މި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަމަށް 8,000 އެނދު ތަރައްގީ ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ހއ. އުތީމު އާ އިންޖީނުގެއާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއު ނިމޭއިރު، ބޮޑު ތިލަދުންމަތީގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް މި އޮތް ހަތަރު، ފަސް އަހަރުގެ ތެރޭގައި އެންމެ މަދުވެގެން މިތަނަށް 8000 އެނދު ޑިވެލްޕްކުރުމުގެ ޕްލޭނެއް ރާވައި ކުރިއަށް ގެންދިޔުން”
ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ސަރަހައްދުގައި އިންވެސްޓްކުރަން އިންވެސްޓަރުން ދެން ފަހަތަށް ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެންމެ ބޮޑު މައްސަލައަކީ އެއާޕޯޓާއި ރަށްރަށަށް ދަތުރުކުރުން ކަމަށާއި ގެނެވޭ ތަރައްގީއާއެކު ބޮޑު ތިލަދުންމައްޗަށް ބޮޑު ބަދަލެއް އަންނަ ތަން ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 24 އަހަރު ކުރިން އުތީމު ރައްޔިތުން ހޭދަކޮށްގެން އިންޖީނުގެ ހުޅުވީ ފަސް ކިލޯވޮޓްގެ އިންޖީނަކާއެކު ކަމަށާއި މިއަދު އިންޖީނުގެ ހުޅުވިގެންދަނީ ގާތްގަނޑަކަށް އެއް މެގަވޮޓްގެ ކެޕޭސިޓީއަކާއެކު ކަމަށެވެ.
ފެނަކައިން ބުރަ މަސައްކަތްތަކެއް ކުރާ ކަމަށާއި ސަރުކާރުގެ އިތުބާރާއި ޔަގީންކަން ފެނަކައަށް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ އަތޮޅު ތެރެ ތަރައްގީކުރަން ޖެހިފައިވާ ގޮތަށް މިއަދު ބަދަލު އަންނަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.
“ގާނޫނު އަސާސީގައި އެވާހަކަ އަޅުގަނޑުމެން ލިޔުނީ އެހެންވެ، ފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަމާއި ކަރަންޓާއި މިއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތަކަށްވާތީ ސަރުކާރުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަކުން އެކަން ކޮށްދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ތެރޭގައި ލިޔެފައި އެ އޮތީ،”
ރައީސް ވިދާޅުވި އެވެ.
ކޮވިޑްގެ ސަބަބުން ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިއަށް ނުގޮސް މަޑު ޖައްސާލަން ޖެހުނުކަން ރައީސް ފާހަގަކުރެއްވި އެވެ. މުޅި ދުނިޔެ ބަންދުވެ، ދަތިތަކާއެކު ތަކެތި އެތެރެ ކުރިނަމަވެސް ރަށްރަށަށް އެ ތަކެތި ގެންދަން ދަތިތަކެއް ކުރިމަތިވި ކަންވެސް ރައީސް ފާހަގަކުރެެއްވި އެވެ. އެކަމަކު އެ އުދަނގޫ ހާލަތުގައި ފެނަކަ، އެމްޓީސީސީ އަދި އެސްޓީއޯ އިން ކުރި މަސައްކަތް ވަރަށް މުހިއްމު ކަމުގައިވެސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އުތީމުގައި އާ މިސްކިތެއް އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.
ކޮމެންޓްސް (0)