ހުކުމް ތަންފީޒު ކުރަމުންދާ ގައިދީއެއްކަން ދަނެ، އިގުރާރުތަކާއި ހިލާފު ނުވުމަށް ރައީސް އަބްދުﷲ ޔާމީން އަށް ކަރެކްޝަނަލް ސާވިސްއިން އިންޒާރުދީފިއެވެ.
ކޮރަޕްޝަނާއި މަނީލޮންޑަކުރުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެއްވީ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ އިތުރަށް ލުއި ދިނުމުގެ ގޮތުން ކަސްރަތު ކުރުން ފަދަ ހާއްސަ ކަންކަމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ދީފައެވެ.
އެއާއެކު ރައީސް ޔާމީނު ގެންދަވަނީ ސިޔާސީ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ރައީސް ޔާމިނު ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. ޖަލުތަކާއި
ޕެރޯލް ގާނޫނުގައިވާގޮތުން ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަކަށް ސިޔާސީ ކަންކަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޔާމީން އިގުރާރާ ހިލާފަށް އަމަލުތައް ބަލަހައްޓަމުންދާކަން އެ ސާވިސްއަށް ފާހަގަކުރެވިފައިވާތީ އިންޒާރުދެވިފައިވާނެ ކަމަށެވެ.
ކަރެކްޝަނުން ބުނެފައިވަނީ އިގުރާރާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް އިންޒާރު ދީފައިވާނެ ކަމަށާއި އަދި އެ ކަންތައްތައް ތަކުރާރު ކުރާނަމަ އިގުރާރު ބާތިލުކުރެވޭނެ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރިކަން ސާބިތުވާތީ ރައީސް ޔާމީން ގެ މައްޗަށް 4 އަހަރުގެ ހުކުމެއްކޮށްފައެވެ. އަދި މަނީ ލޯންޑަރިންގެ މައްސަލައިގައި 7 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. އެގޮތުން، މިހުކުމްތައް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތް ހައިކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.
ކޮމެންޓްސް (0)