ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ރައީސް މުޢިއްޒުގެ ތާއީދު އޮތް 74 ކެންޑިޑޭޓުން މަޖިލީހަށް ހޮވިފައިވާއިރު، އައްޑޫމީދޫ ދާއިރާގެ  އިންތިޚާބީ މެންބަރު އަބްދުއްރަހުމާނު ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޕީއެންސީން ރޭ އިޢުލާންކޮށްފިއެވެ.

މިކަން އިޢުލާންކޮށްފައި ވަނީ، އާދީއްތަދުވަހު ( 21 އެޕްރީލް 2024 )  ބޭއްވުނު މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާރޓިފިޝަލް ބީޗް ސަރަހައްދުގައި މަރުހަބާ – ދިވެހީންގެ ރާއްޖެ މަޖިލީހަށް މިނަމުގައި ޕީއެންސީން ބޭއްވި އުފާ ފާޅުކުރުމުގެ ބައްދަލުވުމުގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ސަރުކާރުގެ މައި ޕާޓީ، ޕީއެންސީއަށް 20 ވަނަ މަޖިލީހުގެ 66 ގޮނޑިވަނީ ކާމިޔާބުކުރެވިފައެވެ. މިއީ މިހާތަނަށް ނަތީޖާ ދައްކާގޮތުން 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީއެވެ. ސުޕަރ މެޖޯރިޓީއަށް ބޭނުންވާނީ 63 ގޮނޑިއެވެ.

ޕީއެންސީން ވަނީ މި އިންތިޚާބުގައި ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކުންވެސް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން، މާލެއާއި އައްޑޫ ސިޓީގެ ގިނަ ގޮނޑިތައް އެ ޕާޓީގެ ކެންޑިޑޭޓުންވަނީ ކާމިޔާބުކުރައްވާފައެވެ.  އަދި ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީގެ ހުރިހާ ގޮނޑިއެއް އެ ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ. ތިނަދޫ ސިޓީގެ ވެސް ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި އެ ޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތާއީދު ކުރައްވައިގެން އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފަސް ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ. މި ފަސް ކެންޑިޑޭޓުންނާއެކު ސަރުކާރުގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ އަދަދު 71 އަށް އަރައެވެ.

ވިހި ވަނަ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން ޕީއެންސީން ވާދަކުރީ 90 ދާއިރާއަށެވެ.

މިއިންތިޚާބުގައި ތިން ދާއިރާއަކަށް ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ވާދަކުރައްވާފައިވާތީ އެ ބޭފުޅުންނަށް ސަރުކާރުންވަނީ ތާއީދުކޮށްފައެވެ.  އެގޮތުން، އެމްއެންޕީގެ ލީޑަރު މުޙައްމަދު ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމަށް ރައިސް ތާޢީދުކުރައްވާ އެދާއިރާތަކަށް ޕީއެންސީގެ ކެނޑިޑޭޓުން ވާދަ ނުކުރެއެވެ. މިއާއެކު ރައީސް ތާއީދކުރެއްވި ސިޔާސީ ޕާޓީތަކުގެ އެ ލީޑަރުންވެސް އެބޭފުޅުން ވާދަކުރެއްވި ގޮނޑިތައްވަނީ ކާމިޔާބު ކުރައްވާފައެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައީސް ތާއީދު ކުރެއްވި ކެންޑިޑޭޓުން އަދި ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 74 ގޮނޑި މި އިންތިޚާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ. މިއީ 20 ވަނަ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ.

އިދިކޮޅު އެމްޑީޕީއަށް މިއިންތިޚާބުގައި ކާމިޔާބުކުރެވުނީ 12 ގޮނޑިއެވެ. މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ ގިނަ މެންބަރުންނަށް މި އިންތިޚާބުގައި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އަދާލަތު ޕާޓީ އާއި ދަ ޑެމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބެއް ނުކުރެވެއެވެ. އެ ޕާޓީތަކުން ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި އަދި މަޖިލީހުގެ މިހާރުގެ މެންބަރުން ވާދަކުރެއްވިއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ އާރޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުނު އެއްވުމުގައި ރައީސް މުއިއްޒު ވދާޅުވީ  ދެން އޮތީ ރައްޔިތުން ކުރި އިތުބާރާއި ދިން ތާއީދުގެ މައްޗަށް ނިމިދިޔަ ފަސްމަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށްވުރެ އެތައްގުނައަކުން ސްޕީޑު އަވަސްކޮށް ރައްޔިތުން ބޭނުންވި ތަރައްގީ ގެނައުމުގެ މަސައްކަތް ކުރުންކަމަށެވެ.

އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމު ތަރައްގީ ވާން. އަޅުގަނޑުގެ ކެބިނެޓުގެ ވަޒީރުންނަށާއި ކުންފުނިތަކުގެ ވެރިންނަށާއި އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ދަންނަވާލަން ބޭނުންވަނީ ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫނޭ. ތިބޭފުޅުން ދެން އުޅުއްވަންޖެހޭނީ 24 ގަޑއިރު ހޭލައޭ. ހަމަ ސީރިއަސްކޮށް މިދަންނަވަނީ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށް ތަރައްގީ ރައްޔިތުން ބޭނުންވި ގޮތަށް ގެނެސްދޭން. ރައްޔިތުން އެކަމަށް އިތުބާރު ކުރެއްވީތީ އަދިވެސް ޝުކުރު ދަންނަވަން

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ ކަމަށް އެމަނިކުފާނު ...

ނަން ބަދަލު ކުރިއަސް، އަހަންނަށް އަދިވެސް އެއީ ޕަދުމާވަތީ: ދިޕިކާ

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު “ޕަދުމާވަތު”  ރިލީޒްކޮށްފައިވާއިރު، އެފިލްމަށް އަންނަނީ އެކަށީގެންވާ ތަރުހީބެއް ލިބެމުންނެވެ. ގިނަ ބަޔަކު އަންނަނީ ...

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 11 ސެޕްޓެމްބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...