16 އަހަރަށް ފަހު ރިއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް ރިއާލްއިން ބުނެފިއެވެ. މިމަސް ނިމުމާއެކު ރާމޯސް ރިއާލްއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އެހެންކަމުން ރާމޯސް އެހެން ކުލަބަކަށް ބަދަލުވާނީ ހިލޭ ޓްރާންސްފަރ އެއްގެ ގޮތުގައެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިންވެސް ސާޖިއޯ ރާމޯސް ރިއަލް މެޑްރިޑް ދޫކޮށްލާނެކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް ފަހު އަލުން ކޮންޓްރެކްޓް އާކޮށް ރާމޯސް ރިއަލްގައި މަޑުކުރިއެވެ. އުމުރުން 35 އަހަރުގެ ރާމޯސް މިއަންނަ ސީޒަންގައި ފެނުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީއިންނެވެ. ސްޕެއިންގެ ރިއާލް މެޑްރިޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާމޯސް އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށާއި ގިނަ އަހަރުތަކެއް ވަންދެން ޓީމަށް ހިދުމަތް ކުރި ސާޖިއޯ ރާމޯސްގެ ފެއާވެލްގެ ކަންކަން މިއަދުގެ ވަގުތެއްގައި ކުރިއަށް ދާނެކަމަށެވެ.
2005ވަނަ އަހަރު ސެވިއްޔާ ދޫކޮށް ސަޖިއޯ ރާމޯސް ރިއާލް މެޑްރިޑަށްށް ބަދަލްވެފައިވަނީ 27 މިލިއަން ފައުންޑަށެވެ. ރިއާލްއާއެކު ހޭދަކުރި 16 އަހަރުގެ ތެރޭގައި ރާމޯސް ވަނީ 5 ލީގް ތަށި، 2 ސްޕެނިޝް ކަޕް، 4 ޗެންޕިއަންސް ލީގް އަދި 4 ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ރިއާލްގެ އެންމެ ކާމިޔާބު އެއް ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ރިއަލްއަށް 101 ގޯލް ޖަހައިދީފައެވެ.
ހުސްއަތާއި މިއަހަރުގެ ސީޒަން ރިއަލް މެޑްރިޑް ނިންމާފާފައިވާއިރު، އެޓީމުގެ އެންމެ ކާމިޔާބު އެއް ކޯޗް ޒައިނުއްދީން ޒިދާން ވަނީ ރިއާލް ދޫކޮށް ގޮސްފައެވެ. ރިއާލްގެ ކޯޗަކަށް މިހާރު ހަމަޖައްސާފައި ވަނީ އެވަޓަންގެ ކުރީގެ ކޯޗް ކާލޯ އަންޗޮލޮޓީއެވެ. އަންޗޮލޮޓީ ވަނީ މީގެ ކުރިންވެސް ރިއަލްއަށް ކޯޗް ކޮށްދީފައެވެ.
ފޯވާޑުން އެންމެ ބިރު ގަންނަ އެއް ޑިފެންޑަރުކަމަށްވާ ސާޖިއޯ ރާމޯސްއަކީ ވަރަށް ޖެހިލުން ކުޑަ، ވަރަށް އެގްރެސިވްކޮށް ކުޅޭ ކުޅުންތެރިއެކެވެ. ރާމޯސް ވަނީ އޭނާގެ ގައުމް ސްޕެއިންއާއެކުވެސް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި ފީފާ ވޯލްޑް ކަޕާއި 2008 އަދި 2012ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވަނީ ކާމިޔާބުކޮށްފައެވެ. މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިންގެ ސްކޮޑުން ރާމޯސްއަށް ޖާގަ ގެއްލުނީ އަނިޔާގެ މައްސަލައާއި ގުޅިގެންނެވެ.
މަސްދަރު : ޕީއެސްއެމް ނިއުސް
ކޮމެންޓްސް (0)