ބާސެލޯނާގެ ކެޕްޓަން ލައޮނަލް މެސީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މަސައްކަތް ކުރީ މިދިޔަ މަހު 24 ވަނަ ދުވަހު މެސީ އޭނާގެ އުފަން ދުވަސް ފާހަގަކުރިއިރު، ބާސެލޯނާގެ އާ ކޮންޓްރެކްޓްގެ ކަންކަން ރަސްމީކޮށް އިއުލާނުކުރުމަށެވެ. އެހެންނަމަވެސް، އެކަން އެ ގޮތަށް ނުކުރެވުނީ ބާސެލޯނާގެ މުޅި ޓީމުގެ މުސާރަތައް މި ވަގުތު ވަރަށް ބޮޑުކޮށް ހުރުމުން އެ ކޮންޓްރޯލް ކުރުމަށް ވަގުތު ބޭނުންވާތީއެވެ. ކޮންޓްރެކްޓް ހަމަވުމާއެކު ރަސްމީ އުސޫލުން ބަލާއިރު މެސީ އަކީ މިހާރު ބާސެލޯނާ ކުޅުންތެރިއެއް ނޫނެވެ. މިއީ 2000 ވަނަ އަހަރު ޒުވާން އުމުރުގައި ބާސެލޯނާ އަށް ބަދަލުވި ފަހުން މެސީ އަށް ބާސެލޯނާގައި ކޮންޓްރެކްޓެއް ނެތި ދާ ފުރަތަމަ ފަހަރެވެ.
މެސީއާއެކު ބާސެލޯނާ އިން އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް ސޮއިކުރަން ނިންމާފައިވާއިރު، އެކަން ކުރެވެން އޮތީ ބާސެލޯނާގެ މުޅި ސްކޮޑުގެ މުސާރަތައް ލީގުގެ ގަވާއިދު ބުނާ އުސޫލުތަކާ އެއްގޮތަށް ކޮންޓްރޯލް ކުރުމަށް ފަހުގައެވެ. މެސީއާ އެކު ބާސެލޯނާ އިން އާ ކޮންޓްރެކްޓްގައި ސޮއިކުރި ނަމަވެސް އެ އެއްބަސްވުން ރަޖިސްޓްރީ ކޮށްދޭން ލަލީގާ އިން ނިންމާފައިވަނީ ބާސެލޯނާގެ މުޅި މާލީ ހާލަތާއި މުސާރައިގެ ކަންތައްތަކުގެ ފުރިހަމަ ރިޕޯޓްތައް ލިބުމުންނެވެ. އެއީ މެސީ އަކީ ބާސެލޯނާގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ ކަމަށްވާތީއެވެ
ކޮމެންޓްސް (0)