ޔުއޭފާ ޗެމްޕިއަންސް ލީގު ފައިނަލްމެޗް މިރޭ ކުޅެވޭނެއެވެ. އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޕްރިމިއާލީގު 4 ވަނަ ލިބުނު ޗެލްސީ ބައްދަލުކުރާ މިމެޗަށް މިހާރުވެސް ގިނަ ބަޔަކު ދަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ
ޗެމްޕިއަންސް ލީގުގެ ފައިނަލުން ސިޓީ ފުރުސަތު ހޯދީ ސެމީ ފައިނަލްގައި ފްރާންސްގެ ޕީއެސްޖީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ސިޓީގެ ތާރީހުގައި ވެސް އެޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ.
ޗެލްސީން މިފަހަރުގެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދީ ސެމީފައިނަލްގައި ދޭއް ސުމެއްގެ ނަތީޖާއަކުން ސްޕެއިންގެ ވަރުގަދަ ރެއާލް މެޑްރިޑް ބަލިކޮށްލުމަށްފަހުއެވެ. މި ނަތީޖާ ވެގެންގޮސްފައިވަނީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ނަތީޖާއަކަށެވެ.
ޗެލްސީ ޗެމްޕިއަންސް ލީގުގެ ދެ މުބާރާތެއްގެ ފައިނަލްގައި ކުޅެފައިވާއިރު، އެޓީމުން ވަނީ 2012 ވަނަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ގުންޑޮގާންއަށް ނުކުޅެވޭނެ ކަމަށެވެ. އަދި އޭނާ އަށް އަނިޔާވީ އެންމެ ފަހުން ބޭއްވުން ފަރިތަކުރުންތަކުގައި ކަމަށްވެސް ގާޑިއޯލާ ބުނެފައިވެއެވެ. ޗެލްސީއަކީ ކިތެންމެ ވަރުގަދަ ޓީމަކަށްވި ނަމަވެސް ސިޓީގެ ގޭމް އެޓީމުން މިމެޗްގައި ބަދަލު ނުކުރާނެ ކަމަށާއި އެޓޭކިން ފުޓްބޯޅައެއް ކުޅޭނެ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ސިޓީއަކީ ވަރަށް ކޮލިޓީ ރަނގަޅު ޓީމެއްކަން މި ސީޒަނުގައި އެކްލަބުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން އެޓީމަށް އެޓޭކް ކުރުމުގެ ފުރުސަތު ނުދީ ޕްރެސްކޮށްގެން ރަނގަޅަށް ޑިފެންޑް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ މައްސަލަތަކެއް ނެތް ނަމަވެސް ކާންޓޭ އާއި އެޑްވާޑް މެންޑީއަށް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާއި މެދުގައި ސުވާލު އުފެދިފައިވާކަމަށް ޓުޗެލް ވަނީ ބުނެފައެވެ.
ނިމިގެން ދިޔަ ސީޒަނަށް ބަލާއިރު، އެ ސީޒަނުގައި މި ދެޓީމު ތިންފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ޖެނުއަރީ 3 ވަނަ ދުވަހު މިދެޓީމް ބައްދަލުކުރިމެޗް 3-1 ގެ ނަތީޖާއަކުން ސިޓީ މޮޅުވެފައިވާއިރު އެޕްރީލް 17 ވަނަ ދުވަހު ކުޅެވުނު އެފްއޭކަޕްގެ ސެމީފައިނަލްމެޗްގައި 1-0 ގެ ނަތީޖާއަކުން ސިޓީވަނީ ބަލިވެފައެވެ. އަދި އަދި މެއި މަހުގެ 8 ވަނަ ދުވަހު ކުޅެވުނު ލީގު މެޗްގައިވެސް 2 -1 ގެ ނަތީޖާއަކުން ސިޓީވަނީ ބަލިވެފައެވެ.
އެހެންނަމަވެސް މި ދެޓީމުގެ ބައްދަލުކުރުންތަކުގެ ތާރީޚުތަކަށް ބަލާއިރު ގިނަމެޗްތަކުން މޮޅުވެފައިވަނީ ސިޓީއެވެ. އެހެން ކަމުން ފުޓްބޯޅައިގެ ތަޖުބާކާރުން ލަފާކުރާ ގޮތުގައި މިރޭގެ މެޗުންވެސް ކާމިޔާބު ކުރުން ގާތީ ސިޓީއަށެވެ. ރާއްޖެ ގަޑިން މިރޭ ދަންވަރު 12:00 ގައި ފެށުމަށް ހަމަޖެހިފައިވާ މިމެޗު ބަލާލުމަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުންވެސް ތައްޔާރުވަމުން އަންނައިރު މި މެޗް ބަލަން ދުނިޔޭގެ އެތައް މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތިބީ ކެތް މަދުވެފައެވެ.
ކޮމެންޓްސް (0)