އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެއެވެ.

ރަމްސްފިލްޑުގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވީ އޭނާ ދިރިއުޅުއްވާ ނިޔު މެކްސިކޯގެ ޓާއޯސްގައިކަމަށެވެ. އޭނާ އަވަހާރަވި ސަބަބެއް އަދި ދުވަހެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. އޭނާ އަވަހާރަވެފައިވަނީ ޢުމުރުފުޅުން 88 އަހަރުގައެވެ.

ދެފަހަރެއްގެ މަތިން ރަމްސްފިލްޑުވަނީ އެމެރިކާގެ ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވައިފައެވެ. އެންމެ ފުރަތަމަ އެ މަޤާމު އޭނާ ޢަދާކުރެއްވީ 1970ގެ އަހަރުތަކުގައި އެމެރިކާގެ ކުރީގެ ރައީސް ޖެރަލްޑު ފޯޑުގެ ވެރިކަމުގައެވެ. އޭނާއަކީ އެމެރިކާގެ ދިފާޢީ ވަޒީރުގެ މަޤާމަށް ޢައްޔަންކުރެވުމު އުމުރުން އެންމެ ހަގު ބޭފުޅާއެވެ. އޭގެ ފަހުން އެ މަޤާމާ އޭނާ ޙަވާލުވެވަޑައިގެންފައިވަނީ 2001ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖު ޑަބުލިޔު ބުޝްގެ ވެރިކަމުގައެވެ.

ރަމްސްފިލްޑު މަޝްހޫރުވެފައިވަނީ 2003ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން ޢިރާޤުގައި ފެށި ހަނގުރާމައިގެ އެންމެ އިސް މޭސްތިރިގެ ގޮތުގައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ޢިރާޤުގެ އޭރުގެ ރައީސް ސައްދާމު ޙުސައިންގެ ވެރިކަން ވައްޓާލީ ރަމްސްފިލްޑުގެ އިރުޝާދުގެ ދަށުންނެވެ.

އެމެރިކާއިން ޢިރާޤުގައި ހަނގުރާމަ ފެށީ އެ ޤައުމުގައި ނުރައްކާތެރި ހަތިޔާރު ހުރިކަމަށް ބުނެއެވެ. ނަމަވެސް އެފަދަ އެއްވެސް ހަތިޔާރެއް ޢިރާޤުން ފެނިފައެއް ނުވެއެވެ. ސައްދާމު ޙުސައިންގެ ވެރިކަން ނިމުމަކަށް އައުމުން ޢިރާޤުގައި އުފެދުނު ހަނގުރާމައިގެ ޙާލަތު ހައްލުކުރުމުގައި އެމެރިކާއިންވަނީ ނާކާމިޔާބުވެފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޢިރާޤުގައި އިދިކޮޅު ގިނަ ހަނގުރާމަވެރިންތަކެއް އުފެދި ޙާލަތު ގޯސްވެފައިވަނީ ރަމްސްފިލްޑުގެ ނިންމެވުންތަކުގެ ސަބަބުންނެވެ. ދިފާޢީ ވަޒީރުގެ މަޤާމުން ރަމްސްފިލްޑު އިސްތިޢުފާ ދެއްވީ 2006ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ޑަބްލިއުޑީސީ ގޮނޑި ޕީޕީއެމް އަށް

އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ. ...

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅުއްވައިިފިއެވެ. ޤާާނޫނީ ވަކީލު އަޙްމަދު ޝާން އާއި ...

30 އިންސައްތައިން ގައުމުގެ ރައީސަކު ހަމަޖެއްސުން ބުއްދިވެރިއެއް ނޫން: ރޮޒެއިނާ

30 އިންސައްތައިން ރާއްޖޭގެ ވެރިކަމަށް ރައީސަކު ހަމަޖެއްސެވުމަކީ އެހާ ބުއްދިވެރިކަމެއް ނޫން ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ...