ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޮލެންޑު އަތުން 2-0 އިން މޮޅުވެ، ގަދަ 16 ޓީމްގެ ތެރޭގައި އާޖެންޓީނާ ހިމެނުނުއިރު ސައުދީ އަރަބިއްޔާ އަތުން 2-1 އިން މޮޅުވި ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ނުލިބި މެކްސިކޯ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.
އާޖެންޓީނާ އަށް ގްރޫޕު ސީގެ އެއް ވަނަ ލިބުނީ ހަ ޕޮއިންޓާ އެކުގަ އެވެ. ދެ ވަނައިގައި އޮތް ޕޮލެންޑާއި ތިންވަނާގައި އޮތް މެކްސިކޯ އަށް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލުގެ ތަފާތުން ކުރި ލިބެނީ ޕޮލެންޑަށެވެ.
މެކްސިކޯ ކެޓީ އެޓީމް ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ސައުދީ އިން މެކްސިކޯ ކޮޅަށް ޖެހި ގޯލްގެ ސަބަބުން އެޓީމަށް މައިނަސް އެއްގޯލް ދައްކާތީއެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ ގްރޫޕް ސީގެ ދެ ވަނަ ހޯދި އޮސްޓްރޭލިއާއާއި އެވެ. 1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެ ވަނަ ބުރުން ޖާގަ ލިބުނު ޕޮލެންޑް ދެވަނަ ބުރުގައި ބައްދަލުކުރަންޖެހެނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ޕޮލެންޑް އަތުން އާޖެންޓީނާ މޮޅުވި މެޗަކީ މި މުބާރާތުގައި އާޖެންޓީނާ އެންމެ ރަނގަޅު ކުޅުމެއް ދެއްކި މެޗެވެ. ގިނަ ހަމަލާތަކެއް އާޖެންޓީނާ އިން އުފެއްދިއިރު، ޕޮލެންޑުގެ ގޯލުގައި ހުރި ވޮޒްޝިއޭ ޝެޒްނީ ވަނީ އާޖެންޓީނާގެ ކުޅުންތެރީން ފޮނުވާލި ގިނަ ބޯޅަތަކެއް ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފުރަތަމަ ހަމަލާ ފޮނުވާލީ މެސީ އެވެ. މި ބޯޅަ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ޖޫލިއެން އަލްވަރޭޒް ފޮނުވާލި ބޯޅައެއްވެސް ޝެޒްނީ ދިފާއުކުރި އެވެ.
ފުރަތަމަ ހާފުގައި ގޯލެއް ޖެހުމަށް އާޖެންޓީނާ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. އެއީ މެސީއަށް ޕޮލެންޑްގެ ކީޕަރު އެޓީމުގެ އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މެސީ ފޮނުވާލުމުން ކީޕަރު ޝެޒްނީ އެ ބޯޅަ ދިފާއުކުރުމުންނެވެ. މިއީ ޝެޒްނީ މި ވޯލްޑްކަޕްގައި ދިފާއުކުރި ދެ ވަނަ ޕެނަލްޓީ އެވެ. އޭނާ ވަނީ ސައުދީއާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގައިވެސް ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ.
އާޖެންޓީނާ އިން މިމެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު ޖެހީ ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގަ އެވެ. އަރިމަތިން ނަހުއެލް މޮލީނާ ނަގައިދިން ހުރަހަކުން މި ގޯލު ޖަހައިދިނީ އެލެކްސިސް މެކެލިސްޓާ އެވެ. މިއީ ބްރައިޓަން އަށް ކުޅޭ މެކަލިސްޓާ އާޖެންޓީނާ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އާޖެންޓީނާ އިން ލީޑު ފުޅާކުރީ މެޗުގެ 67 ވަނަ މިނެޓުގަ އެވެ. އެރިއާ ތެރެއިން އަލްވަރޭޒް އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
މީގެ އިތުރުން ގްރޫޕް ސީގައި މެކްސިކޯއިން ސައުދި އަރަބިއްޔާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން މެކްސިކޯއިން ސައުދީގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ ފުރަތަމަ ހާފުގައިވެސް މެކްސިކޯއަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެކަމަކު އެ ފުރުސަތުތަކުގެ ހުރަހަކަށްވީ ސައުދީގެ ޑިފެންޑަރުންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މެކްސިކޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެންރީ މާޓިންއެވެ. އަދި އޭގެ ފަހުން މެޗުގެ 52 ވަނަ މިނެޓުގައި މެކްސިކޯއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން ލުއިސް ޗާވޭޒް ޖަހައިދިން ލަނޑެކެވެ.
މެޗުގެ އިތުރު ވަގުތުގައި ސައުދީން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ސަލަމާން އަލް ދާސަރީއެވެ.
ކޮމެންޓްސް (0)