އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުވުނު މެޗުތަކުގެ ތެރެއިން ޗެލްސީ އާއި ބައްދަލުކޮށް މެންޗެސްޓާ ސިޓީ ބަލިވިއިރު، ލިވަޕޫލާއި ބޯންމައުތު ބައްދަލުކުރިމެޗުން ލިވަޕޫލް މޮޅުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިވަޕޫލްއަށް ލިބިއްޖެވެ.
ލިވަޕޫލްއަށް ޕޮއިންޓް ޓޭބަލްގެ އެއްވަނަ ލިބެނީ ރޭ ބޯންމައުތާ ދެކޮޅަށް އެޓީމު ކުޅުނުމެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް 16 މެޗުން 42 ޕޮއިންޓް ލިބިގެންނެވެ.
ލިވަޕޫލްއާއި ބޯންމައުތު ބައްދަލު މެޗުގައި ލިވަޕޫލްއިން ކާމިޔާބުކުރި 4 ލަނޑުގެ ތެރެއިން 3 ލަނޑު ޖަހައިގެން ސަލާހު ހެޓްރިކް ހަދާފައިވާއިރު ލިވަޕޫލްގެ އަނެއް ލަނޑަކީ ބޯންމައުތުގެ ޑިފެންޑަރ ކޫކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ .
ރޭ ޗެލްސީއާއި މެންޗެސްޓަރސިޓީ ބައްދަލުކުރިމެޗު ސިޓީއަށް ނާކާމިޔާބުވީ 2 ލަނޑު 0 ލަނޑު ގެ ނަތީޖާއަކުންނެވެ.
މެންޗެސްޓާ ސިޓީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް، ފާއިތުވި ދެ މެޗުންވެސް ބަލިވެފައި އޮތް ޗެލްސީގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ސިޓީގެ ކުޅުންތެރީންނަށް ނުލިބުނެވެ.
ޗެލްސީން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީ ލީޑު ނަގައިދިނީ ކޮންޓޭއެވެ. ކޮންޓޭ މި ލަނޑު ޖެހީ ހަޒާޑް ދިން ޕާހަކުންނެވެ.
ޗެލްސީން ލީޑު ފުޅާކޮށް 3 ޕޮއިންޓް ކަށަވަރު ކުރީ މެޗުގެ 78 ވަނަ މިނިޓުގައި ޑޭވިޑް ލުއިޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ހަޒާޑް ނަގައިދިން ކޯނަރަކުން ޑޭވިޑް ލުއިޒް މި ލަނޑު ޖެހީ ބޮލުންނެވެ.
މިއީ މިދިޔަ އޭޕްރީލް މަހު މެންޗެސްޓާ ޔުނައިޓެޑް އަތުން ލީގުގައި ބަލިވި މެޗަށް ފަހު މި މުބާރާތުގައި ސިޓީ ބަލިވި ފުރަތަމަ ފަހަރެެވެ.
މިމެޗުން ޗެލްސީ މޮޅުވުމުން 16 މެޗުން ލިބުނު 34 ޕޮއިންޓާއެކު ޗެލްސީއޮތީ ޕޮއިންޓް ޓޭބަލްގެ 4 ވަނާގައެވެ.
މިމެޗުން ބަލިވި ސިޓީގިނަ ދުވަސްތަކެއް ވަންދެން ޕޮއިންޓް ޓޭބަލްގެ 1 ވަނާގައި އޮވެފައި ރޭގެ މެޗުން ބަލިވުމުން ޓޭބަލްގެ 2 ވަނައަށް އެޓީމު ވެއްޓުނީ 16 މެޗުން 41 ޕޮއިންޓް ލިބިގެންނެވެ.
ޕްރިމިއާލީގުގައި ރޭ ކުޅެވުނު އެހެން މެޗްތަކަށް ބަލާއިރު އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލްއާއި ހަޑަލްސްފީލްޑް ބައްދަލުކޮށް ކުޅުނުމެޗުން އާސެނަލް މޮޅުވީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި އާސެނަލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު 83 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޓޮރޭރާއެވެ.
ރޭ މެނެޗެސްޓަރ ޔުނައިޓެޑާއި ލީގުގެ ފުލުގައި އޮތް ފުލަމް ބައްދަލުކުރިމެޗުން 4 ލަނޑު 1 ލަނޑުން މެންޗެސްޓަރވަނީ މޮޅުވެފައެވެ. މިމެޗްގައި މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރި 4 ލަނޑު ކާމިޔާބުކޮށްދިނީ މާޓާ ، ލުކާކޫ ، ރަޝްފޯޑު އަދި އެޝްލީ ޔަންގެވެ. މިމެޗްގައި ފުލްހަމްއިން ކާމިޔާބުކުރި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފުލްހަމްގެ ކަމަރާ އެވެ.
ކޮމެންޓްސް (0)