ޑޮކްޓަރ މުޙައްމަދު ޖަމީލަކީ އެއްދުވަސްވަރެއްގައި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އޭގެ ފަހުން ޑޮކްޓަރ ޖަމީލު އެންމެ ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާ ދެއްވީ އެމްޑީޕީއަށާއި ރައީސް ނަޝީދަށެވެ.
ޕީޕީއެމް ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ހުންނެވި އިރު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު 29 އޮކްޓޫބަރ 2013 ވަނަ ދުވަހު ވިދާޅުވިއެވެ.
“އެމްޑީޕީގެ ތެރޭގައި ތިބި ކުށުގެ ތުހުމަތުތައް ކުރެވޭ މީހުން ސަލާމަތް ކުރުމަށް ޤާނޫނުތައް ބަދަލުކުރަން މަސައްކަތް ކުރަމުން އެބަދޭ. އެކަމުން ދޭހަވަނީ އެޕާޓީން ވެރިކަމަށް އަތުވެއްޖެނަމަ ޤާނޫނުގެ ޙުކުމް ނެތިގެންދާނެކަން.”
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޤާނޫނުލް ޢުޤޫބާތުގެ 81 ވަނަ މާއްދާ އުވާލާ ބިލެއް އެމްޑީޕީގެ މެންބަރަކު މަޖިލީހަށް ފޮނުވާފައިވާތީ އެކަމާގުޅޭ ގޮތުން ޖަމީލު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލިބުނު ފަހުން އެމްޑީޕީން މަސައްކަތް ކުރަމުން އައިސްފައި ވަނީ ހިތުހުރިހާ ގޮތަކަށް ކަމަށެވެ. އެ ގޮތުން ހުރިހާ ރައްޔިތުންނާމެދު އެއްހަމައަކުން ކަންތައް ކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ޤާނޫނުތަކަށް ބަދަލުގެންނަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެމްޑީޕީ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބީމަ އެ ޤާނޫނު އިސްލާހުކުރަން ހުށަހަޅައިފި. ނަޝީދުގެ މައްޗަށް ދައުވާ ކުރާތީ އެ މާއްދާ އުވާލަން ހުށަހަޅައިފި. އޭގެ ސަބަބުން ދެންވާނެގޮތެއް ވިސްނުމަށް ނުގެނެސް އެމްޑީޕީއާ ޖެހުނީމާ އެއްވެސް ކަމެއް ކުށަކަށް ނުވޭ. އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ވެސް މައްސަލައެއްނޫން.” އޭނާ ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަމަލުތަކަކީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަންތައްތަކެކެވެ.
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންނަށް ވޯޓު ދީފިނަމަ ރާއްޖެ “ލޯ ލެސް” ގައުމަކަށް ވާނެ ކަމުގެ އިންޒާރު ވެސް ޖަމީލު ދެއްވިއެވެ.
ސިޔާސީކަންތައް ދިރާސާކުރާ މީހުން ބުނާ ގޮތުގައި މިހާރު ޖުމްހޫރީ ޕާޓީގައި އުޅުއްވާ ޖަމީލަކީ ހަނަފަސް ސަހަރާއެއްގައި ލަގަނެއް ނެތި ދުވާ އަހެއް ފަދަ ބޭފުޅެކެވެ.
ކޮމެންޓްސް (0)