ހަމަނުޖެހުންތައް ބޮޑުވެފައިވަނިކޮށް ގޮތަބަޔާ ޤައުމު ދޫކުރައްވައި ރާއްޖެއަށް

ސްރީލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދަނިކޮށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ޤައުމު ދޫކުރައްވައި، ރާއްޖެއަށް ވަޑައިގަންނަވާފައިވާކަމަށް އިތުބާރުހުރި ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެ ގޮތުން ދުވަސްކޮޅަކު ރާއްޖޭގައި ހުންނެވުމަށްފަހު އޭނާ ޔޫއޭއީއަށް ވަޑައިގަތުމަށް ނިންމަވާފައިވާކަމަށްވެސް އެ އިދާރާތަކުން ބުނެފައިވެއެވެ.

ސްރީލަންކާގެ އިޤްތިޞާދީ ހާލަތާ ގުޅިގެން ވެރިރަށް ކޮލަމްބޯގައި ފެށި މުޒާހަރާތަކުގެ ބައިވެރިން ރިޔާސީ ގަނޑުވަރަށް ވަދެ އެ ތަން ހިސާރު ކުރުމާ ގުޅިގެން ރާޖަޕަކްސަ ވަނީ އިސްތިޢުފާ ދެއްވައި، އައު ސަރުކާރެއް އެކުލަވައިލުމަށް ފުރުޞަތު ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ނަމަވެސް، އޭގާ ކުރިން، އޭނާ މި ވަނީ ފިއްލަވައިގެން ފުރާވަޑައިގަންނަވާފައެވެ. އޭނާއާއެކު އަނބިކަނބަލުންނާއި ދެ ހަށިފާރަވެރިން ދަތުރު ކުރާ ކަމުގައި ރޮއިޓަރސްއިން ބުނެފައިވެއެވެ.

ސްރީލަންކާގެ އިމިގްރޭޝަންގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ބުނީ، ވެރިކަމުގައި ހުންނެވި އެއްވެސް ރައީސަކު ފުރާވަޑައިގަތުމަށް ހުރަސް އެޅުމަކީ ޤާނޫނީ ގޮތުން އިމިގްރޭޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި އޭނާ ފުރާވަޑައިގަތުން މަނާ ކުރުމަށް އެއްވެސް ޤާނޫނީ އިދާރާއަކުން ނުވަތަ ޝަރުޢީ ކޯޓަކުން އަންގާފައި ނެތް ކަމަށެވެ.

ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.

ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫކްރެއިންގެ ހަތަރު އަވަށެއް މިނިވަންކޮށްފި

ޔޫކްރެއިނަށް އަތްގަދަކޮށްފައިވާ ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް އެ ޤައުމުން ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ޙަމަލާގެ ކެމްޕޭނުގެ ދަށުން ...

ލަންކާ އިން 6 ދިވެއްސަކު ހައްޔަރުކޮށްފި

ސްރީލަންކާގައި އާދިއްތަ ދުވަހު ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ 5 ދިވެއްސަކު ލަންކާ ފުލުހުންގެ ...

އެމެރިކާގެ ރައީސް ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި ވައިޓް ހައުސްގެ މީޑިއާއިން މިއަދު ވަނީ ...