ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހިދުމަތަށް ހުއްދަ ދެވެން ނެތްކަން، އައްޑޫ ސިޓީ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަށް ހެލްތު މިނިސްޓްރީން އަންގާފައިވާކަމަށް އެއިމްސް ކުލިނިކުން ހާމަކޮށްފިއެވެ.
އެއިމްސް ކުލިނިކުން މިކަން ހާމަކޮށްފައިވަނީ އެއިމްސްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން ކުރެއްވި ޓުވިޓެއްގައެވެ. އިހުސާނުގެ ޓުވިޓްގައި ވިދާޅުވެފައިވަނީ އެއިމްސް ކްލިނިކުން އެދިފައިވާ ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އަނގަ ބަހުން ޖަވާބު ދީފައިވާ ކަމަށެވެ. އެހެންކަމުން މި ހިދުމަތް ދިނުމަށް އެ ކްލިނިކުން ކުރަމުން އައި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް އިހުސާނުގެ ޓުވިޓާގައި ވިދާޅުވެފައިވެއެވެ.
ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެއިމްސް އިން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެސް ބޭނުން ކުރަމުން އަންނަ އެންޓިބޮޑީ ޓެސްޓު ހެދޭ އެފިއަސް 6 ގެ ސިސްޓަމެއް ހޯދާފައެވެ. މި ހިދުމަތް ފެށުމުގެ ހުއްދަަ އަށް އެދި އެއިމްސް އިން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަށް ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.
ކޮވިޑް-19 ގެ ޓެސްޓު މިހާރު ހަދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ ލެބް، އަދި އޭޑީކޭގައެވެ.
އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރަސްމީ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެއެެވެ.
އެއިމްސް އަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި ސިއްހީ ހިދްމަތް ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އެތަނުން އަންނަނީ އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން ޓެލެމެޑިސިންގެ ހިދްމަތްވެސް ފޯރުކޮށްދެމުންނެވެ.
ކޮމެންޓްސް (0)