އައްޑޫސިޓީ ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ޗެލެންޖާސް ކުޅުނު ފުރަތަމަ މެޗުން ބަލިވިކަމުގައިޔަސް ރޭ އެޓީމު މިމުބާރާތުގައި ކުޅުނު ދެވަނަމެޗު ކާމިޔާބުކޮށްފިއެވެ.
ފޭދޫ ވޮލީ ކޯޓްގައި ރޭ ކުޅެވުނު މިމެޗު ޗެލެންޖާސް ކާމިޔާބުކޮށްފައިވަނީ ޓީމް ގަރާޖާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ޗެލެންޖާސް ހޯދީ 25 – 23 އިންނެވެ. ދެވަނަ ސެޓް ޗެލެންޖާސް ގެންގޮސްފައިވަނީ 25 – 20 ންނެވެ. ތިންވަނަ ސެޓް ޓީމް ގަރާޖް ހޯދީ 25 – 21 އިންނެވެ. 4 ވަނަ ސެޓް 25- 21 ހޯދީ ޗެލެންޖާސްއެވެ.
ރޭގެ މެޗުން ބަލިވި ޓީމް ގަރާޖްވަނީ އެޓީމު މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި އެވަގްރީންއާއި ބައްދަލުކޮށް ސީދާ ތިންސެޓުން މޮޅުވެފައެވެ.
ރޭ ކުޅެވުނުމި މެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވުނު ފާތުމަތު ރިޒްނާއަށް ކްއީން އޮފްދަމެޗްގެ އިނާމް ހަވާލްކޮށްދެއްވީ ރޭގެ މެޗްގެ ޝަރަފްވެރިކޮށް ދެއްވި ދެބޭފުޅުންގެ ތެރެއިން އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށްޓަކައި މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އާމިނަތު ޝިހާބެވެ.
މިމެޗްގެ މޭން އޮފްދަމެޗަކަށް ހޮވުނު މަނޯޖަށް މޭން އޮފްދަމެޗްގެ އިނާމު ހަވާލްކޮށްދެއްވީ ރޭގެ މެޗް ޝަރަފްވެރިކޮށްދެއްވި ދެބޭފުޚުންގެތެރެއިން ހިޒް ކްލަބްގެ ފައުންޑަރ މެމްބަރު ހުސެން ރިޔާޒެވެ.
ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި ބާއްވާ މިވޮލީ މުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި އައްޑޫސިޓީގައި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.
ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓްސް (0)