ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 10,000 އަށް އަރައިފި

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,022 އަށް އަރައިފިއެވެ. ޔަހޫދީންގެ އުދުވާންތައް ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޒަޔަނިސްޓު އިސްރާޢީލުގެ ރަށްތަކަށް އަރައި އުދުވާންތައް ހިންގުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަނީ ފުޅާ ކޮށްފައެވެ. ބޮމާއި މިސައިލް ހަމަލަތައް ވަނީ އިތުރު ކޮށްފައެވެ. ޔަހޫދީންގެ އެންމެ ފަހުގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ހޮސްޕިޓަލްތައް ހުންނަ ސަރަޙައްދުތަކަށް ކަމުގައި ޙަމާސް ޖަމާޢަތުން ބުނާއިރު، މި ހަމަލަތައް ފެށުމުގެ ކުރިން ޣައްޒާއިން މުވާސަލާތީ ޚިދުމަތްތައް ވަނީ ކަނޑައިލާފައެވެ. އެއީ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ މަންޒަރުތައް ދުނިޔެއަށް ހާމަ ކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.

ޣައްޒާއަށް ދެމުންދާ ހަމަލަތައް ވަރުގަދަ ކޮށްފައި މި ވަނީ، އ.ދގެ އިދާރާތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ 18 ޖަމުޢިއްޔާއަކުން، އެ އުދުވާންތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލާފައިވާ ދަނޑިވަޅެއްގައެވެ. އަދި، ޣައްޒާގައި ހާލުގައި ޖެހިފައިވާ މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލަމުންދާ ދަނޑިވަޅެއްގައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 4,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށް އަރާފައެވެ. ޔަހޫދީންގެ ހަމަލަތަކުގައި ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 2,600 އަށް އަރާއިރު، އޭގެ ތެރޭގައި ވެސް 1,270 އެއްހާ ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއެވެ.

ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގެ ރަށްތަކަށް އަރައި ވެސް ޔަހޫދީން ދަނީ އުދުވާންތައް ހިންގަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް 155 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 2,100 އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައެވެ.

ޢައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް ބަޔަކަށް އިންސާނީ އެހީތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންމެ ގާތުން މަސައްކަތް ކުރަމުން ދަނީ ފަލަސްޠީނުގެ ރެފިޔުޖީންނާ ބެހޭ އ.ދގެ އިދާރާ – ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އެވެ. ޔަހޫދީންގެ ހަމަލަތަކުގައި އެ އިދާރާގެ 88 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި އެ އިދާރާއިން ބުނެއެވެ.

ޔަހޫދީން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ގަތުލުއާންމެއް ހިންގަމުން މިދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. މި ކަމާ ގުޅިގެން އީރާނުން މި ވަނީ އެމެރިކާއަށް
ވަރުގަދަ އިންޒާރެއް ދީފައެވެ. އީރާނުގެ ދިފާޢީ ވަޒީރު މުޙައްމަދު-ރިޟާ އިޝްތިޔާނީ ވިދާޅުވީ، ޔަހޫދީންގެ ގަތުލުއާންމު ހުއްޓުވަން އެމެރިކާއިން މަސައްކަތް ނުކުރާ ނަމަ، ދެން ހަމަލަ ދޭނީ އެމެރިކާއަށް ކަމުގައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިޔާގައި ހޫނު ގަދަވެގެން 34 މީހުން މަރުވެއްޖެ

އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވެ މަރުވި މީހުންގެ ޢަދަދު 34 އަށް އަރައިފިއެވެ. ހޫނުގެ ...

ދޮގު ޙަބަރު ފަތުރާ ސޯޝަލް ނެޓްވޯކްތައް ޖޫރިމަނާކުރަނީ

ސޯޝަލް މީޑިއާގައި ހަޤީޤަތާއި ޚިލާފު، ދޮގު ޙަބަރު ފަތުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭ ޤާނޫނެއް ޖަރުމަންވިލާތުގައި ތަންފީޒުކުރަން ފަށައިފިއެވެ. ...

ބޭރުގައި މާސްކު އަޅަން ނުޖެހޭ ގޮތަށް ސުޕެއިނުގައި ކަނޑައަޅައިފި

ބޭރުގައި މާސްކު އަޅަން ނުޖެހޭ ގޮތަށް ސުޕެއިނުގައި ކަނޑައަޅައިފިއެވެ. ބޭރުގައި އުޅޭ އުޅުމުގައި މާސްކު އެޅުމަށް ސުޕެއިނުގައި މަޖުބޫރުކުރީ ...