ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލީގެ މީހަކު މަރުވެއްޖެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުގައި ކޮވިޑް ޖެހިގެން މަރުވީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވީ ރޭ ދަންވަރު 2:40ގައި ކަމަށެވެ.
މަރުވި މީހާގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ ހުޅުމާލެ ސަހަރާގައި މިއަދު ހެނދުނު 8:00 ގައެވެ.
މި މީހާގެ މަރާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 232 އަށް އަރާފައިއެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. އެއީ 80 އަހަރުގެ ފިރިހެނެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން 71 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހަކާއި އަތޮޅުތަކުން ބަލި ޖެހުނު 45 މީހަކާއި ރިޒޯޓުތަކުން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައެވެ. އެއަށްފަހު މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 85،042 ކޭސް ފެނިފައެވެ.
މިވަގުތު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖެގައި ތިބީ 1505 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފައިތިބީ 18 މީހުންނެވެ.
ކޮމެންޓްސް (0)