އަޅުގަޑުމެންގެ މިގައުމަށް ސިޔާސީ ހަމަޖެހުން ގެނެވޭނީ އަޅުގަޑު ގަބޫލްކުރާގޮތުގައި ރަށްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެންކަމަށް އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެވި އަލްއުސްތާޒު އިމާދު ސޯލިހު ވިދާޅުވެއްޖެވެ.
އިމާދު ސޯލިހު މިހެން ވިދާޅުވީ 29 މާރޗް 2019 ވަނަ ދުވަހު އެމްޑީޕީގެ ކެނޑިޑޭޓް ރޮޒެއިނާ އާދަމްގެ ކެމްޕެއިންޓީމުގެ ފަރާތުން ބޭއްވި ހިގާލުން ނިންމާލުމަށްފަހު ވިޝްޕޮއިންޓްކައިރީގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
” އަޅުގަޑަކީ މީ ޕްރައިމަރީގައި ރޮޒޭއާއި ވާދަކުރި ކެނޑިޑޭޓް ، ޕްރައިމަރީގައި އަޅުގަޑު ވާދަކުރިއިރު އަޅުގަޑު ވެފައިއޮންނާނެ ވައުދެއް އަޅުގަޑު ބަލިވެއްޖެނަމަ އަޅުގަޑު ހުންނާނީ މޮޅުވާ ކެނޑިޑޭޓެއްގެ ފަހަތުގައިކަމަށް ، އެގޮތުން އަޅުގަޑު މިހުރީ ރޮޒެއިނާއެކީ ރޮޒެއިނާގެ ފަހަތުގައި ، އަޅުގަޑުގެ އުއްމީދަކީ އަޅުގަޑާއެކީގައި ޕްރައިމަރީގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުން ރޮޒޭގެ ފަހަތުގައި މަސައްކަތްކޮށްދެއްވުން ، ބަލިވީމާ ބަލިގަބޫލް ކުރަންޖެހޭ ، އެއާއެކީގައި މިފަސް އަހަރު ކުރިއަށް ދިއުމަށްޓަކައި އެމްޑީޕީއަށް މަޖިލިހުގެ މެޖޯރިޓީ ބޭނުންވާތީ އަޅުގަޑާއެކު ޕްރައިމަރީގައި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުން އަޅުގަޑުމެންގެ ޕާޓީގެ ކެނޑިޑޭޓް ރޮޒޭނާއަށް މިދާއިރާގެ ގޮޑި ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަކީ އަޅުގަޑުގެ ވަރަށްބޮޑު އެދުމެއް ، އަދި އަޅުގަޑުގެ އުއްމީދަކީ އައްޑޫސިޓީގެ ހުރިހާ ގޮޑިތައް އެމްޑީޕީން ކާމިޔާބުކޮށް ހަތެއް ސުމަކުން އައްޑޫސިޓީގެ ހުރިހާ ގޮޑިއެއް އެމްޑީޕީން ކާމިޔާބުކުރުން ،” އިމާދު ސޯލިހު ވިދާޅުވިއެވެ.
ކޮމެންޓްސް (0)