ބޮޑު ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާ ފަރާތްތަކަށް, މައްސަލަ ތަހުގިގު ކުރާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (އެސެޓް ރިކަވަރީ ކޮމިޝަން) އިން އެކަން އަންގަން ފަށައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ)ގެ މައްސަލައިގައި, އެސް.އޯއެފް ޕްރައިވެޓް ލިމިޓެޑުން 2014 ވަނަ އަހަރު އަދި 2015 ވަނަ އަހަރު ޑޮލަރު ދޫކުރި ފަރާތްތަކާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ތަހުގީގު ކޮށްފައެވެ. މި ތަހުގީގަށް ފަހު, އެ ފައިސާއަކީ ޚިޔާނާތުގެ ފައިސާކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް އެކަމުގެ ލިޔުން އެ ކޮމިޝަނުން މިހާރު ވަނީ ފޮނުވަން ފަށާފައެވެ.
އެގޮތުން އެސް.އޯ.އެފުން 105,000 (އެއްލައްކަ ފަސް ހާސް) ޔޫއެސް ޑޮލަރު ދޫކުރި ކުންފުންޏެއް ކަމަށްވާ ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް, އެ މައްސަލައިގައި ތުހުމަތު ކުރެވޭނެ ތަނެއް ނެތް ކަމުގެ ސިޓީއެއް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ފޮނުވާފައެވެ.
އަންގާރަ ދުވަހު ފޮނުވި ސިޓީގައި, އެސްއޯއެފުން އެކުންފުންޏަށް ދޫކޮށްފައިވާ ޑޮލަރާ ގުޅޭގޮތުން ތަހުގީގަށް ހުށަހަޅާފައިވާ ލިޔުންތަކާއި, ބޭންކްތަކުގެ ލިޔުންތަކާއި, ޑޮލަރު ވިއްކާފައިވާ ގޮތާއި, ނަގުދު ފައިސާއިން މުއާމަލާތުކޮށްފައިވާ ގޮތަށް ބަލާއިރު, އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތުތަކެއްގެ ތެރެއިން, އެ ކުންފުންޏަށް ދޫކޮށްފައިވާ ފައިސާކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަން ތަހުގީގަށް ސާބިތުވެފައި ވާކަމަށް ބުނެފައިވެއެވެ.
ތަހުގީގަށް ލިބިފައިވާ ހެކިތަކަށް ރިއާޔަތް ކޮށް ކޮމިޝަންގެ ސިޓީގައި ބުނެފައި ވަނީ ސިރިއަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ފައިސާއަކީ ޑޮލަރުގަތުމުގެ މުއާމަލާތެއް ފިޔަވައި އެހެން ބޭނުމެއްގައި ދީފައިވާ ފައިސާއެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި އެކުންފުންޏާއި ދެކޮޅަށް ކުރާނެ ތުހުމަތެއް ނެތް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިންގާފައިވާ ޚިޔާނާތާއި، ދަޢުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ތަހުޤީޤުކޮށް، އިންސާފު ޤާއިމުކޮށްދިނުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ވައުދެކެވެ. އެސެޓް ރިކަވަރީ ކޮމިޝަންއަކީ މި ވައުދުގެ ދަށުން ރައީސް އުފެއްދެވި ކޮމިޝަނެކެވެ. އެ ކޮމިޝަނެއް އުފައްދަވާފައި ވަނީ 17 ނޮވެންބަރު 2018 ގައެވެ.
މަސްދަރު: ރާއްޖެ އެމްވީ
ކޮމެންޓްސް (0)