ކަންނެލި މަސްވެރިކަން ދެކުނުގެ އަތޮޅުތަކުގައި ފަށައި އެކްސްޕޯޓު ބާޒާރަށް ނެރުން

ާއްޖޭގެ “ރަންބިސް އަޅާ ކުކުޅަށް” ސާޅީހަކަށް އަހަރު ފަހުން މިވަނީ “ކޮރޯނާ ވައިރަސް” ނުވަތަ ކޮވިޑް-19 ޖެހި އިންޓެންސިވް ކެރއަށް ލާންޖެހިފައެވެ. ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް 12 މާރިޗް 2020 ވީ ބުރާސްފަތި ދުވަހު ޤައުމާ މުޚާޠަބު ކުރައްވައި ވިދާޅުވީ ” ކޮވިޑް19ގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ލޮޅުންތައް އަރާނެކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި އެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި ޢަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް މިހާރު އަންދާޒާ ކުރެވެއެވެ.” އަދި މިދުވަހުގެ ވާހަކަ ފުޅުގައި މިހެންވެސް ވިދާޅުވިއެވެ. ” އޭގެ އިތުރުން ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދިނުމަށާއި ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމަށް އިންޑިޔާގެ ސަރުކާރުން ވަނީ ނިންމަވާފައެވެ.” މާނައަކީ ކޮންމެވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ހުއްޓަން ޖެހުމާއި ޚަރަދު ކުޑަކުރަން ޖެހެނޭނެކަމާއި އަދި އެހީތެރިކަން ބޭނުންވާކަމެވެ.

ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު އެއްގޯހަކީ ރާއްޖެއަކީ އެއްވެސް އަމިއްލަ އުފެދުންތެރިކަމެއް ނެތް އިމްޕޯޓު މުދަލަށް ބަރޯސާވާ ޤައުމަކަށް ވުމެވެ. އަނެއް މައްސަލައަކީ “ބޮޑުބޭބެ ދިނީމަ” ކާލައިގެން ބޮޑުބޭބެއަށް ބަރޯސާވުމުގެ ފަލްސަފާގެތެރެއިން ޤައުމުގެ އިސްތިޤުލާލަށް ގެއްލުންވާ ގެއްލުމާއި މެދު ވިސްނާ ނުލުމެވެ. މިކަމުގެ ސަބަބުން ޑޮލަރަށް އޮންނަ “ސްޓްރެއިން” ބޮޑުވެ ދުނިޔޭގެ ބާޒާރުގައި ޑޮލަރަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ބާޒާރުގެ ތަކެތީގެ އަގުތަކަށްވެސް ބަދަލުއައިސް އިންފްލޭޝަނަށް އަސަރުކުރުމެވެ.

ދިވެހި އިގްތިޞާދުގެ ސީދާކޮށް 30 ޕަސެންޓް އަދި ނުސީދާކޮށް 60 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ސިނާޢަތެވެ. އަދި މިއީ މިރާއްޖޭގެ އެންމެ ގިނަ މީހުން ވަ×ޒީފާ އަދާކުރާ ސިނާޢަތުވެސް މެއެވެ. އެހެންކަމުން ދުނިޔެއަށް އަންނަ ކޮންމެ “ޝޮކެއް” (ލޮޅުމެއް)އެންމެ ފުރަމަތަމަވެސް ރަންބިސްއަޅާ ކުކުޅަށް ޖެހެއެވެ. އެންމެ ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އެރީ 2009 ވަނަ އަހަރު ކުރިމަތިވި “ގްލޯބަލް ފައިނޭންޝަލް ކްރައިސިސް” ގަ އެވެ. އެފަހަރު ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓް މައިނަސްވި އެވެ.

މިރާއްޖޭގެ “ލޭނާރު” ބުރިކޮށްލައި ޓްއަރިޒަމް ސިނާޢަތުގެ މަންފާއަށް ދީލާލި ސިޔާސަތުތައް ކަނޑައެޅި ބަޔަކުވެސް ތިބޭނެއެވެ. އަދި ވަކިވަކި ފަރުދުންނަށާއި ކުންފުނިތަކަށް ހިބަވާގޮތަށް ރާއްޖޭގެ މުއްސަންދިކަމާއި، ރީތި ގޮނޑުދޮއްތަށް ހިމެނޭ ރަށްތައް ހިބައިން ވަކިބައެއްގެ ޖީލުތަކަކަށް ދީ، ޤަރުނަކަށް ސޮއިކޮށްލި މީހުންވެސް “ފަސޭހަ” ކޮށް އެބަތިބިއެވެ. ހަނދާން ބަހައްޓަންވާކަމަކީ މި ދެންނެވި ސޮއި ކުރި މީހާއާއި އާދައިގެ ރައްޔިތު މީހާވެސް “ކޮވިޑް-19” ތަފާތު ނުކުރާކަމަވެ. އަދި މިހާރުގެ ޖީލާއި ފަހުން އަންނަ ދިވެހި ޖީލުތަކުން މިކަމަށް މަޢާފެއް ނުދޭނެކަމެވެ. ވިސްނާށެވެ. މުވައްޒަފުން ގެއަށް ފޮނުވާލިއިރު ގަރުނަކަށް ރަށްތައް ނަގައިގެން ތިބި ކުންފުނިތަކާއި،އެކިފަރާތްތަކަށް ތިރީހަކަށް އަހަރު ސަރުކާރަށް ޓެކުހުގެ އެންމެ ފައިސާ ފޮއްޗެއް ނުދިންއިރުވެސް މުވައްޒަފުންނަށް އެންމެ 3 މަހު ދޭނެ މުސާރައެއްނެތެވެ. ބައެއް ރިސޯޓުތަކުގައި ގަދަކަމުން ކަހަލަގޮތަކަށް “ނޯޕޭލީވް” ނަގަން މަޖުބޫރުން ސޮއި ކުރުވިކަމަށް ވެއެވެ.އަނެއްބައި ރިސޯޓުތަކުން ވަޒީފާއިން މީހުން ކަޑާލީއެވެ.ބައެއް ރިސޯޓުތަކުގެ ވެރިން “މެޑަލް” ނުޖަހެކޭ ނުދަންނަވަމެވެ.

ކުރިން ފާހަގަ ކުރި ކަންކަމަށް ބަލާއިރު މި ދިވެހި ޤައުމުގެ އިޤްތިޞާދު ހަމައެކަނި ޓުއަރިޒަމް ސިނާޢަތަށް ބަރޯސާ ވެގެން ވާކަށްނެތެވެ. އެންމެ މުހިންމު ސަބަބަކީ މިކަމުގެ ސަބަބުން މަހުޖަނުންނާއި “ބޮޑުބޭބެ” އަތުން ސަރުކާރުން ފައިސާ ހޯދަން އެދެންޖެހުމާއި ޤައުމުގެ ސަލާމަތާއި، ރައްކާތެރިކަމާއި އިސްތިޤުލާލަށް ގެއްލުން ލިބެމުންދާތީއެވެ. އެހެންކަމުން އިޤްތިޞާދު ފުޅާކުރާނެ އެހެންދިމަ ދިމާ ހޯދައި ބަލައި، ސަރުކާރުގެ ސިޔާސަތުތައް ކަޑައަޅައި ބަޖެޓު ހަމަޖައްސަންޖެހެއެއެވެ.އެއިގެތެރެއިން އެއްދާއިރާއަކީ މަސްވެރިކަމެވެ.ރާއްޖޭގެ ލޭނާރެވެ. މި ސިނާޢަތުގެ ތެރެއިން ރީދޫއުރަހަ ކަންނެލި އެކްސްޕޯޓު ކުރުމުގެ ދާއިރާއެވެ. އަނެއް ދާއިރާއަކީ އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ(އައި.ސީ.ޓީ). ސުވާލަކީ ދިވެހިންގެ “ލޭނާރު” ބުރިކޮށްލައި ދިވެހިންގައިން ފައިބާ ލޭ މަނާކުރުމަށް ބޭހެއް ކުރެވޭތޯއާއި އެލޭ ހުއްޓުވަން ކުރި ކަމަކީ ކޮބައިތޯއާއި ހުރި ސިޔާސަތު ތަކަކީ ކޮބައިތޯއެވެ.

އިންތިޚާބުތަކަށް އަންނައިރު އެންމެ އަޑަށް ބާރުލާފައި ބުނަނީ “މި އޮޑިއެއް ނުފެތޭނެ” ވާހަކައާއި މަސްވެރިންނަށް “ހަމައަގު” ދޭނެ ވާހަކައެވެ. އެހެނަސް ކަންކަން އެގޮތަށް ތަރުތީބުވާތަނެއް ނުފެނެއެވެ. 28 އޮކްޓޯބަރު 2019 ގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިސްމާޢީލް ފައުޒީ އާއި ޗެއަރމަން ހުސެއިން އަމްރު ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީ އަށް މިފްކޯގެ އިސްވެރިނާއި އެކު ހާޒިރުކޮށް، ބޮޑު ކަންނެލި ގަތުން ހުއްޓާލުމާ ގުޅޭ ގޮތުން މެމްބަރުން ސުވާލުކުރުމުން ވިދާޅުވީ މިހެންނެވެ.”އަޅުގަނޑުމެން މި އަހަރު ބޮޑަށް މަސައްކަތް މިކުރީ މިވީހާ ތަނަށް ކަލުބިލަމަސް ބޭރުކޮށްގެން ގެއްލުން ވަމުން އައި ބައި ރަނގަޅު ކުރަން. އެކަން މިހާރު ކުރެވިއްޖެ. އެހެންކަމުން އަންނަ ޑިސެމްބަރުން ފެށިގެން ސަރުކާރުން އެއްވެސް ޚަރަދެއް ނުކޮށް މިފްކޯ ހިންގޭނެ” އިސްމާޢީލް ފައުޒީ ވިދާޅުވިއެވެ. އަދި ހުސެއިން އަމްރު ވިދާޅުވީ “ކަނޑުއޮށްގިރީގައި ވަރަށް ބައިވަރު މައްސަލަތައް އެބަހުރި. މަރާމާތު ނުކޮށް ހުރުމުން މިހާރު ވަނީ ޖެޓީ އެއްކޮށް ވެއްޓިފައި. އެކަމަކު މި ހުރިހާ ދަތިތަކާ އެކު ވެސް އެންމެ މުހިންމު ކަމަކީ މަސް ބޭރުކުރުމުން އެ ގަންނާނެ ރަނގަޅު ޕާޓީއެއް ހޯދުން. އެ ކަންތައްކޮށް އެންމެ ލަސްވެގެން ވެސް ޖެނުއަރީ މަސްތެރޭގައި އެތަން އޮޕަރޭޝަނަށް ގެންނާނަން” މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ އެޕްރީލް މަހެވެ.

ހުސެއިން އަމްރު 18 ސެޕްޓެމްބަރު 2019 ގައި މިހާރު ނޫހަށް ވިދާޅުވެފައިވަނީ “މިފްކޯއަށް މިދިޔަ އަހަރުތަކުގައި ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ އިރު ފައިދާ ލިބޭ ކުންފުންޏަކަށް އެތަން ބަދަލުކުރެވޭނީ ބާނާ ހުރިހާ މަހެއް ބޭނުންކުރެވިގެން ކަމަށެވެ.” އަދި 13 ޖުލައި 2019 ގައި އޭނާ ހަމަ އެނޫހަށް ވިދާޅުވެފައިވާނީ ” އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރުމުގެ ސަބަބުން، މި އަހަރާ ހަމައަށް އެސްޓީއޯ އަށް ގާތްގަނޑަކަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.”

އެސް.ޓީ.އޯ.ގެ ސަބްސިޑަރީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައިކަން ފާހަގަކުރެވެއެވެ. މިފްކޯ އިނދަޖެހި ބަނގުރޫޓުވުމުގެ ބިރާ އެކު ޔާމީންގެ ސަރުކާރުން އޭރު ވަނީ މިފްކޯގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ވެސް ހަވާލުވެފަ އެވެ. އަދި އޭރުގެ ސަރުކާރުން މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން ފަސް އަހަރުގެ ތެރޭގައި 621.4 މިލިއަން ރުފިޔާ ދީފައިވެއެވެ.

7 ނޮވެމްބަރު 2017 ވަނައަހަރު އެސް.ޓީ.އޯ.ގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު މިފްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރު ނޫހަށް ވިދާޅުވީ ” މިފްކޯގެ ދަރަނި 338 މިލިއަނަށް އަރާކަމަށާއި މިފްކޯ އަށް އެސްޓީއޯ އިން ވިއްކާފައިވާ ތެލަށް އެކަނި ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އޮތްކަމަށެވެ.އަދި މާޗް މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ ހަރަދު ދެކޮޅު ޖެހޭ ކުންފުންޏަކަށް ހެދިފައި ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އަދި ޝަހީރު ފާހަގަކުރެއްވީ ފައިދާވާ ކުންފުންޏަކަށް މިފްކޯ ބަދަލުވެފައިވާ އިރު މި އަހަރު ނިމޭ އިރު ވެސް އެއީ ފައިދާވާ ކުންފުންޏަކަށް ވާނެ ކަމަށެވެ. ފައިދާވި ވަރުގެ ތަފާސް ހިސާބުތަކެއް ހިއްސާކޮށްފައެއް ނުވާއިރު ވިދާޅުވީ އަހަރު ނިމުމުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ފައިދާވި ވަރު ހިއްސާ ކުރާނަން،” ކަމަށެވެ. ތިޔަ ކިއުއްވީ ރަގަޅަށެވެ. އެސް.ޓީ.އޯ.ގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރާއި ކުރީގެ މެޖޭނިންގެ ޑިރެކްޓަރުގެ ވާހަކަ ދިމަލެއް ނުވެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގއ. ގެމަނަފުށީގައި 12 ޑިސެމްބަރު 2018 ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ “ގެއްލުމުގައި މިފްކޯ ހިންގައިގެން މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް މިފްކޯއިން މަސައްކަތް ކުރާތީ އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށާއި މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ހައްދަވާނެކަމަށެވެ.” ދޮޅު އަހަރުވެ ނިމި ހިގައްޖެއެވެ. އެހެން ނޫންތޯއެވެ.

ދަންވަނަން މިއުޅޭނީ މިވާހަކައެވެ.

އައްޑޫފިޝަރީޒް ކޮމްޕްލެކްސްގެ ނަމުގައި އައްޑުއަތޮޅު މީދޫ އާއި ހުޅުދޫގެ މެދު ބަދަރު ސަރަޙައްދުގައި ސަރުކާރުން 2014 ގައި މަސައްކަތް އިފުތިތާހު ކުރިއެވެ. މިތަނުގެ އަމަލީ މަސައްކަތް ފެށުނީ 2016 ގައެވެ. މިފްކޯއިން ބުނެފައިވަނީ 7 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާ އެކު ދުވާލަކު 100 ޓަނުގެ މަސް (1 ޓަނު މަހަކީ 1000 ކިލޯގްރާމް) ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެ ތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރެވޭނެ ކަމަށެވެ. އަދި ގާތްގަޑަކަށް 80 ވަރަކަށް މީހުންގެ ވަޒީފާ އުފެދިގެންދާނެކަމަށާއި މިވަޒީފާތަކުގެ ތެރޭގައި އެކައުންޓިނގްއާއި، އެޑްމިނިސްޓްރޭޓިވް، ކޮލިޓީ ކޮންޓްރޯލް އަދި ޓެކްނިކަލް ގިނަ ދާއިރާތައް ހިމެނޭނެކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދަށް މިއައި ހީނަރު ކަމާއިއެކު ދިވެހިންގެ ބުރިކޮށްލާފައިވާ ލޭނާރު ގުޅުވައި ދަނޑުވެރިކަން ހަރުދަނާކޮށް ފުޅާކުރުމަށް ގޮވާ އަޑު ވަނީ ގަދަވެފައެވެ. އެހެންކަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ވެސް ހަލުއިކޮށް ހަރުދާނާކޮށް މަސްބަންދު ކުރެވޭނެ ގޮތްތައް ރާވައި ގަމުގެ ބައިނަލް އަޤުވާމީ ވައިގެ ބަދަރުން އައު މާރުކޭޓުތަކަށް މިފްކޯގެ މަސްދަޅާއި ބޮޑު ކަންނެލި ބަންދުކޮށް ބޭރު ކުރެވޭނެ އިންތިޒާމުތައް ދުނިޔޭގެ ބޯޑަރުތައް ހުޅުވެން ވާއިރަށް ނިންމަންޖެހެއެވެ. އައްޑޫގައި މިހާރު ޤާއިމުކޮށްފައި ހުރީ މިފްކޯގެ އެސެޓެކެވެ.މި ތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި، މިވަގުތަށް މާބޮޑު ޚަރަދަކާއި ނުލައި ކުރެވޭނެ އެއްގޮތަކީ ރީދޫ އުރަހަ ކަންނެލި(ބޮޑު ކަންނެލި) ގަނެ އެފަދަ ކަންނެލި ބޭރު ކުރެވޭނެ ފެންވަރަށް އެތަނުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

މިހާރުވެސް ފުވައްމުލަކުގެ ކުދި ދޯނި ފަހަރުން އެރަށަށް ބާލާ ކަންނެލި އެރަށުގައި ޤާއިމުކޮށްފައިވާ ކަންނެލި ގަންނަ ކުންފުންޏަކުން ދަނީގަންނަމުންނެވެ.ވީއިރު މިފްކޯވަރުގެ ކުންފުންޏަކަށް މިއީ ނުވާނެވަރުގެ ކަމެއް ނޫނެވެ. ދެން ކުރަން އޮތްކަމަކީ ކަންނެލި ބަންދުކުރުމަށް ބޭނުންވާ ސާމާނާއި، މީހުން ތަމްރީނު ކުރުމެވެ.މިއީ މިފްކޯއަށް އާކަމެއް ނޫނެވެ.އެތަނުގައި މިކަންކަމަށް ނިކަން ފަރިތަ މީހުން ތިބޭނެއެވެ. މި ތަނުން ބޮޑު ކަންނެލި ގަންނަން ޢިއުލާނު ކުރުމުން ދެކުނުގެ މީހުން ބޮޑު ކަންނެލި ބާނާނެއެވެ. ކަންނެލި ގަނެ މިފްކޯއިން އެތަކެތި އެކްސްޕޯޓް ކުރީމާ ނިމުނީއެވެ.މިއާއިއެކު އަމިއްލަ ފަރުދުންވެސް ކަންނެލި ގަންނަން ފަށާނެއެވެ.ކަނޑުއޮތް ގިރީގައި ކަންނެލި އަމިއްލަ މީހުންނަށް ބަންދުކޮށްދޭ އުސޫލުން މިތަނުގައިވެސް އެކަން ކުރަންވީއެވެ. އަމިއްލަ މީހުން ކަންނެލި ގަންނަވަރު އިތުރުވެއްޖެއްޔާ މިފްކޯއިން ކަންނެލި ބަންދުކޮށްދިނުމުގެ ޚިދުމަތް އެކަނި ދިނީމާ ނިމުނީއެވެ. އޭރުން ވަކިވަކި “އެންޓްރިޕްރިނިއަރސް” އުފެދި ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗަށް ވަންނަ ޑޮލަރު އިތުރުވެ، ވަޒީފާގެ ފުރުސަތުވެސް ހުޅުވޭނެއެވެ.

މިހެން ލިޔާއިރުވެސް މިކަމަށް އޮތް ގޮންޖެހުންތައް ބޮޑެވެ.އެއީ މިފްކޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ފައުޒީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާއި މެދު ދެކޭގޮތެވެ. އޭނާ 8 ޖަނަވަރީ 2018 ގައި އަވަސް އޮންލައިން ނޫހަށް ވިދާޅުވެފައި ވަނީ މިހެންނެވެ. “އައްޑު އަތޮޅު ހުޅުދޫ-މީދޫގައި އަޅާފައިވާ “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް” އަކީ މިފްކޯގެ ތާރީހުގައި އެ ކުންފުންޏަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނު އިންވެސްޓްމަންޓެއްގެ ގޮތުގައި އެނާ ސިފަ ކުރެއްވިއެވެ. އަދި ވިދާޅުވީ “އިނީޝަލީ [ފުރަތަމަ] އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ޑިޒައިން ކުރީ ހިތަދޫއިން މިފްކޯއަށް ލިބިފައިވާ ބިމެއްގައި އަޅަން. ހިތަދޫ ޕޯޓް ކައިރީގައި އޮތް ބިމެއް. ފުރަތަމަ ނިންމީ މަރަދޫ ބަނދަރު ކައިރީގައި އަޅަން. ނަމަވެސް ފަހުން ނިންމީ ވަކިން އޮތް ހުޅުމީދޫގައި އަޅަން. މިކަން އެ ކުރީ ސިޔާސީ ނުފޫޒުން” އެ ބަސްދީގަތުމުގައި އޭނާ ވިދާޅުވީ “”މިއީ އެންމެ ރަނގަޅު ވިސްނުމެއް ނޫން. ނަމަވެސް ހިތަދޫގައި އެޅިނަމަ މުޅި އައްޑޫއަށް ފައިދާ ކުރީސް. މުވައްޒަފުން ހޯދަން ވެސް ފަސޭހަވީސް. ގުޅިފައިވާ އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮވޭ. އެހެންވީމަ ބޭރަށް ފޮނުވަން ވެސް ފަސޭހަވީސް،” މިއީ މި ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ވިސްނުމާއި ދުރު ކޮށި ވިސްނުމެކެވެ.ވަޒީފާތަކަށް މީހުން އައިސްގޮސް އުޅުމަކީ މުޅި އައްޑޫގެ ވިޔަފާރިތަކަށާއި ދަތުރުފަތުރަށް ފައިދާ ކުރާނެކަމެކެވެ.އަދި އިތުރު ވިޔަފާރީގެ މަގުތަށް ހުޅުވި، އިޖްތިމާޢީ ގުޅުންތަކުން އުފާވެރިކަން ގެނެސްދޭނެކަމެއްމެއެވެ.

“ދޯނި ފަހަރު ވަންނާނެ ބަނދަރު އޮތް ނަމަވެސް ނެރު އެބަޖެހޭ ރަނގަޅު ކުރަން. ބައްތި ޖަހަން. މަސް ކިރުވިދާނެ މިހާރު. އެކަމަކު އެކްސްޕޯޓު ކުރެވޭނެ ގޮތެއް ނެތް. މިހާރު އޮތް ގޮތުން އެބަޖެހޭ ފެކްޓްރީން ބޭރަށް މަސް ގެންނަދާ ބޯޓަށް މަސް ގެންދަން ބާޖެއް އޮންނަން. އެހެންނޫނީ މަސް އެކްސްޕޯޓެއް ނުކުރެވޭނެ. އެހެންވެ، ބާޖު ހަދަން އެކަނި އެބަދޭ ލައްކައެއްހާ ޑޮލަރު،” މިތަނަށް މިހާރުވެސް މަހަކު ހަތް ލައްކަ އެބަދޭ. އެކަމަކު އޮޕަރޭޝަނަކަށް ނުގެނެވޭ އެތަނެއް. މިއީ ގެއްލުމެއް. ރަނގަޅު ނޫން ގޮތް ގޮތަށް ކޮށްފައިވާ އިންވެސްޓްމަންޓަކަށް ވުމުން މި ގެއްލުންވީ.”އިސްމާއިލް ވިދާޅުވި އެވެ. މިފްކޯއިން ބާޖެއް އަވަހަށް ހޯއްދަވާށެވެ.ނޫނީ ކުއްޔަށް ވެސް ގެންނަވާށެވެ. 7 މިލިއަން ޑޮލަރުގެ ބޮޑު އެސެޓެއް އެންމެ 1 ލައްކަ ޑޮލަރަށްޓަކައި ދަބަރަށް ނުހައްދަވާށެވެ. ތިޔަ ފާހަގަކުރެއްވި ގޮތަށް ގަމުގެ ވައިގެ ބަދަރުން ބޭރުގެ މާރުކޭޓުތައް ހޯއްދަވައިގެން މަސް އެކްސްޕޯޓުކުރަން ފައްޓަވާށެވެ. އެންމެ އެއްލައްކަ ޑޮލަރަކީ މިފްކޯ ކަހަލަ އިސްރާފު ބޮޑު ކުންފުންޏަކަށް މާބޮޑު އެއްޗެއް ނޫނެވެ. މިފައިސާ ސަރުކާރުންވެސް ދޭނެއެވެ. ނޫނީ ބޭންކުން ލޯނެއްގެ ގޮތުގައިވެސް ނެގިދާނެއެވެ. އެންމެ ގޯސްކޮށް ބުނާނަމަ މަސްގަންނަ ދިވެއްސެ ނޫނީ ބޭރު މީހެއްގެ އަތުންވެސް ނެގިދާނެ ޢަދެދެކެވެ. އެމް.ޓީ.ޑީ.ސީ.އިން ހެރެތެރަ ހެދިގޮތަށެވެ.ލޯނު ހޯދީ އަމިއްލަ ފަރުދެއްގެ ގެރެންޓީއަކަށެވެ.މިހެން މިދެންނެވީ އެކަން ކުރީ ރަގަޅަށޭ ބުނާކަށް ނޫނެވެ.

ހުޅުދޫ މީދޫގައި ހަދާފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކުރަންވާ އެއްކަމަކީ ކަމަކީ ރީދޫއުރަހަ ކަންނެލި ގަނެ ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމެވެ.މިއީ އައްޑޫ ވިޜަންގައިވެސް ފާހަގަކޮށްފައި އޮންނަކަމެވެ.މި ޕްލޭން އެކުލަވަލާފައިވަނީ މިހާރުގެ މޭޔަރު ސޯބެ ފުރިހަމަ އިތުބަރާއި ބައިވެރިވުމާއެކުގައެވެ.މާނައަކީ އައްޑޫ ސިޓީ ކައުންސިލްގެ ރުހުންވެސް އޮތުމެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 2019 ގައި މަސް ގަންނަ ފަރާތްތަކުން 81،000 މެޓްރިކް ޓަނުގެ މަސް ގަނެފައިވެއެވެ. މީގެތެރެއިން 60 ޕަސެންޓަކީ ކަޅުބިލަ މަހެވެ. އަދި 38 ޕަސެންޓަކީ ކަންނެލިއެވެ. އަދި ރާއްޖެއަށް ބާނާ މަހުން ރާއްޖޭން ބޭރަށް އެކުސްޕޯޓް ކުރެވެނީ، އެވްރެޖް ގޮތެއްގައި ބާނާ މަހުގެ 40 ޕަސެންޓަށް ވުރެ ކުޑަ އަދަދެކެވެ. ކަންނެލީގެ އަގުތަކަށް ބަލާއިރު ފާއިތުވިދިޔަ ފަސް އަހަރު ރާއްޖޭގެ ބާޒާރުގައި ކަންނެލި ކިލޯއެއްގެ އަގު އެންމެ ދަށްވެފައިވަނީ 50 ރުފިޔާ އަށެވެ. ބޭރުގެ ބާޒާރުގައި 114 ރުފިޔާ އަށެވެ.

ވޭތުވެ ދިޔަ 14 އަހަރުދުވަހުގެ ތެރޭގައި، ރާއްޖެއިން ބޭރުކުރާ މަސް ޓަނަކަށް އެވްރެޖް ގޮތެއްގައި ލިބިފައިވަނީ 2،693 ޑޮލަރެވެ. އަދި އެންމެ ދަށްކޮށް މަސް ޓަނަކަށް ލިބިފައިވަނީ 1،560 ޑޮލަރެވެ. ރާއްޖެއަށް ބާނާ މަހުގެ އަދަދު ޖުމްލަ ގޮތެއްގައި އިތުރުވަމުން ގޮސްފައިވީ ނަމަވެސް، އެކްސްޕޯޓް ކުރެވެނީ 40 ޕަސެންޓަށް ވުރެ މަދު އަދަދެކެވެ. އެކްސްޕޯޓް އިތުރު ކުރެވިއްޖެ ނަމަ، ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވުމުގެ އިތުރުން، މަސްވެރިކަން އިތުރަށް ތަރައްގީވެ، ފުޅާވެ އަދި އިތުރު ވަޒީފާތައް ވެސް އުފެދިގެން ދާނެކަމަށް ފެނެއެވެ.

މަސްވެރިކަމަކީ، އަޅުގަނޑުމެން “ބޮޑުބޭބެއަށް” އަދި އެހެން ފަރާތްތަކަށް މާ ބޮޑު ބަރޯސާވުމެން ނެތި ފުޅާކުރެވެން އޮތް ހަމައެކަނި ސިނާއަތްކަމަށް ދަންނަވަންޖެހެއެވެ. ވޯރާއިން ރާއްޖެއިން ފޮނުވާލީ އަމިއްލަ ވިޔާފާރި ކުރާށެވެ. އަމިއްލަ މަސްކޮޅަށް ހަމަ އަގުހޯދާށެވެ. މިޒަމާނުގެ ވޯރާއިންވެސް ފައްސާލަން ޖެހެއެވެ.މުޅި ސަޕްލައި ޗެއިންގައި ތިބި މިޒަމާނުގެ ވޯރާއިންނަށް ދިވެހިންގެ ލޭނާރާ ކުޅުމުގެ ފުރުސަތު ދީގެންނުވާނެއެވެ. މަހުގެ އަގުތަށް ކަނޑައަޅާނީ ދިވެހި ބާޒާރުންނެވެ.

މަސްވެރިކަން އިތުރަށް ތަރައްގީކޮށް، ފުޅާކޮށް މި ދާއިރާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކުރަން، ދުރު ރާސްތާގެ ތަސައްވަރެއް އޮންނަންވެއެވެ. އަދި މިފަދަ ތަސަވަރެއްގެ ތެރެއިން އުފަންވާ ސިޔާސަތުތަކެއް އެކުލަވާލައި، ޕްރޮގްރާމްތަކެއް ހިނގުމުގެ މުހިންކަން ކޮވިޑް-19 އާއި ގުޅިގެން މިއޮތީ ނިކަން ބޭނުންކަން ވަރަށް ބޮޑަށް ފެނި ތަޖުރިބާ ކުރެވިފައެވެ. ގޭދޮށު މަސްފެކްޓްރީގެ ވާހަކަ ފަހަށް ބާވާށެވެ. އެކަން ކުރާނެގޮތަކާއި ބޭހޭގޮތުން ކޮންސަލްޓަންޓުން ހޯދަން ޢިއުލާނު ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.އަދިވެސް ބަޔަކުވީކަމެއް ނޭގެއެވެ.ފުރަތަމަ އަތުގައި ބޭނުން ކުރެވޭގޮތަށް ހުރި ހަރު މުދާ ހެޔޮގުތައި ބޭނުން ކުރަން ހިގާށެވެ.

މަސްވެރިކަމުގެ ސިނާއަތް ރޭވިފައިވާ ގޮތާއި، ރާއްޖޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅޭ ގޮތާއި، މި ސިނާޢަތް އިންތިޒާމު ވެފައިވާ ގޮތުން، މި ސިނާއަތުގެ އެންމެހާ ބައިވެރިންގެ މަސްލަހަތު ރައްކާތެރިކޮށްދޭ މިންވަރަކާއި، މި އެންމެހާ ކަންކަން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ދަންނަވަންޖެހެއެވެ. ބޭންކުތަކުން މި ސިނާޢަތަށް ދޭ ލޯނާއި އެހީތެރިކަން އިތުރުކޮށް މަސްވެރިކަން ތަރައްޤީ ކުރުމުގެ ޤައުމީ ފަންޑެއް އުފެއްދުން ބޭނުންތެރިއެވެ.އައްޑު އަތޮޅު ހުޅުދޫ-މީދޫގައި ބޭނުން ކުރެވޭގޮތަށް ހުރި “އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް” އިން މިހާރުން މިހާރަށް ރީދޫ އުރަހަ ކަންނެލި ގަނެ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށަން ޖެހެއެވެ.

ނޯޓް: އަޅުގަނޑު މިލިޔުން ލިޔުނީ މިހާރު އޮންލައިން ނޫހާއި އަވަސް އޮންލައިން ނޫހުން މިފްކޯއާއި އަދި މަސްވެރިކަމާއި ގުޅޭގޮތުން ލިޔެފައިވާ ލިތުންތަކުން މަޢުލޫމާތު ހޯދައިގެންނެވެ. މި އަށްވުރެ ފަންނުވެރި މޮޅެތި ޚިޔާލުތައްވެސް ހުންނާނެކަން އެގިހުރެއެވެ.މިއީ އެއްވެސް ހާލެއްގައި ވަކި މީހަކު ނުވަތަ ވަކި ބަޔަކު ކުއްވެރިކޮށް ރަގަޅު ކުރަން ލިޔުނު ލިޔުމެއްވެސް ނުމެ ނޫންމެއެވެ.މިއީ ކަމުގެ ޙަޤީގަތް ހާމަކޮށް ދިނުމަށާއި މަސްވެރިކަމަށް އޮތް ފުރުސަތުތަކާއި އަދި މިފްކޯއަށް ވަމުންދާގޮތް ބުނެދިނުމަށާއި ހުޅުދޫ މީދޫގައި ހުރި މިފްކޯގެ އެސެޓެއްގެ ބޭނުން ކުރެވޭނެގޮތް ހެދޭނެ ގޮތަކާއި ބެހޭގޮތުން އޮޅުން ފިލުވައި ދިނުމަށް ލިޔުނު ލިޔުމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މީދޫއާއި ހުޅުދުން އިއްޔެ 6 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ  ޑައިރެކްޓް ...

ދިވެއްސަކު ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ނެތް: ރައީސް ސޯލިހް

ކޮރޯނާ ވައިރަހަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ...

އިތުރު 2،707 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،700އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...