
އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
ރައީސް ނަޝީދު މިހެން ވިދާޅުވީ ރަށްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
” ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި ބިނާއެއް ހެދި. އެކަމަކު ދެން ޖެހިގެން އައި ސަރުކާރުން އެތަން ރޫޅާލި. އެތަން ރޫޅާލުމަށް އެތަން ހެދި ވަރަށް ވުރެ ބޮޑު ހަރަދެއް ހޭދަވި . އެހެންނަމަވެސް އެވެރިން އެކަންވެސް ކޮށްފި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލިސް 19 ހަދައިދޭނަން އައްޑޫ ނުރޫޅާ މަޖިލިހަކަށް. އަދި އަޅުގަނޑުމެން މަޖިލިސް 19 ހަދައިދޭނަން އައްޑޫ ބިނާކުރާ މަޖިލިހަކަށް، މިކަން މިގޮތައް ކުރެވޭނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބިގެން ” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރިން އިނގިރޭސީންނާއި މާލޭ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގައި އައްޑޫ ސަރުކާރާއި މާލޭ ސަރުކާރު އެއްކުރުމުގައި އެއްބަސްވެފައިވީ ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އައްޑޫގައި ހުރި ހުރިހާ މުދަލެއް މާލެއަށްނަގާފައިވާ ކަމަށެވެ.
“އެތަނުގައި އިމާރާތްކޮށްފައި އޮތްހާ ހޮސްޕިޓަލަކާއި އަދި އެހެންވެސް ކިތަންމެ ކިތަންމެ ވަސީލަތްތަކެއް ރޫޅާލެވުނު . އައްޑު އަތޮޅަކީ ތަނަވަސްކަމާއެކީގައި މި ރާއްޖޭގައި ތަރައްގީވަމުން އައި އެންމެ ބޮޑު އަތޮޅު. އައްޑު އަތޮޅަކީ މާލޭ މީހުން ބޭސްފަރުވާއަށް އާންމުކޮށް ގޮސް އުޅުނު ތަނެއް،” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ތަރައްގީ ހޯދަން އެދެނީ ނަމަ، އަލުން އަނބުރާ އެ ހަގީގަތް އައްޑޫ ސިޓީއަށް ގެނެސްދޭން ޖެހޭނެ ކަމަށާއި މަޖިލިސް 19 އަކީ އެ ހަގީގަތް އައްޑޫ ސިޓީއަށް ގެނެސްދޭނެ މަޖިލިހަކަށް ވާނެކަމަށެވެ.
ކޮމެންޓްސް (0)