ފެނަކަ ކުންފުނި، އެސްޓީއޯގެ ދަށަށް ބަދަލުކުރުމަކީ، އެކުންފުނީގެ ކުރިމަގަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެސްޓީއޯއިން މިހެން ވިދާޅުވީ ފެނަކަ ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، އެކަމުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހުރިހާ ހިއްސާއެއް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، އެސް.ޓީ.އޯ އިން ގަނެ މިއަހަރުގެ ނިޔަލަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިއާއެކު އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
ފެނަކަ ކުންފުނީގެ ހާލަތު މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް ދެނެގަތުމަށްފަހު އެކުންފުނި އެސްޓީއޯގެ ދަށުން ހިންގަން ފަށާނީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެންކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މިމުއްދަތުގެ ތެރޭގައި، ފެނަކައިގެ ހާލަތު ދެނެގަތުމުގެ ގޮތުން އެ ކުންފުނީގެ މާލީ އަދި ލީގަލް ޑިޔު ޑިލިޖެންސް ހަދާނެއެވެ. އަދި ކުންފުނީގެ މުދަލާ ވަސީލަތުގެ އަގުކުރުމާއި، މާލީ ހާލަތު ދެނެގަތުމު ގެ މަސައްކަތް ކުރިޔަށް ގެންދިއުމާއި، ކުންފުނީގެ ޤާބިލީއްޔަތުކަމާއި އެއްވަރަށް ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް މާލީ ވުޒާރާގެ އިރުޝާދާއެކު ކުރަންޖެހޭ މަސައްކަތްކުރުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުވަން ވަނީ ނިންމަވާފައެވެ.
ފެނަކަ ކުންފުންޏަކީ މިސަރުކާރު ހަވާލުވީއިރު ދައުލަތުގެ ކުންފުނިތަކުގެތެރެއިން މާލީ ޙާލަތު އެންމެ ގޯސް ކުންފުންޏެވެ. އެގޮތުން ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރައެވެ. މި ދަރަނީގެ ތެރެއިން ބޮޑު ބަޔަކީ އެސްޓީއޯއަށް ދޭން ޖެހޭ ފައިސާއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ،، ފެނަކައިގެ ދަރަނި ދައްކަން ޖެހޭ ފަރާތްތަކަށް ދަރަނި ދެއްކުމަށް ޕްލޭންތައް ހަދައި، ފެނަކައަކީ ދުރުރާސްތާގައި އެސްޓީއޯއަށް ފައިދާ ކުރަނިވި ކުންފުންޏަކަށް ބަދަލު ކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ.
“އަޅުގަނޑުމެން މިއުޅެނީ ޝޯޓް ޓާމް ބެނެފިޓަކަށް މިކަން ކުރާކަށް ނޫން. އަޅުގަނޑުމެން ފެނަކަ ދެކެނީ އެސްޓީއޯގެ ކުރިމަގަށް ވަރަށް މުހިންމު އިންވެސްޓްމެންޓެއް ގޮތަށް. އަޅުގަނޑުމެން ޤަބޫލުކުރަނީ 3-2 އަހަރު ނަގާފާނެ ކަމަށް ރަނގަޅު ބަދަލެއް ފެންނަން.”
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް ވިދާޅުވިއެވެ.
ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން ގެންދާއިރު، އެސްޓީއޯއިން ދެކެނީ މިއީ އިޔާދަކުރަނިވި ހަކަތައިގެ ދައިރާއަށް އެކުންފުނި ވަނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިކަމަށް ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން ފެނަކައިގެން ހިންގުން ހަރުދަނާކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެނަކައިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކަކީވެސް ދެމެހެއްޓެނިވި މަންފާ އޮތް މަޝްރޫޢުތަކަކަށްވާނަމަ ކުރިއަށް ގެންދަނަް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
މިބަދަލާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު ވިދާޅުވީ މި ބަދަލުގެ ސަބަބުން ފެނަކައިން ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވި، ހިންގުން ހަރުދަނާވާނެކަމަށެވެ. އަދި ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ނުހުއްޓި ދެވޭނެ ކަމަށްވެސް ފެނަކައިގެން މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
“އެސްޓީއޯގެ މިހާރު ހުންނާނެ ވަރަށް ބޮޑު އެކްސްޕީރިއެންސެއް ގަވަނެންސްގައި. އެހެންވީމަ ގަވަނެންސް ރަނގަޅުގޮތުގައި ބޭނުން ކުރެވިގެން ދިޔައީމަ. ހަރުދަނާ ކުރެވި ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތް ނުހުއްޓި ކުރިއަށްދާނެ.”
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒް ވިދާޅުވިއެވެ.
ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ކުރާއިރު މިހާރުވެސް 7100 މުވައްޒަފުން ފެނަކައިގެ މުވައްޒަފުންގެ ގޮތުގައި އެބަތިއްބެވެ.
ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރާނީ އަންނަ ޖެނުއަރީމަހު – އެއަށްފަހު ފެނަކައިގެ ހިންގުމަށް ބަދަލުތަކެއް ގެންނާނެ-
އެސްޓީއޯ
ކޮމެންޓްސް (0)