ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ރާއްޖޭގެ ދެ ތަނެއް ކަނޑައަޅައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން ކަނޑައެޅުއްވި އެ ދެ ސަރަހައްދަކީ އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދާއި ގާފަރުފަޅެވެ. ރައީސްގެ ގަރާރުން އެތަންތަން ވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކޮށްފައެވެ.
މީގެފަހުން ރިއަލް އެސްޓޭޓްގެ ގޮތުގައި ތަރައްގީ ކުރާ ތަންތަނުގެ ބިން ހިއްކުމާއި އެތަންތަނުގެ ކުލި ކަނޑައަޅާނީ އެ ކޯޕަރޭޝަނުގެ ފަރާތުންނެވެ. މި މަޝްރޫއު އަކީ ރާއްޖޭގައި ދިރިއުޅުމަށް ބޭނުންވާ ބިދޭސީ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ފެށި މަޝްރޫއުއެކެވެ.
ގާފަރުފަޅު ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ހަންކެޑެ ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ތެރެއިންނެވެ.
ރިިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓު ހިންގާ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ހަންކެޑެ އާއި މާލެ އަތޮޅު ގާފަރުފަޅު ކަނޑައަޅުވާފައިވާއިރު، ސަރުކާރުންވަނީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް 4 ރަށެއް ދޫކޮށްގެން 231 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. ރިއަލް އެސްޓޭޓް ޓޫރިޒަމުން ދައުލަތަށް އާމްދަނީ ހޯދުން ހިމެނެނީ އާމްދަނީ އިތުރުކުރުމަށް ހުޅަހަޅާ އައު ކަންތައްތަކުގެ ތެރޭގައެވެ.
ކޮމެންޓްސް (0)