ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ޒޯނުގައި ބުރާސްފަތި ދުވަހުގެރޭ ފަތިހު ބޮލީވިޔާ ކޮޅަށް ހެޓްރިކް ހަދައި، ދެކުނު އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ކުރިން އޮތީ ޤަރުނުގެ ފުޓްބޯޅަ ޝަހްސިއްޔަތުކަމުގައިވާ ބްރެޒިލްގެ ޕެލޭ އަތުގައެވެ. ޕެލޭ ވަނީ އޭނާ ކުޅުން ހުއްޓާލުމުގެ ކުރިން ބައިނަލްއަގުވާމީ ކެރިޔަރުގައި 77 ލަނޑު ކާމިޔާބު ކޮށްފައެވެ.
ކޮލިފައިންގައި ބުރާސްފަތިދުވަހުގެރޭ ފަތިހު އަމިއްލަ ގައުމުގައި ބޮލީވިޔާއާ ދެކޮޅަށް ނުކުތްއިރު މެސީއަށް ކާމިޔާބު ކުރެވިފައި އޮތީ 76 ލަނޑެވެ. ބޮލީވިޔާ ކޮޅަށް މެސީގެ ލަނޑުތައް ފެނިގެންދިޔައީ މެޗުގެ 14 ވަނަ މިނެޓާއި 64 އަދި 88 ވަނަ މިނެޓުގައެވެ. މީގެތެރެއިން ފުރަތަމަ ލަނޑަކީ ބޮލީވިޔާގެ އޭރިޔާގެ ބޭރުން ސެންސާކަލް މަތިން ކަހަލަ ގޮތަކަށް ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. ދެވަނަ ލަނޑު ޖެހީ އޭރިޔާގެ ތެރެއިން ލިބުނު ބޯޅައެއް ކައިރިއަށް އައި ދެޑިފެންޑަރުން ކައިރިން އެންމެ ހަރަކާތުން އެއްފަހަރުން ނައްޓާލުމަށްފަހު ގޯލުގެ ކަނަށް އަމާޒު ކޮށްލައިގެންނެވެ. ތިންވަނަ ލަނޑު ޖެހީ އާޖެންޓީނާ ކުޅުންތެރިޔަކު އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއް ބޮލީވިޔާ ކީޕަރު އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް ނިކުތްވަގުތު ވަރަށް ހަނި އޭންގަލަކުންނެވެ.
މިމެޗުގައި މެސީ ކާމިޔާބު ތިން ލަނޑާއެކު ބައިނަލްއަގުވާމީ މެޗުތަކުގައި ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ލަނޑުތަކުގެ އަދަދަކީ 79 އެކެވެ. އެއީ 153 މެޗުންނެވެ. ދެކުނު އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން ލަނޑު ޖެހުމުގައި މެސީއާ އެންމެ ވާދަވެރިކޮށް ފެންނަނީ ބްރެޒިލްގެ ނޭމާއެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް ކުޅެދިން 112 މެޗުގައި 68 ލަނޑު ކާމިޔާބު ކޮށްފައެވެ. ދުނިޔެއަށް ބަލާއިރު ބައިނަލްއަގުވާމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްގެ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މިހާތަނަށް ޕޯޗުގަލް ގައުމީ ޓީމަށް ކުޅެދިން 180 މެޗުގައި 111 ލަނޑު ކާމިޔާބު ކޮށްފައެވެ.
ކޮމެންޓްސް (0)