އަލް-ޝިފާ ހޮސްޕިޓަލް ސުންނާފަތިކޮށް, 400އެއްހާ މީހުން ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އަލް-ޝިފާ ހަސްފަތާލު ސުންނާފަތިކޮށް, 400އެއްހާ މީހުން ޝަހީދު ކޮށްލުމަށް ފަހު ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން އެ ތަން ދޫކޮށް ގޮސްފިއެވެ. ޔަހޫދީ ފައުޖުގެ ސިފައިން ޣައްޒާގެ އެންމެ ބޮޑު ހަސްފަތާލަށް ގަދަ ބާރުން ވަދެގަނެފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ފަލަސްޠީނުން ބުނީ, ހަސްފަތާލުގެ ތެރޭގައި ޔަހޫދީ ސިފައިން ހިންގާފައިވާ ގަތުލުއާންމަކީ ހަނގުރާމައިގެ ކުށެއް ކަމުގައެވެ.

ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އިސްމާޢީލް ޘަވާބްތާ ވިދާޅުވީ, ޝިފާ ހަސްފަތާލުގެ ތެރޭގައި ޔަހޫދީ ފައުޖުން ހިންގި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ 400އެއްހާ މީހުންގެ ތެރޭގައި ބަލި މީހުންނާއި, އެ ހަސްފަތާލުގެ ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ހިމެނޭ ކަމުގައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.

ޔަހޫދީ ފައުޖުން ވަނީ, އެ ހަސްފަތާލުގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރަށް ވެސް ގެންގޮސްފައެވެ. އެ ތަނުން ހައްޔަރު ކޮށްފައިވާ މީހުންގެ ޢަދަދު 900އަށް އަރައެވެ. އޭގެ ތެރޭގައި ވެސް ބަލި މީހުންނާއި, ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ހަސްފަތާލުގައި ރައްކާތެރި ކަން ހޯދަމުން ދިޔަ ޢާންމު ރައްޔިތުން ހިމެނެއެވެ. ޔަހޫދީ ސިފައިން އެ ހަސްފަތާލަށް ވަދެ ޢުދުވާންތައް ފެށި އިރު އެ ތަނުގައި ޢާންމުންގެ 6,200އެއްހާ މީހުން ބޯހިޔާވަހި ކަން ހޯދަމުން ދިޔައެވެ.

“ބުލްޑޯޒަރު ފަދަ އާލާތްތައް ބޭނުން ކޮށްގެން ޔަހޫދީ ސިފައިން ވަނީ ހަސްފަތާލުގެ ޢިމާރާތްތަކާއި ގޯތިތެރެ ސުންނާފަތި ކޮށްލާފައި. ޝަހީދު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް ވަނީ ސުންނާފަތި ކޮށްލާފައިވާ ޢިމާރާތުގެ ދަށުގައި ވަޅުލެވިފައި. އެ ހަސްފަތާލަކީ ބޮޑު ގަބުރުސްތާނަކަށް ހަދައިލައިފި. މިއީ, އިންސާނިއްޔަތާ ޚިލާފު ކުށެއް،” ޘަވާބްތާ ވިދާޅުވިއެވެ.

އެ ހަސްފަތާލުގައި ތިން މައި ޢިމާރާތް އޮތީ ސުންނާފަތިކޮށް, ބިމާ ހަމަ ކޮށްލާފައެވެ. އޭގެ ތެރޭގައި މައި އެމަރޖެންސީ ރޫމާއި, މާބަނޑު އަންހެނުންނަށް ޚިދުމަތްދޭ ވޯޑާއި ހަސްފަތާލުގެ އެނެކްސް ޢިމާރާތް ވެސް ހިމެނެއެވެ. މިއީ, އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޢުދުވާންތައް ފެށި ފަހުން ޝިފާ ހަސްފަތާލުގެ ތެރެއަށް ގަދަ ބާރުން ވަދެ, ގަތުލުއާންމެއް ހިންގާފައިވާ ދެވަނަ ފަހަރެވެ.

ޝިފާ ހަސްފަތާލަކީ ޙަމާސް އަދި އިސްލާމިކް ޖިހާދު ޖަމުޢިއްޔާގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ, ޔަހޫދީން ކުރާ ތުހުމަތުތައް އެ ދެ ޖަމާޢަތްތަކުން ދޮގު ކުރެއެވެ. ޙަމާސުން ބުނީ, އެ ޖަމާޢަތުގެ މުޖާހިދުން އެ ހަސްފަތާލު ބޭނުން ކުރަމުން ގޮސްފައި ނުވާނެ ކަމުގައެވެ. އެ ހަސްފަތާލުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ވެސް މި ކަން ކަށަވަރު ކޮށްދެއެވެ.

ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން މިހާރު ދަނީ, ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައި, ޢުދުވާންތައް ފުޅާ ކުރަން ތައްޔާރުވަމުންނެވެ. އެ ރަށުގައި ފަލަސްޠީނުގެ 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ތިބި ކަމުގައި ޣައްޒާގެ އިދާރާތަކުން ބުނެއެވެ. އޭގެ ތެރޭގައި ގިނައީ, ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދެމުން ދިޔަ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތް ވާން ރަފަޙަށް ދަތުރު ކުރި ރެފިއުޖީންނެވެ.

ފަހަކަށް އައިސް ޔަހޫދީ ފައުޖުން ވަނީ ރަފަޙަށް ބޮން އެޅުން ވެސް އިތުރު ކޮށްފައެވެ. ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނީ, ރަފަޙުގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައި, އެ ޢިމާރާތުގައި ދިރިއުޅޭ ހަ މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ ޣައްޒާގެ 63 މީހުން ޝަހީދު ކޮށްލާފައެވެ.

އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,845އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,392އަށް އުފުލިފައެވެ

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ދާއިމީކޮށް ޓީޓީ ކޯޗަކު ބަހައްޓައި އެކުޅިވަރު އާލާކުރަނީ

އައްޑޫސިޓީ ކައުންސިލާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެމެދު އެމް.އޯ.ޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެމް.އޯ.ޔޫގެ ދަށުން ...

އެމެރިކާ އާއި ކެނެޑާ އަށް ކުރިމަތިވެފައިވާ ސްނޯގެ ތޫފާން

އެމެރިކާ އާއި ކެނެޑާގެ ބައެއް ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ސްނޯގެ ތޫފާނުގެ ސަބަބުން އެ ސަރަހައްދުތަކުން ކަރަންޓު ކެނޑި، ދަތުރުފަތުރު ...

ބަލިމަޑުކަމުގެ ޙާލަތުގައި ހިޖުރަކުރަން މަޖުބޫރުވި މީހުންގެ ޢަދަދު އިތުރުވެއްޖެ

ދުނިޔޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކުރުމަށް މަޖުބޫރުވެފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ...