ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އާއި ބައްދަލުކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެވެ.
ރޭ ސީއެސްކޭގެ ދަނޑުގައި ކުޅެވުނު މިމެޗު ސީއެސްކޭއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ސީއެސްކޭއަށް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު މެޗް ފެށިގެން 2 މިނިޓްގެ ތެރޭގައި ރެއާލްގެ ޓޯނީ ކްރޫސް އާއި ރަފައެލް ވެރޭން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ސީއެސްކޭއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ނިކޮލާ ވަސިޗްއެވެ.
ސީއެސްކޭއޭ އިން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދުމުން ރެއާލްމެޑްރިޑުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސީއެސްކޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވި ނަމަވެސް މިމެޗް ނިމިގެން ދިޔައީ ރެއާލްމެޑްރިޑަށް ލަނޑެއް ކާމިޔާބުނުކުރެވި 1 ލަނޑު 0 ލަނޑުން ރެއާލްމެޑްރިޑް ބަލިވެގެންނެވެ.
ރޭގެ މެޗުގައި ރެއާލްމެޑްރިޑަށް ލަނޑެއް ކާމިޔާބު ނުކުރެވުނުއިރު، މިއީ 2016 އޭޕްރިލް ގައި މެންޗެސްޓާ ސިޓީއާ ބައްދަލުކުރި މެޗުގެ ފަހުން ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.
އަދި މީގެ އިތުރަށް ރެއާލްމެޑްރިޑު އެންމެ ފަހުން ސްޕެނިޝް ލީގުގައި ކުޅުނު 2 މެޗުގައިވެސް ލަނޑެއް ޖެހިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
ސްޕެނިޝްލީގުގައި އެންމެ ފަހުން އެތުލެޓިކޯ މެޑްރިޑާއި ރެއާލްމެޑްރިޑަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، އޭގެ ކުރިން ކުޅުނު މެޗުން ސެވިއްޔާއާއި ބައްދަލުކޮށް ބަލިވެފައިވަނީ 3 ލަނޑު 0 ލަނޑުންނެވެ.
ތިރީގައިވަނީ ރެއާލް މެޑްރިޑާއި ސީއެސްކޭ ބައްދަލުކުރިމެޗްގެ ތެރެއިން ނެގިފައިވާ ފޮޓޯ
ކޮމެންޓްސް (0)