ޗެލްސީ 3 ލަނޑު 0 ލަނޑުން ބަލިކޮށް ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބާސެލޯނާ ޖާގަ ހޯދައިފި އެވެ. .
ބާސެލޯނާ ކުއާޓާފައިނަލުން ޖާގަލިބުނީ މިދެޓީމް ބައްދަލުކޮށް ކުޅުނު ދެ ލެގުގެ އެގްރިގޭޓުން 4 ލަނޑު 1 ލަނޑުން ބާސެލޯނާއަށް ކުރި ލިބިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޗެލްސީގެ ދަނޑުގައި ނިމުނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.
ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ހޯދައިދިނީ މެސީއެވެ. ރޭގެ މެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 20 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ.
ޗެލްސީއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ޗެލްސީއަށް ވެސް ލިބިގެންގޮސްފައިވެއެވެ. މިގޮތުން އޮލޮންސޯ ފޮނުވާލި ހިލޭޖެހުމެއް ބާސާގެ ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވިއިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފްގެ ކުޅުންފެށިގެން ޗެލްސީން ރަނގަޅަށް ކުޅެމުންދަނިކޮށް ބާސާ އިން ވަނީ ކައުންޓަ އެޓޭކެއްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓްގައި މި ގޯލު ވެސް ބާސާ އަށް ކާމިޔާބުކޮށްދިނީ މެސީއެވެ.
ރޭގެ މެޗްގައި މެސީކާމިޔާބުކުރި ދެގޯލާއެކު ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 100 އަށް އަރާފައެވެ. އޭނާ އަކީ މިހާތަނަށް މި ޝަރަފް ލިބުނު ދެވަނަ ކުޅުންތެރިޔާ އެވެ. މި ޝަރަފު މީގެކުރިން ހޯދާފައިވަނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި މުބާރާތުގައި މިހާތަނަށް 117 ގޯލު ކާމިޔާބުކޮށްފައެވެ.
ކުއާޓާގައި ބާސާ ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ބާއްވާ ގުރުއަތުލުމުންނެވެ.
ކޮމެންޓްސް (0)