ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ނަގާ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން އެމްޑީޕީގެ ބައެއް މެމްބަރުން އިސް ނަގައިގެން، ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފައެވެ.
އެ ޕެޓިޝަންގައި ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ސޮއިކުރިއެވެ. އޭގެ ތެރޭގައި މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހިމެނެއެވެ.
އެ ޕެޓިޝަން ހެދި މީހުންގެ އަމާޒަކީ 100 ދުވަހުގެ ތެރޭގައި އެއްލައްކަ މީހުންގެ ސޮއި ހަމަކުރުމެވެ. ރައީސް ނަޝީދު ވަނީ ވީހާވެސް ގިނަ ފަރާތްތައް އެ ޕެޓިޝަންގައި ސޮއި ކުރުމަށް އެދިވަޑައިގެންފައެވެ.
އެ ޕެޓިޝަން އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެކެވެ. ނަމަވެސް އެ ޕެޓިޝަންގައި ސޮއި ނުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ވަނީ ގޮވާލައިފައެވެ.
އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެ ކޯލިޝަން އިން ތާއީދު ކުރާ ނިޒާމެއް ނޫން ކަމަށެވެ. އަދި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީނާ ހަވާލާދީ އަދުރޭ ވަނީ އެ ޕެޓިޝަންގައި ސޮއި ނުކުރުމަށް އެދިފައެވެ.
ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ކަމަށް ނަޝީދު ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ނަމަވެސް އެ ޓްވީޓަކީ ކާކަށް ނުވަތަ ކޮން ބޭފުޅަކަށް ދެއްވި ރައްދެއް ކަމެއް ނޭނގެެއެވެ. ބެލެވެނީ އެއީ އަދުރޭ ދެއްކެވި ވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވި އެއްޗެއް ކަމަށެވެ.
ކޮމެންޓްސް (0)