކޫލުން އެދަރިވަނުންނަށް ފުރުސަތު ލިބިގެންދާނެ. އަދި އެއީ ޓެމްޕަރަރީ މޫވްއެއް ކަމުގައިވިޔަސް، މާލޭގެ ސްކޫލުގެ ފުރުސަތު ގެއްލިގެން ނުދާނެ. އެދަރިވަރު އެރަށެއްގައި ހުންނަހާ ދުވަހެއްގައި އެރަށެެއްގެ ސްކޫލުން އެދަރިވަރަށް ތައުލީމް ލިބިގެންދާނެ. އެހެންވީމަ އަޅުގަނޑުމެން އެކަން އެންޝުއަރކޮށްދޭނަން” އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމާފައެވެ.
ކޮމެންޓްސް (0)