ޖާބިރު ހައްޔަރުކޮށް، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ކާށިދޫ ކައުންސިލުން ގޮވައިލައިފި

ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ މިނިވަންކަން ދިނުމަށް ގޮވައިލެއްވި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހައްޔަރުކޮށް، އޭނާއާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ކާށިދޫ ކައުންސިލުން ގޮވައިލައިފިއެވެ.

ކާށިދޫ ކައުންސިލުގެ ފަސް މެންބަރުން ސޮއިކުރައްވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ، މާއް ރައްބުގެ ޙަޟްރަތުގައި ޤަބޫލުކުރެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީންކަމަށް ކީރިތި ޤުރުއާނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްދެއްވައިފައިވާ ކަމަށެވެ. ހަމައެހެންމެ ރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ މުސްލިމުންކަމުގައިވާ ހިނދު، މުސްލިމަކަށް ނޫނީ ރާއްޖޭގެ ރަށްވެހިކަން ނުލިބޭ ގޮތަށް ޤާނޫނު އަސާސީގައި ލިޔެ، ކަނޑައަޅައިފައިވާކަން ވެސް ޤަރާރުގައި ފާހަގަކުރައްވައިފައިވެއެވެ.

ރާއްޖޭގައި ޣައިރު ދީންތަކުގެ ޝިޢާރު ފާޅުކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުން މަނާކޮށް، އަދަބު ކަނޑައެޅިފައިވާކަމެއްކަން ވެސް ޤަރާރުގައި ފާހަގަކުރައްވައިފައިވެއެވެ.

މީގެ އިތުރުން ޤުރުއާނުގެ އާޔަތްތަކުގެ މުރާދާއި، މަޤުސަދު އޮޅޭ ގޮތަށް، އިސްލާމްދީނުގެ މަތިވެރި ޙުކުމްފުޅުތަކުގެ ހައިބަތު ގެއްލި، އިލާހީ ޙުކުމްފުޅުތަކަކީ މި ޒަމާނާއި މުޖުތަމަޢުއާއި އެކަށީގެންނުވާ ބޯދާ ޙުކުމްތަކެއްކަމަށް މީހުންނަށް ހީކުރުވައި، ތިމާ އުޅޭނެ ދީން އަމިއްލައަށް ކަނޑައަޅައި، ތިމާ ބޭނުންވާހައި ގޮތަކަށް އުޅެވިދާނެކަމުގެ ނުރައްކާތެރި ވިސްނުން ފެތުރުމުގެ ގޮތުން، މަސައްކަތްތެރިންގެ ނުވަތަ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުންނަށް، އެ މީހުންގެ ބާޠިލު ދީންތަކުގެ ޝިޢާރު ޢާންމުކޮށް، ފާޅުގައި އަޅުކަންކުރެވޭ ގޮތަށް އެ ދީންތަކުގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަން ރާއްޖޭގައި އެޅުމަށް ފުރުސަތު ފަހިކޮށްދީ، ދީނީ މިނިވަންކަން ދިނުމަށް ޖާބިރު ވަކާލާތުކޮށްފައިވާތީ، ޤަރާރުގައި ވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފައެވެ.

ހަމައެހެންމެ އިސްލާމްދީނުގެ އަސްލުތަކާއި، ޤާނޫނުއަސާސީއާއި ޚިލާފުވެފައިވާތީ ޖާބިރު ހައްޔަރުކޮށް، އެ މައްސަލަ ތަޙްޤީޤުކޮށް، ޝަރުޢީ ގޮތުންނާއި، ޤާނޫނީ ގޮތުން އޭނާއާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލައްވައިފައިވެއެވެ. އަދި ދީނީ މިނިވަންކަން ދިނުމަށް ގޮވައިލައި ޖާބިރު ދެއްކެވި ވާހަކައަކީ ކާށިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް އޭނާ ދައްކަވައިފައިވާ ވާހަކަތަކެއްކަމަށް އެ ދާއިރާގެ ރައްޔިތުން ބަލައެއްނުގަންނާނެކަމަށް ވެސް ޤަރާރުގައި ބަޔާންކުރައްވައިފައިވެއެވެ.

ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުންނަށް އަޅުކަން ކުރުމުގެ މިނިވަންކަން ދިނުމަށް ޖާބިރު ގޮވައިލެއްވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހެއްކާބެހޭ ބިލަށް ބަހުސްކުރައްވަމުންނެވެ.

”އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގަ މާ މޮޅު ދީންވެރިއަކު ނުއެއް ނެތް. އެންމެން ނަމާދުކުރޭ. އެހެންދީންތަކަށް މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނެ ގޮތުގެ މައްޗަށް…. (ސޫރަތުލް ކާފިރޫންގެ ފަހު އާޔަތް ވިދާޅުވެފައި) މި ޤައުމުގައި އުފައްދަން އެބަޖެހޭ. މާނައަކީ އެހެން ދީންތަކުގެ މީހުންނަށް އައިސް ނަމާދުކޮށް އުޅެވެންވާނޭ.“ ޖާބިރު މަޖިލިހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ޖާބިރުގެ މި މައްސަލަ ބަލަމުންދާކަމަށް މަޖިލީހުން ބުނެފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވެސް ވަނީ ޖާބިރުގެ ވާހަކަ ކުށްވެރިކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންޑިއާ ހައިކޮމިޝަނުން ހުށަހެޅި މައްސަލަ ފުލުހުން ދަނީ ބަލަމުން

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބޭ މައްސަލައާ ގުޅިގެން، އާންމު ރައްޔިތުން މީސްމީޑިއާގައި “އިންޑިއާ އައުޓް” ކިޔުން މައްސަލައަކަށްވެ، ފުލުހުން ...

މިހާރު ހުށަހެޅިފައިމިވާ އިސްލާހުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް ވުރެ މާތަފްސީލީ ގޮތަކަށް އެކުށް ބަޔާންކޮށްފައިވާނެ- ނިހާނ

ރިޝްވަތުގެ ކުށް ޤާނޫނުލް އުޤޫބާތުން އުންޏެއް ނުކުރާނެކަމަށާއި، ނަމަވެސް ރިޝްވަތު ހުއްޓުމަށް މުޅިން އާ ބާބެއް ޤާނޫނުލް އުޤޫބާތަށް ...

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުުކުރަން ހުރަހެއް ނާޅާނަން: ރައީސް

ދައުލަތުގެ ކަންކަމަށް ބަސްބުނެ، ހިޔާލު ފާޅުކުރުމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ...