ކޮވިޑް-19 އާއި ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގެ ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބާޔާނެއްގައި ހާމަކޮށްފައިވަނީ މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅާފައެވެ.
އެ ބަޔާނުގައި ވާގޮތުން މާދަމާއިން ( 2 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ) މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ހުޅުވުން މަނާވާނެއެވެ. އަދި ހުރިހާ ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތައް، ރޭގަނޑު 12:00 އިން ހެނދުނު 6:00 އާއި ދޭތެރޭގައި ހިންގުން މަނާވާނެއެވެ.
އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ހާމަކޮށްފައި ވަނިކޮށެވެ. ޓެގުން މިގޮތައް ހާމަކުރުމާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި، ސްކޫލުތައް އަދި ކޮލެޖުތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް އިއްޔެ ސަރުކާރުން ވަނީ ނިންމާފައެވެ.
ރާއްޖެއިން މިހާތަނަށް މިބައްޔަށް 1137 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެެވެ. އޭގެތެރެއިން 1114 ސާމްޕަލްއެއް ވަނީ ކޮވިޑް-19 އަށް ނެގެޓިވް ވެފައެވެ. ކޮވިޑް-19 އަށް ޓެސްޓުކުރި 18 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާއިރު، އަދި ނަތީޖާ ނުލިބި 5 ސާމްޕަލްއެއް އެބަހުއްޓެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ތިން ދިވެއްސަކުވެސް ހިމެނެއެވެ.
ކޮމެންޓްސް (0)