ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ 3 – 2 ން ބެލްޖިއަމް ބަލިކޮށް އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ފައިނަލަށް ދަތުރުކޮށްފި އެވެ.
ފައިނަލުގައި ފްރާންސް ބައްދަލުކުރާނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން އިޓަލީ ސެމީފައިނަލްގައި ބަލިކޮށް ފައިނަލަށް ދަތުރުކުރި ސްޕޭނާ އެވެ.
ރޭ ކުޅެވުނު މިމެޗްގެ ފުރަތަމަ ހާފްގައި މިވަގުތު ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ބެލްޖިއަމް ވަނީ ދެލަނޑު ޖަހާފައެވެ.
މިމެޗުގައި ބެލްޖިއަމް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޔަނިކް ކަރާސްކޯ އެވެ. އަދި އޭގެ 3 މިނެޓް ފަހުން ބެލްޖިއަމުން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލުކާކޫ އެވެ.
ފުރަތަމަ ހާފް ދެލަނޑު 0 ލަނޑުގެ ލީޑަކާއެކު ބެލްޖިއަމުން ކުރި ހޯދިނަމަވެސް ދެވަނަ ހާފްގެ ކުޅުމުގައި ފްރާންސް އިން ނަތީޖާ އަނބުރާލީ އާދަޔާހިލާފު މޮޅު ކުޅެގެންނެވެ .
މިގޮތުން ފްރާންސްގެ ފުރަތަމަ ގޯލު 62 ވަނިޓްގައި ޖެހީ ކަރިމް ބެންޒެމާ އެވެ. . އޭގެ ހަތް މިނެޓް ފަހުން އެމްބާޕޭ ވަނީ ޕެނަލްޓީ އަކުން ފްރާންސަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ގްރީޒްމަން އަށް ބެލްޖިއަމްގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިމެޗުން ފްރާންސް މޮޅުވި ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ތިއޯ ހެނާންޑޭޒް އެވެ.
އާދީއްތަ ދުވަހުގެރޭ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ހަމަ އެރޭ ކުޅޭ ތިން ވަނަ ހޮވާ މެޗުގައި ޔޫރޯގެ ޗެމްޕިއަން އިޓަލީ ބައްދަލުކުރާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ބެލްޖިއަމްއާ އެވެ.
ކޮމެންޓްސް (0)