އެމްޑީޕީގެ ކޮންގްރެސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޞާލިހުގެ ކިބައިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ދީއްލާލުމަށް އަނެއްކާވެސް އެދިވަޑައިގެންފިއެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ނަޝީދު ކެމްޕެއިން ކުރަމުންދާ މިދަނޑިވަޅުގައި އެމްޑީޕީގެ ކޮންގްރެސްގައިވެސް މިކަން ވަނީ އެޖެންޑާކޮށްފައެވެ.
މިރޭ ރައީސް ނަޝީދަށް ޖަލްސާގައި ވާހަކަ ދައްކަން ލިބުނު ފުރުސަތުގައިވެސް ވަނީ ނިޒާމު ބަދަލު ކުުރަންޖެހޭ ސަބަބާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. ވަކިން ޚާއްސަކޮށް ޖަލްސާގައި ރައީސް ސޯލިހުގެ ނަންފުޅު ވިދާޅުވުމަށްފަހު ރައީސް ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން ނޫންގޮތަކަށް އެމްޑީޕީއަށް ކާމިޔާބު ނުވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މީގެ ދެތިންރޭ ކުރިން ޖެހި ހިސާބަކީ އެމްޑީޕީގެ ކުރިމަގަށް ބަލައި ވަރަށް ދިރާސާ ކުރުމަށްފަހު ޖެހި ހިސާބެއްކަމަށެވެ. މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީއަށް ވެރިކަމުގައި ދެމިތިބެވެން އޮތީ ބަރުލަމާނީ ނިޒާމު ގެނައުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމުގެ ބަދަލު ކުރުމަށް އެމްޑީޕީގެ އެތައް މެމްބަރުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. މިއަދު އެމްޑީޕީގެ ކޮންގްރެސްއިން ނިންމަންވީ އެންމެ މުހިންމު ނިންމުމަކީވެސް ނިޒާމު ބަދަލު ކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވާ ޤަރާރަށް ތާއީދު ނުކުރާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.
މަސްދަރު: ދިޑެއިލީ
ކޮމެންޓްސް (0)