މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ

ސާޅީސް ފަހެއް މެންބަރުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރު ހުށަހެޅި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީހު މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސައްޙަ ކަމަށް ނިންމާ އެ މައްސަލަ މާދަމާ ކުރިއަށް ގެންދިއުމަށް އާއްމު ކޮމެޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި އާއްމު ކޮމެޓީގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވާއިރު ކޮމެޓީން ވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާއިގެ ބަހުސް ކުރާނެ ވަގުތުވެސް ކަނޑައަޅާފައެވެ. އެގޮތުން އާއްމު ކޮމެޓީން ނިންމީ ދެ ގަޑިއިރަށް ބަހުސް މަރުޙަލާ ކުރިއަށް ގެންދިއުމަށެވެ.

މިދިޔަ އަހަރު ހުށަހެޅި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ކަނޑައެޅީ މަޖިލީހުގެ ރިޔާސަތުން އާއްމު ކޮމެޓީއަށް ފޮނުވާފައިވާ ސިޓީއަކަށް ރިއާޔަތް ކޮށެވެ. އެ ސިޓީގައި ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކަށް ރިއާޔަތް ކޮށްފައިވެއެވެ.

ކޮމެޓީން ނިންމީ މަޖިލިސް ރައީސަށް އެކަމުގައި ޖަވާބުދާރީވުމުގެ ފުރުޞަތުވެސް ނުދިނުމަށެވެ. މަޖިލިސް ޖަލްސާ މިއަދު ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވީ މަޖިލިސް ޖަލްސާއެއް މާދަމާ ރޭ 8:00ގައި އޮންނާނެ ކަމަށެވެ.

މިދިޔަ އަހަރު ހުށަހެޅި މައްސަލާގައި ސޮއިކުރި މެންބަރުންގެ ތެރެއިން 12 މެންބަރެއް، އެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށްބުނެ ބަންޑާރަ ނާއިބުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ގޮސްފައެވެ. އަދި އެ މައްސަލާގައި ފްލޯރ ކްރޮސިންގއާ ގުޅޭ ޙުކުމެއް ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. އަދި ސުޕްރީމް ކޯޓުގެ ފްލޯރ ކްރޮސިން ޙުކުމަށް ރިއާޔަތްކޮށް އިލެކްޝަންސް ކޮމިޝަނުން މި ދެންނެވި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅިއެވެ. އަދި އެހާ ހިސާބުން 45 މެންބަރުން ސޮއިކުރި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލްވެގެންދިޔަ ކަމަށް މަޖިލީހުން ނިންމިއެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނި 12 މެންބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ވަނީ އެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ބުނެ ޙުކުމް ކޮށްފައެވެ. އެހެންކަމުން މިއަދުގެ ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި އެ 12 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެހެންކަމުން މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ސައްޙަ ނިންމުމެއްގެ ގޮތުގައި މަޖިލީހުގެ އާއްމު ކޮމެޓީން ނިންމިއެވެ.

އާއްމު ކޮމެޓީން މިގޮތަށް ނިންމިއިރު މިދިޔަ ހަފްތާގެ ތެރޭގައިވެސް ވަނީ 51 މެންބަރުން ސޮއިކޮށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މިދިޔަ އަހަރު ހުށަހެޅި މައްސަލަ ސައްޙަ ކަމަށް އާއްމު ކޮމެޓީން ނިންމުމުން ފަހުން ހުށަހެޅި މައްސަލަ ބާތިލްވާނެ އެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާއިދުގެ 175ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން 42 މެންބަރުންނަށްވުރެ މަދުނޫން މެންބަރުންނަށް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފެނިއްޖެނަމަ އެމައްސަލަ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ. މިގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ، މަޖިލީހުގެ މެންބަރުންގެ ތެރެއިން 42 މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުން، ލިޔެ ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ފޮނުވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ހެރަތެރަ ރިސޯޓް އައިސޮލޭޝަން ފެސިލިޓީއަކަށް ހަދައިފި – ހެރެތެރެ ފެސިލިޓީގައި 270 ކޮޓަރި ހުންނާނެ

ރާއްޖޭގެ އެންމެ ދެކުނަށް ޚާއްޞަކޮށްގެން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ އައްޑޫ އަތޮޅު ހެރެތެރެ އައިލެންޑް ރިސޯޓުކަމަށް ޓޫރިޒަމް ...

ތާރީޚް ޢިލްމުވެރިޔާ ނަދުވީ އަވަހާރަވެއްޖެ

ދިވެހި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު ވަޙީދު “ނަދުވީ” އަވާހާރަވެއްޖެއެވެ. އުސްތާޛް ...

ކޮރޯނާ ވައިރަސް އަދި ހިމަބިއްސާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޤުނޫތު ކިޔަން އަންގައިފި

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ރާއްޖޭއިން ފެންނަމުންދާ ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ...