ދުނިޔޭގެ ރީތީގެ ރާނީ އަކަށް މިއަހަރު ހޮވުނު އިންޑިއާގެ ރީތީގެ ރާނީ މަނޫޝީ ޗިއްލާ ފިލުމީ ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ދުނިޔޭގެ ރީތީންގެ ރާނީންނާއި އިންޑިޔާގެ ރީތިގެ ރާނީން ނަށް ހޮވޭ މީހުން ފިލްމީ ދާއިރާއަށް ތައާރަފްވަ ގޮތަށް މަނޫޝީވެސް ބޮލީވުޑުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ހަމަކުރަމުން އޭނާ ބުނީ އާމިރު ހާންގެ ފިލުމުތައް ކުޅުމަށް ވަރަށް ޝައުގުވެރިވާ ކަމަށެވެ.
އިއްޔެ އިންޑިއާގައި ނޫސްވެރިންނާ ބައްދަލުކުރަމުން މަނޫޝީ ބުނީ މުޖުތަމައާއި ގުޅޭ މުހިންމު މެސެޖްތައްދޭ ފަދަ އާމިރު ހާނުގެ ފިލުމެއްގައި ސުޕަ ސްޓާރެއްގެ ރޯލު އަދާކުރަން ވަރަށް ބޭނުން ކަމަށެވެ.
އަދި މަނޫޝީ އަކީ ހަރިޔާނާ ސްޓޭޓްގެ މެޑިސިން ކިޔަވާ ދަރިވަރެއް ނަމަވެސް ފިލްމީ ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މަނޫޝީ ބުނީ ބޮލީވުޑުން އޭނާއަށް އެންމެ ކަމުދާ ތަރިއަކީ އާނިރް ހާން އާއި ކުރީގެ ދުނިޔޭގެ ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ ކަމަށެވެ. އަދި ބޮލީވުޑްގެ ހުރިހާ ތަރިންނަކީވެސް ވަރަށް ރީތި ބައެއް ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
“އާމިރު ހާންގެ ފިލުމެއްގައި މަސައްކަތް ކުރަން ވަރަށް ބޭނުން، އަހަންނަށް ހީވަނީ ވަރަށް ޗެލެންޖިން ރޯލުތަކެއްހެން އޭނާގެ ފިލުމު ތަކުން ފެންނަނީ، ހަމަ އެއާއެކު އެ ފިލުމުތަކުން މުޖުތަމައަށް ވަރަށް މުހިންމު މެސެޖްތައް ދޭ، މުޖުތަމައު އާއި ވަރަށް ބޮޑަށް ގުޅުވާލާފައިި ހުންނަނީ، އެހެންވީމާ ވަރަށް ޝައުގުވެރިވޭ” މަނޫޝީ ބުންޏެވެ.
އެހެންނަމަވެސް މިވަގުތު އޭނާގެ ވިސްނުމުގައި ބޮލީވުޑް ނެތް ކަމަށާއި، ކުރިޔަށް އޮތް އަހަރަކީ މުޅިން ތަފާތު މަސައްކަތެއްގައި އޭނާ ވަރަށް ބިޒީވާނެ އަހަރެއް ކަމަށް މަނޫޝީ ފާހަގަ ކުރިއެވެ.
އެގޮތުން އެކި ގައުމުތަކަށް ދަތުރުކޮށް އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކާ ސާފުތާހިރު ކަމާ މެދު އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފަވަ ކަމަށާއި، އެ ޕްރޮގްރާމުތަކުގައި މަނޫޝިއާއި އެކު އެހެން ދުނިޔޭގެ ރީތީންގެ ރާނީންވެސް ބައިވެރިވާނެ ކަމަށް މަނޫޝީ ބުންޏެވެ.
‘މިސް ވާލްޑް 2017’ ގެ ޖާތާ އެކު ފުރަތަމަ ފަހަރަށް އިންޑިޔާގެ ނޫސްވެރިންނާ ބައްދަލުކުރުމަށް އިއްޔެ މުމްބާއީގައި ބޭއްވި ހަފްލާއެއްގައި މަނޫޝީ ބުނީ ކުރިޔަށް އޮތް އަހަރު ދާނެ ގޮތަކާ މެދު މިހާރު މިހިރީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށެވެ.
ދުނިޔޭގެ ރީތީންގެ ރާނީންގެ މުބާރާތުގައި ވާދަކުރި ފުރަތަމަ ހަފްތާގައި މަނޫޝީއަކީ ބޮލީވުޑްގެ ތަރިއެއް ކަމަށް އޭނާއާއި ވާދަކުރި ގިނަ މީހުންނަށް ހީވި ކަމަށް ފާހަގަ ކުރަމުން މަނޫޝީ ބުނީ މުބާރާތަށް ދިޔައީ އެކަކު އަނެކަކު ދަސްކުރުމުގެ ނިޔަތުގައި ކަމަށާއި، އެންމެންގެވެސް ހުރީ ވަރަށް އެއްގޮތް ސިފަތަކެއް ތަކެއް ކަމަށެވެ.
ކޮމެންޓްސް (0)