ތަފާތު ވިޔަފާރިތަކާއި އެހެނިހެން ހިދުމަތްތަކާ އެކު، އައްޑޫސިޓީގެ ފޭދޫގައި ޝޮޕިންގް މޯލެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.
އައްޑޫއަށް އުފަން ދެބެއިން ކަމުގައިވާ އަހުމަދު ޒާހިދާއި އަބްދުﷲ ޔާސިރު ގުޅިގެން “އޮއިސިސް”ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ އެ ޝޮޕިންގް މޯލް މިހާރު ވަނީ އިމާރާތްކޮށް ނިންމާފައެވެ. އަދި ޝޮޕިންގް މޯލް ހުޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ މާޗު މަހުގައެވެ.
އޮއިސިސް މޯލްގެ މަސްއޫލުވެރި ދެބެއިންގެ ތެރެއިން އަހުމަދު ޒާހިދު “ސަން”އަށް ވިދާޅުވީ، އެ މޯލް މިހާރު އިމާރާތްކޮށް ނިމިފައިވާއިރު އެ އެތަނުގައި ފިހާރަތަކުގެ އިތުރުން ކޮފީޝޮޕަކާއި ބޭކަރީއަކާއި ރެސްޓޯރެންޓެއްގެ އިތުރުން އެގްޒިބިޝަން ހޯލެއްވެސް ހުންނާނެ ކަމަށެވެ.
ޖުމްލަ 20 ޔުނިޓް ހިމެނޭ އޮއިސިސް ޝޮޕިންގް މޯލުން ޔުނިޓުތައް ކުއްޔަން ދޫކުރަން މިހާރު ހުޅުވާލައިފަވާކަމަށް ޒާހިދު ވިދާޅުވިއެވެ. އެތަނުން ޔުނިޓު ކުއްޔަށް ނަގައިގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން އެ މޯލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ.
ޒާހިދު ވިދާޅުވީ، ޝޮޕިންގް މޯލެއް އަޅަން ނިންމި ސަބަބަކީ، އައްޑޫގައި ވިޔަފާރިކުރާ ގޮތް ތަފާތު ކުރުމެވެ.
“މިހާރުވެސް އައްޑުގައި ބޮޑެތި ތަންތަނުގައި އެއްފިހާރަ ހަދައިގެން ވަރަށް ގިނައިން ވިޔަފާރި ކުރޭ. އެހެން ވީމަ އަހަރެމެން ބޭނުންވީ އޭތި ތަފާތު ކޮށްލަން. އެގޮތުން އެއްތަނަކުން އެކި ތަފާތު ހިދުމަތް ދޭ ގޮތައް އެހެން މީހުންނަށް ތަންތަން ކުއްޔަށް ދީގެން ޝޮޕިން މޯލެއް އަޅަން ނިންމީ،” ޒާހިދު ވިދާޅުވިއެވެ.
އޮއިސިސް ޝޮޕިންގް މޯލް ހުންނަނީ އައްޑޫ ސިޓީގެ ފޭދޫގެ ބޮޑުމަގުގައި ކަމުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތަނަށް ފަސޭހައިން ދަތުރުކުރެވޭނެ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ. އަދި އެހިސާބަކީ ގެސްޓްހައުސްތަކެއްވެސް ހުންނަ ހިސާބެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓްސް (0)