ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް އާއި ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރިޒްމަން އާއި ވާދަކޮށް ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާ ނުވަތަ “ގޯލްޑެން ބޯލް” ގެ އެވޯޑް ކްރޮއޭޝިޔާގެ މޮޑްރިޗް ހޯދައިފިއެވެ.
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮޑްރިޗްއާއި ހަވާލްކޮށްފައިވަނީ ރޭ ކުޅެވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗަށްފަހު ބޭއްވުނު ރަސްމިއްޔާތުގައެވެ
ރޭ ކުޅެވުނު ފައިނަލް މެޗުން ފްރާންސްއާއި ބައްދަލުކޮށް ކްރޮއޭޝިއާ 4 ލަނޑު 2 ލަނޑުން ބަލިވިކަމުގައިވިޔަސް މުބާރާތުގެ ފައިނަލާއި ހަމައަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މޮޑްރިޗް ވަނީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން ކްރޮއޭޝިޔާޓީމްގެ މެދުތެރެއިން އެޓީމު ކުޅުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މޮޑްރިޗްއެވެ
އަދި މޮޑްރިޗް އަކީ ކްރޮއޭޝިއާގެ ތާރީހުގައި ވެސް ވޯލްޑް ކަޕެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ކްރޮއޭޝިޔާގެ ކުޅުންތެރިޔާއެވެ
މޮޅު ކުޅުންތެރިޔާގެ މަގާމު މޮޑްރިޗް ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ ފްރާންސްގެ އުމުރުން 19 އަހަރުގެ ފޯވާޑް ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ އަށް މި އެވޯޑު ލިބުނުއިރު އޭނާ ވަނީ މުބާރާތުގައި ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. މިގޮތުން ރޭގެ ފައިނަލް މެޗުގައި ވެސް އެމްބާޕޭވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ.
ރޭ އެމްބާޕޭ ކާމިޔާބުކުރި ގޯލާއެކު އެމްބާޕޭ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގެ ފައިނަލެއްގައި ގޯލެއް ކާމިޔާބުކުރި ދެވަނަ އަށް އެންމެ ހަނގު ކުޅުންތެރިޔާއަށެވެ. ވޯލްޑް ކަޕެއްގެ ފައިނަލެއްގައި މިހާތަނަށް ގޯލެއް ކާމިޔާބުކުރި އެންމެ ހަނގު ކުޅުންތެރިއަކީ ބްރެޒިލްގެ ލެޖެންޑް ޕެލޭއެވެ. އެގޮތުން 1958 ވަނަ އަހަރުގެ ފައިނަލްގައި ޕެލޭ ގޯލު ކާމިޔާބުކުރިއިރު އޭރު އޭނާގެ އުމުރަކީ 17 އަހަރެވެ
ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާ އަށް ދޭ “ރަންބޫޓު” އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން އަށް ލިބުނުއިރު އޭނާ ވަނީ މިމުބާރާތުގައި ހަ ގޯލު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާއެވެ
ކޮމެންޓްސް (0)