ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ގދ.ހޯނޑެއްދޫ/އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހައިކޯޓުން ފުލުހުންނަށް އަމުރުކޮށްފައިވަނިކޮށް މި މަހުގެ 12 ވަނަ ދުވަހުގެ 19:45 އަށް އަރުޝަދު އެ ކޯޓަށް ހާޒިރުކޮށްފައިވަނީ ހައްޔަރުން ދޫކޮށްލައި، އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައެވެ. އަދި އެ ކަމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތް ހައިކޯޓުގެ އަމުރާ ޚިލާފު ކަމަށެވެ.
އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު އެ ކަމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ފުލުހުނަށް ދެމުން ގެންދިޔަ ކަމަށާއި، އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށް ޕީޖީން ބުންޏެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާގުޅޭ ގޮތުން ފުލުހުން އެ އޮފީހުގެ ލަފަޔަކަށް އެދިފައިނުވާ ކަމަށާއި، މިކަން ހިނގާފައިވަނީ މައްސަލަ ތަޙުޤީޤުކުރާ ފަރާތާއި، ތަޙުޤީޤުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމި އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގައި، މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީ ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.
ކޮމެންޓްސް (0)