“އަލް-ޝިފާ ހަސްފަތާލުގައި ތިބި ބަލިމީހުންގެ ހާލަތު ސީރިޔަސް”

ފަަލަސްޠީނުގެ ޣައްޒާގެ އަލް-ޝިފާ ހަސްފަތާލުގެ ތެރެއަށް ގަދަ ބާރުން ވަދެގަނެ, ޔަހޫދީ ސިފައިން ހިންގި ގަތުލުއާންމާ ގުޅިގެން, އެ ތަނުުގައި ތިބި ބަލިމީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ކުރިއަށް އޮތް ދުވަސްތަކުގައި ޝަހީދުވާނެ ކަމަށް ވިދާޅުވެ, ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް އިންޒާރު ދެއްވައިފިއެވެ. ޣައްޒާގެ އެންމެ ބޮޑު ހަސްފަތާލުގައި ޔަހޫދީ ސިފައިން ދެ ހަފުތާއެއްހާ ދުވަހު ހިންގި ޢުދުވާނާއި ގަތުލުއާންމަށް ފަހު އެ ތަނުގެ ގިނަ ޢިމާރާތްތަކެއް ވަނީ ސުންނާފަތި ކޮށްލާފައެވެ.

މި ޢުދުވާނުގައި ޔަހޫދީ ސިފައިން ވަނީ ހަސްފަތާލުން 400އެއްހާ މީހުން ޝަހީދު ކޮށްލާފައެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ހިފައި, ހައްޔަރު ކޮށްގެން ގެންގޮސްފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ބަލިމީހުންނާއި, ޑޮކްޓަރުންނާއި, ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ. އަދި, ޔަހޫދީ ފައުޖުން ޣައްޒާގެ ގެދޮރަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުން ރައްކާތެރިކަން ހޯދަމުން ދިޔަ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ހިމެނެއެވެ.

ޓެޑްރޯސް ވިދާޅުވީ, ހަސްފަތާލުގައި މި ވަގުތު ތިބި ބަލި މީހުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ޞިއްޙީ ފަރުވާ ދިނުމަށް އެހެން ހަސްފަތާލުތަކަށް ބަދަލު ކުރަން ޖެހިފައިވާ ކަމުގައެވެ. “ޞިއްޙީ ފަރުވާއަށް އެހެން ތަންތަނަށް ބަދަލު ކުރަން ޖެހިފައިވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުން. އެ މަސައްކަތްތައް މިހާރު ވެސް ހިނގަނީ ވަރަށް މަޑު ދުވެއްޔެގައި،” ޓެޑްރޯސް ވިދާޅުވިއެވެ.

“ބަލިމީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ޞިއްޙީ ޚިދުމަތްތައް އަލް-ޝިފާ [ހަސްފަތާލުގައި] ލިބެން ނެތުމާއި, ފަރުވާ ދިނުމަށް އެ މީހުން އެހެން ތަންތަނަށް ބަދަލު ކުރުން ލަސްވުމާ ގުޅިގެން އިތުރު ބަޔަކު ޝަހީދުވާނެ. އެ މީހުން އެހެން ޞިއްޙީ މަރުކަޒުތަކަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ.”

ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓެޓިވް ރިޗަރޑް ޕީޕަރކޯން ވިދާޅުވީ, ޔަހޫދީ ފައުޖުން އަލް-ޝިފާ ހަސްފަތާލުގެ ގިނަ ޢިމާރާތްތައް ސުންނާފަތި ކޮށްލުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ޞިއްޙީ ފަރުވާއިން މަހުރޫމުވެފައިވާ ކަމުގައެވެ. އެ ތަނުގައި ތިބި ބަލި މީހުން އެހެން ހަސްފަތާލުތަކަށް ބަދަލު ކުރަން މަޖުބޫރުވެފައިވާއިރު, ޣައްޒާގައި އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ އިތުރު ހަސްފަތާލެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

“އެކަށީގެންވާ ފެންވަރެއްގައި ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ޣައްޒާގައި މި ވަގުތު ނެތް ކަން ބަލައިގަންނަން ޖެހޭ. ޣައްޒާގެ ޞިއްޙީ ނިޒާމު މި ވަގުތު އޮތީ ކުޑަކަކޫ ޖަހައިގެން. [ޞިއްޙީ ނިޒާމު] އެކަށީގެންނުވޭ. [އެ ނިޒާމު] ފުރިހަމައެއް ނޫން،” ޕީޕަރކޯން ވިދާޅުވިއެވެ.
ޓެޑްރޯސް ވިދާޅުވީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގައި ޣައްޒާގެ 36 ހަސްފަތާލަށް ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމުގައެވެ. އަދި, އޭގެ ތެރެއިން މި ވަގުތު ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދެވެނީ 10 ވަރަކަށް ހަސްފަތާލުން ކަމަށާއި, އެ ތަންތަނުން ވެސް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދެވެމުން ނުދާ ކަމުގައެވެ.

ޔަހޫދީންގެ ޢުދުވާނުގައި އަލް-ޝިފާ ހަސްފަތާލުގެ މައި ތިން ޢިމާރާތް ވަނީ ސުންނާފަތިކޮށް, ބިމާ ހަމަ ކޮށްލާފައެވެ. އޭގެ ތެރޭގައި މައި އެމަރޖެންސީ ރޫމާއި, މާބަނޑު އަންހެނުންނަށް ޚިދުމަތްދޭ ވޯޑާއި ހަސްފަތާލުގެ އެނެކްސް ޢިމާރާތް ވެސް ހިމެނެއެވެ. މިއީ, އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ޢުދުވާންތައް ފެށި ފަހުން ޝިފާ ހަސްފަތާލުގެ ތެރެއަށް ގަދަ ބާރުން ވަދެ, ގަތުލުއާންމެއް ހިންގާފައިވާ ދެވަނަ ފަހަރެވެ.

ޓެޑްރޯސް ވިދާޅުވީ, އެ ހަސްފަތާލަށް ޒިޔާރަތްކޮށް, އެ ތަނުގެ ހާލަތު ވަޒަން ކުރުމަށް ޑަބްލިޔުއެޗްއޯގެ ޓީމެއް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް, މިހާރު ވެސް އެ ތަން އޮތީ ވަރަށް ދަށް ހާލަތެއްގައި ކަން އެނގޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,975އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,577އަށް އުފުލިފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާގެ އެއްވެސް އެހީއެއް ބަލައިނުގަތުމަށް ފަލަސްތީނުގެ މަދަނީ ޖަމާޢަތްތަކުން ނިންމައިފި

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އިސްރާއީލުން ނިންމި ނިންމުން ބަލައިގަތުމަށާއި އިސްރާއީލުގައިވާ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ...

ހިންދޫ ދީން ފަތުރަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި

ހިންދޫ ދީން ފެތުރުމަށް ރާއްޖޭގައި ކުލާސްތަކެއް ނަގަން އުޅުނު މީހާ ޑީޕޯޓްކޮށްލައިފި އެވެ މާލޭގެ ހޮޓަލެއްގައި “ސްޕިރިޗުއަލް ހީލާ”އެއްގެ ...

އަލް-ޝިފާ ހޮސްޕިޓަލް ސުންނާފަތިކޮށް, 400އެއްހާ މީހުން ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގައި ހުންނަ އަލް-ޝިފާ ހަސްފަތާލު ސުންނާފަތިކޮށް, 400އެއްހާ މީހުން ޝަހީދު ކޮށްލުމަށް ފަހު ޔަހޫދީ ފައުޖުގެ ޖައްބާރު ...