މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، މި ދައުރު ނިމުމުގެ ކުރިން ބްރިޖު އަޅައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިނަށް އައްޑޫ ސިޓީ ހިތަދޫއަށް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވު ހުރިހާ ވައުދެއްވެސް ވެވަޑައިގެންނެވީ އިހްލާސްތެރި ނިޔަތުގައި އެކަން ކޮށްދިނުމަށްޓަކައި ކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ފެއްޓެވި ސަބަބަކީވެސް އެއީ ކަމަށެވެ.
އެގޮތުން، އައްޑޫ ބްރިޖުގެ މަސައްކަތް ވެސް ދެން އަންނަ ރިޔާސީ އިންތިހާބާއި ކައިރިވުމުން ފެށުމުގެ ބަދަލުގައި ހަފްތާ-14ގެ ތެރޭގައި ހިމަނައިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށްޓަވާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ސަރވޭ އަދި ޑިޒައިން ހެދުމަށް މިސްރުގެ ދި އަރަބް ކޮންޓްރެޓާސް އާ ހަވާލުކޮށްފައިވާ ކަމަށާ، އެ ކުންފުނިން އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޑިޒައިން މަސައްކަތުގެ ވެސް ތިންބައިކުޅަ އެއްބައި މިހާރު ނިމިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ޑިޒައިންގެ މަރުހަލާ ނިމޭނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު މި މައުޟޫއުގައި ވާ ވައުދު ހަމަ ތަކުރާރު މިކުރަނީ. މި އަހަރު 2024 ނިމުމުގެ ކުރިން އެ ބްރިޖުގެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ބޭނުން މި ދައުރު ނިމުމުގެ ކުރިޔަށް ބްރިޖު ނިންމަން.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ވިސްނުން މިހެން ހުރިނަމަވެސް، މިދިޔަ ހަތަރު މަސްތެރޭގައި މަޖިލިސް ހިނގި ގޮތަށް ހިނގަން ރައްޔިތުން ފުރުސަތު ދީފިނަމަ މަސައްކަތް ހުއްޓުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
ދިވެހި ލޮބުވެތި ރައްޔިތުން އެ ރިސްކު ނުނަންގަވާ. އަޅުގަނޑުވީ ކޮންމެ ވައުދެއް ފުއްދަން މިހުރީ އިރާދަކުރެއްވީތީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި. އެ ފުއްދުމަށްޓަކައި ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ރައްޔިތުން އަޅުގަނޑަށް ދެއްވަން މި އެދެނީ. ދެއްވީމާ ހަމަ ފުރިހަމައަށް ރަނުން ރަނަށް ހުރިހާ ވައުދެއް ފުއްދަދޭނަން އިރާދަކުރެއްވިއްޔާ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރާ ހިޔާލު ތަފާތުވާ ބަޔަކު މަޖިލީހުގައި ތިބެގެން މިކަން ނުކުރެވޭނެ ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދަންނަވާ ވާހަކައެއް ކަމަށެވެ. އަދި މި ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހައްދަވާ ސިޓީގެ މަސްލަހަތު އިސްކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮމެންޓްސް (0)