ރާއްޖޭގެ ވެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކަށް ގޮސް ސަލާން ޖަހަން ނުޖެހޭނެ ކަމަށާއި މި ގައުމުގެ ވެރިކަން ހޯދުމަށް އީޔޫ އަށް ވެސް ދާން ނުޖެހޭނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ އަހުން ވެސް ރައީސް ޔާމީން އާއި އެކު، މި ނަމުގައި ހއ އިހަވަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި އެކު ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، އީޔޫއަށް ގޮސް އެކި ކަހަލަ ބަޔާންތައް ނެރުމަށް މަސައްކަތް ކުރާ ފަރާތްތަކަކީ ގައުމަށް ޚިދުމަތްކުރަން ވިސްނާ ފަރާތްތަކެއް ކަމަށް ދިވެހިން ޤަބޫލު ނުކުރާ ކަމަށެވެ.
އަހުން ވެސް ރައީސް ޔާމީންއާއި އެކު މިޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އިދިކޮޅު ކޯލިޝަނުގެ އެއްވެސް މިސްރާބެއް ފެންނަން ނެތް ކަމަށްެވެ. އަދި މިސްރާބެއް އަމާޒެއް ސިޔާސަތެއް ނެތް ލީޑާ ޝިޕަކުން އުފަންވާނެ ތަރައްޤީއެއް ކުރިއެރުމެތް ނެތް ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އަދި މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ދައުރަކީ އެ ގައުމެއްގެ ރައްޔިތުން ޒަމާނުއްސުރެ ގަބޫލުކުރަމުން ދިޔަ އަސާސުތައް ފުނޑާލުން ނޫން ކަމަށާއި އެ ފަރާތުގެ ދައުރަކަށް ވާން ޖެހޭނީ އިދިކޮޅު ޚިޔާލާއި އެކު ވެސް ތަރައްޤީއަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވެ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި އިދިކޮޅު ޕާޓީތަކުން އަދާކުރަން ޖެހޭ ދައުރު އަދާ ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހި ރައްޔިތުން ރައީސް ޔާމީންއާއި އެކު މިއަދު ތިބީ ތަރައްޤީ ބޭނުންވާތީ ކަމަށާއި ރައީސް ޔާމީން މިއަހަރުގެ ރިޔާސީ އިންތިޚާބު ގައި ބޮޑު ތަފާތަކާއި އެކު ކާމިޔާބުުރައްވާނެކަން ރައްޔިތުން ޤަބޫލުކުރާ ކަމަށެވެ. އަހުން ވެސް ރައީސް ޔާމީން އާއި އެކު ނަމުގައި ހއ އިހަވަންދޫގައި ކުރިއަށް ދިޔަ ފޯރިގަދަ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ކޮމެންޓްސް (0)