Advertisementއެންމެންނަށްވެސް އިންސާފްވެރި ޝަރީއަތްތަކެއް ކުރިއަށް ގެންދިއުމަށް ގޮވާލާނޭކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ( އެމްޓީޑީ ) އިން ބުނެފިއެވެ.
މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ( އެމްޓީޑީ ) އިން ބޭއްވި ބައްދަލުވުމެއްގައި އެޕާޓީ އުފެއްދުމުގައި އުޅުއްވާ މުވައްސިސް އިސްމާއީލް އާސިފް ވިދާޅުވީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު އެމްޓީޑީއަށް ސޮއިކުރުމާއެކު މީޑިއާގައި އެކަން ވަރަށްބޮޑަށް ފާހަގަކޮށް ފޯކަސް އެހެން ދިމާލަކަށް ގެންދިއުމަށް މަސައްކަތްތަކެއް ކުރިތަން ފެނިގެން ގޮސްފައިވާކަމަށެވެ.
އާސިފް ވިދާޅުވީ ސިޔާސީ ދާއިރާގައި އުޅުމަކީ ހުރިހާ ދިވެހީންނަށްވެސް ލިބިފައިވާ ހައްގެއްކަމަށާ އަދި ވަކިބައެއްގެ ކޮރޮޕްޝަންގެ ވާހަކަ ދައްކާ ދެންތިބި މީހުންގެ ވާހަކަ ނުދައްކަނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އަދީބުގެ މައްސަލަ މީޑިއާގައި ސަމާލުކަމަށް ގެންނައިރު ކުރީގެ ރައީސް ޔާމީނުގެވާހަކަ މީޑިއާތަކުން ނުގެންނާތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށްވެސް އާސިފް ވިދާޅުވިއެވެ. އާސިފް ވިދާޅުވީ އެމްޓީޑީން އެޕާޓީގެ މެމްބަރުންގެ ދިފާއުގައި ވާހަކަ ދައްކަވާނެކަމަށާ އެހެންނަމަވެސް އަބަދު ގޮވާލާނީ އިންސާފްވެރި ޝަރީއަތްތަކެއް ކުރިއަށްގެންދިއުމަށްކަމަށެވެ.
” އަޅުގަޑުމެންނަށް ވަރަށްބޮޑަށް ކަންބޮޑުވާ މައްސަލައެއް އަދީބުގެ ވާހަކަ އައިސްފައި ޔާމީންގެ ވާހަކަ ނާއަންނަ މައްސަލަ . މިޕާޓީގެ ފަރާތުން މިބުނަނީ އަޅުގަޑުމެން ބޭނުމޭ ނުފޫޒެއް ނުފޯރާގޮތައް ކޯޓުތަކުން ހުކުމް ކުރެވޭ ދުވަހެއް . ތަހުގީގު ކުރެވޭ ދުވަހެއް . އަޅުގަޑުމެން އެއް އިރެއްގައިވެސް ނުބުނަސް ކުށްވެރީން ދޫކުރާކަށް . ޝަރުއީ ކޯޓްތަކުގެ ނިޒާމް ބަދަލުކުރާކަށް ނުގޮވަން . އަޅުގަޑުމެންގެ ހަމައެކަނި ސްޓޭންޑަކީ ނުފޫޒެއް ނުފޯރާގޮތައް ކޯޓުތަކުން ހުކުމް ކުރެވޭ ދުވަހެއް . އިސްމާއީލް އާސިފް ވިދާޅުވިއެވެ.
މީގެ އިތުރަށް މިޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެމްޓީޑީގެ މުވައްސިސް އާސިފް ވިދާޅުވީ އެމްޓީޑީ ރަޖިސްޓްރީކުރުމަށް ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށްފައިވާކަމަށާ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުގެ މަސައްކަތް ކުރަމުންއަންނަކަމަށެވެ.
މީގެ އިތުރަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބް ދެއްވަމުން އާސިފް ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދު ނުކުރާކަމަށާ އެފަދަ ވިސްނުންފުޅެއްވެސް ނުގެންގުޅުއްވާކަމަށެވެ. ބަރުލަމާނީ ނިޒާމްގެ ދަށުން ވެރިކަން ކުރަމުންދާ ސްރީލަންކާއަށް އިޝާރާތްކުރައްވާ އާސިފް ވިދާޅުވީ އެގައުމު މިހާރުއޮތް ހާލަތަށް ވެއްޓިގެންދިޔައީ ބަރުލަމާނީ ނިޒާމެއްގެ ސަބަބުންކަމަށެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ކުރާ ރަގަޅު ކަންތައްތަކަށް ތާއީދު ކުރާނެކަމަށާ އަދި ނުރަގަޅު ކަންތައްތަކަށް ތާއީދު ނުކުރާނެކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން މިހާތަނަށް ކުރިއަށްދާގޮތް ރަގަޅުކަމަށާ އަދި ކުރިއަށް ގެންދާކަންކަމަށް ފުރިހަމައަށް ތާއީދު ކުރާކަމަށް އާސިފް ވިދާޅުވިއެވެ.
ކޮމެންޓްސް (0)