ދޮގު ޙަބަރު ފަތުރާ ސޯޝަލް ނެޓްވޯކްތައް ޖޫރިމަނާކުރަނީ

ސޯޝަލް މީޑިއާގައި ހަޤީޤަތާއި ޚިލާފު، ދޮގު ޙަބަރު ފަތުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭ ޤާނޫނެއް ޖަރުމަންވިލާތުގައި ތަންފީޒުކުރަން ފަށައިފިއެވެ.

ޖަރުމަންވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން މިޤާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ. އަދި މިއަހަރު ފެށުމާއެކު މިޤާނޫނު ފުރިހަމައަށް ތަންފީޒުކުރަން ވަނީ ފަށާފައެވެ. ޤާނޫނަށް ތައްޔާރުވުމަށް ސޯޝަލް މީޑިއާތަކަށް ވަނީ މިދިޔަ އަހަރުގެ ނިޔަލަށް މުއްދަތެއް ދީފައެވެ.

މިޤާނޫނުގެ ދަށުން ހަޤީޤަތާއި ޚިލާފު އަދި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ޝާއިޢުކުރާ ޕޯސްޓެއް ނެގުމަށް އަންގާތާ ސައުވީސް ގަޑިއިރުގެ ތެރޭގައި އެޕޯސްޓެއް ޝާއިޢުކޮށްފައިވާ ވެބްސައިޓަކުން ނުވަތަ ސޯޝަލް ނެޓްވޯކަކުން ނަގަންޖެހެއެވެ. އެހެން ނޫންނަމަ އެލިޔުމެއް ޝާއިޢުކޮށްފައިވާ ސޯޝަލް ނެޓްވޯކް 50 މިލިއަން ޔޫރޯއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް އޮވެއެވެ.

2 މިލިއަނަށްވުރެ ގިނަ މެމްބަރުން ހިމެނޭ ސޯޝަލް ނެޓްވޯކުތަކާއި ވެބްސައިޓުތައް މިޤާނޫނަށް ޢަމަލުކުރަންޖެހޭއިރު، މިޤާނޫނުގެ އެންމެ ބޮޑަށް އަމާޒުވަނީ ފޭސްބުކް، ޓްވިޓަރ އަދި ޔޫޓިއުބަށްކަމަށް ބެލެވެއެވެ. އަދި ފިލިކަރ، ޓަމްބްލަރ ފަދަ ސޯޝަލް ނެޓްވޯކްތައްވެސް މިޤާނޫނަށް ޢަމަލުކުރަންޖެހެއެވެ.

މިޤާނޫނުގެ ދަށުން ޚާއްސަ ފޯމެއް ތަޢާރަފްކޮށްފައިވާއިރު، ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓުތަކުގައި ހުންނަ ހަޤީޤަތާއި ޚިލާފު ޕޯސްޓްތަކާބެހޭ މަޢުލޫމާތު ރިޕޯޓްކުރެވޭނެއެވެ. މިޤާނޫނުގެ ދަށުން މިފަދަ ކަންކަން ރިޕޯޓްކުރުމަށް ސޯޝަލް މީޑިއާ ނުވަތަ ވެބްސައިޓުތަކުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، ފިޔަވަޅު އެޅުންވެސް އަވަސް ކުރަންޖެހެއެވެ.

ޙަބަރުތައް ބުނާގޮތުން ފޭސްބުކުން ވަނީ ޖަރުމަންވިލާތުގައި ހަރަކާތްތެރިވާ އެކުންފުނީގެ ސްޓާފުން މިކަމަށް ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ޖަރުމަންވިލާތުގައި އަމަލުކުރަން ފެށި ޤާނޫނަށް ގިނަ ބަޔަކު ތާޢީދުކުރިއަސް، ބައެއް ފަރާތްތަކުން އެކަމާ ދެކޮޅު ހަދައެވެ. އެމީހުން ބުނާގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މިކަމުގެ ސަބަބުން ހުރަސް އެޅޭނެއެވެ.

ސޯޝަލް މީޑިއާއި އެނޫންވެސް ވެބްސައިޓުތަކުގައި ޝާއިޢުކުރާ ހަޤީޤަތާއި ޚިލާފު މަޢުލޫމާތުތަކާމެދު ފިޔަވަޅު އެޅުމަށް ޖަރުމަންވިލާތުން ތަންފީޒުކުރަން ފެށި ޤާނޫނަކީ، ޤައުމަކުން އެފަދަ ކަމެއްގައި ފާސްކުރި އެންމެ ހަރުކަށި ޤާނޫނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު – އަދިވެސް ޙަޤީޤަތް ނޭނގޭ

ޕާކިސްތާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލީ 27 ޑިސެމްބަރު 2007 ގައި 15 އަހަރުގެ ކުއްޖަކު ...

ހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް ގޮތަބަޔާ ޤައުމު ދޫކުރައްވައި ރާއްޖެއަށް

ސްރީލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދަނިކޮށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކުރައްވައި، ރާއްޖެއަށް ވަޑައިގަންނަވާފައިވާކަމަށް އިތުބާރުހުރި ...

އައްޑޫގައި ދާއިމީކޮށް ޓީޓީ ކޯޗަކު ބަހައްޓައި އެކުޅިވަރު އާލާކުރަނީ

އައްޑޫސިޓީ ކައުންސިލާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެމެދު އެމް.އޯ.ޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެމް.އޯ.ޔޫގެ ދަށުން ...